ހިތްހެޔޮ ޖީލެއް ބިނާކުރުން: އޯގާތެރިކަމާއި ލޯތްބަކީ ތަރުބިއްޔަތުގެ އަސާސް

ކޮންމެ މައިންބަފައިންނެއްގެވެސް އެންމެ ބޮޑު އުންމީދަކީ އެމީހުންގެ ދަރިންނަކީ މުޖުތަމަޢަށް ފައިދާހުރި، ހިތްހެޔޮ އަދި އޯގާތެރި ބަޔަކަށް ހެދުމެވެ. މިކަން ކާމިޔާބު ކުރެވެނީ ހަމައެކަނި މަދަރުސާތަކުން ދޭ ތަޢުލީމަކުން ނޫނެވެ. އޭގެ ބަދަލުގައި، ކުދިންގެ ތަރުބިއްޔަތުގެ އެންމެ ވަރުގަދަ ބިންގަލަކީ އާއިލާގެ ތެރެއިން އެކުދިންނަށް ލިބޭ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަމެވެ. ހަރުކަށިކަމާއެކު އަދަބު ދިނުމާއި ހަޅޭއްލެވުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބޭ ކަމެކެވެ. މީގެ އިތުރުން، އިސްލާމްދީނުގައިވެސް ކުޑަކުދިންނަށް އޯގާތެރިވުމަށާއި، ކެތްތެރިކަމާއެކު އެކުދިންނާ މުޢާމަލާތްކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އުފާވެރި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި، ކުދިން ކޮންޓްރޯލްކުރުމުގެ ބަދަލުގައި އެކުދިންނާއެކު އޮންނަ ގުޅުން ބަދަހިކޮށް، ގިނަ ވަގުތު ހޭދަކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

  • ކުދިންގެ ތަރުބިއްޔަތު ފެށެނީ ގޭތެރެއިން ލިބޭ ލޯތްބާއި ކުދިންނަށް ކުރެވޭ އިޙުސާސްތަކުގެ ތެރެއިންނެވެ.
  • ހަޅޭއްލެވުމާއި ރުޅިވެރިކަން އިސްކުރުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ދޭ ކަމެކެވެ.
  • އަދަބުދިނުމުގައި ހަރުކަށިވުމުގެ ސަބަބުން ކުދިންގެ ކިބައިގައި ނުކިޔަމަންތެރިކަން އުފެދެއެވެ.
  • އިސްލާމްދީނުގައި ބާރުއަޅުއްވާފައިވަނީ ކުޑަކުދިންނަށް ރަޙުމުކުރުމަށާއި އޯގާތެރިކަމާއެކު މުޢާމަލާތްކުރުމަށެވެ.
  • ކުދިންނާއެކު ހުސް ވަގުތު ހޭދަކޮށް، ލޯބިން ވާހަކަދެއްކުމަކީ ގުޅުން ބަދަހިކުރުމަށް އޮތް އެންމެ މުހިންމު މަގެވެ.

ކޮންމެ މަންމައަކާއިބައްޕައެއްގެ ހިތުގެއަޑީގައި ބިންވަޅު ނެގިފައިވާ އެންމެ ބޮޑު އުންމީދަކީ، އެބައިމީހުންގެ ދަރިންނަކީ ހިތްހެޔޮ، އޯގާތެރި، އަދި ހެޔޮލަފާ އަޚުލާގެއްގެވެރި ބަޔަކަށްވުމެވެ. މުޖުތަމައަށް އަމާންކަމާއި ރައްކާތެރިކަން ގެނެސްދޭނެފަދަ ނަމޫނާ ދަރިންތަކަކަށް އެކުދިންވުމަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް އެންމެ ބޮޑު ހުވަފެނެވެ. މި މިމަގަށް އެޅޭ ބިންގަލުގެ ފެށުމަކީ ކޮބައިހެއްޔެވެ؟

ކުދިންގެ ތަރުބިއްޔަތުގެ ބިންގަލަކީ އެކުދިން ކުރާ ތަޖުރިބާއިން ކުރެވޭ އިހްސާސްތަކެވެ.

ކުދިންގެ ތަރުބިއްޔަތަކީ ހަމައެކަނި މަދަރުސާތަކަކުން، ނުވަތަ ހަރުކަށި އުސޫލުތަކަކާއި އަދަބުދިނުމުގެ ތާވަލުތަކަކުން ހާސިލުކުރެވޭނެ ކަމެއް ނޫނެވެ. މި މުހިންމު ބިންގާ އެޅެނީ ގޭތެރެއިންނެވެ. އެއީ އަޅުގަނޑުމެން ކުދިންނާ ވާހަކަދައްކާ ރާގާއި، އެކުދިންނަށް ކުށެއް ކުރެވޭ ހިނދު އަޅުގަނޑުމެން އަމަލުކުރާ ގޮތުގެ މައްޗަށެވެ. ހަމައެފަދައިން، ހަޅޭއްލަވައިގަންނަން އެންމެ ފަސޭހަ ވަގުތުތަކުގައި އިޚްތިޔާރުކުރާ ކެތްތެރިކަމަކީ، ކުއްޖާގެ ތަރުބިއްޔަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކަންތަކެވެ. އެހެންކަމުން، ކުދިންނަކީ ހިތްހެޔޮ ބަޔަކަށް ހަދަން ބޭނުންވާނަމަ، އެންމެ ފުރަތަމަ އެކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ދޭންޖެހެއެވެ. ސަބަބަކީ، ކުއްޖެއްގެ ތަރުބިއްޔަތުގެ ބިންގާ ބިނާވަނީ އާއިލާގެ ތެރެއިން ލިބޭ އޯގާތެރިކަމުގެ މައްޗަށް ކަމަށްވާތީއެވެ.

https://sun.mv/220642

ދިރާސާތަކުން ސާބިތުވާ ގޮތުގައި، ކުދިންގެ ތަރުބިއްޔަތު ބިނާވަނީ އެކުދިންގެ ވަށައިގެންވާ މާހައުލުން ފެންނަ ކަންތައްތަކުގެ މައްޗަށެވެ. ކުދިންނާ މުޢާމަލާތްކުރުމުގައި ރުޅިވެރިކަން އިސްކުރުމާއި، ހަޅޭއްލެވުމާއި، ހަޑިހުތުރު ބަސްތައް ބޭނުންކުރުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިއާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބޭ ކަންކަމެވެ. ތަރުބިއްޔަތާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، އަދަބު ދިނުމުގައި ހަރުކަށިކަން އިސްކުރުމަކީ ކުދިންގެ ކިބައިގައި ބަދަލުހިފުމުގެ ރޫހާއި ނުކިޔަމަންތެރިކަން އުފެއްދުމަށް މަގުފަހިވާ ކަމެކެވެ. އޭގެ ބަދަލުގައި، އޯގާތެރިކަމާއެކު މުޢާމަލާތްކުރުމުން އެކުދިންގެ މުޅި ދިރިއުޅުން ހެޔޮމަގަށް ބަދަލުވެގެންދެއެވެ.

ދުނިޔޭގެ އުފާވެރިކަމުގެ މިންގަނޑުތައް ބަލާ "ވާރލްޑް ހެޕިނަސް ރިޕޯޓް" އިން ފާހަގަކުރާ ގޮތުގައި، އުފާވެރި މުޖުތަމައެއް ބިނާކުރުމުގެ އަސްލަކީ އެ މުޖުތަމައެއްގެ ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަމާއި ލޯތްބެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ކުޑައިރު ލޯތްބާއި އޯގާތެރިކަން ލިބޭ ކުދިން ބޮޑުވާއިރު މުޖުތަމައަށް ފައިދާހުރި، ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެއެވެ. އަދި އާއިލާގެ ތެރޭގައި އޮންނަ ބަދަހި ގުޅުމަކީ ކުއްޖާގެ މުސްތަގުބަލުގެ އުފާވެރިކަން ކަނޑައަޅައިދޭ އެންމެ މުހިންމު ތަނބެވެ.

ދަރިން ތަރުބިއްޔަތު ކުރުން: އިސްލާމީ ނަޒަރިއްޔާއަކުން ބުނެދޭ ފިލާވަޅުތައް

އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ބަލާއިރު، ދަރިން ތަރުބިއްޔަތު ކުރުމުގައި އޯގާތެރިކަމާއި މަޑުމައިތިރިކަން އިސްކުރުމަކީ ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ކީރިތި ގުރުއާނުގެ އާޔަތްތަކުން އަޅުގަނޑުމެންނަށް އިރުޝާދުދެނީ، މީސްތަކުންގެ ހިތްތައް ފަތަހަ ކުރެވެނީ ހަރުކަށިވުމުގެ ބަދަލުގައި އޯގާތެރިވެގެންކަމުގައެވެ. އެގޮތުން އާލްޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި މާތް الله ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " އެއުރެންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ الله ގެ ހަޟްރަތުންލެއްވި ރަހުމަތެއްގެ ސަބަބުންނެވެ. ކަލޭގެފާނަކީ ހިތްޕުޅު ހަރުކަށި، ޚުލްޤު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ."

ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ފެންނަން އޮތީވެސް ކުޑަކުދިންނަށް އޯގާތެރިވުމުގެ ރިތި ނަމޫނާއެވެ. އަޅުގަނޑުމެންގެ ތެރެއިންވާ ކުޑަކުދިންނަށް ރަހުމް ނުކުރާ މީހަކީ މިއުންމަތުގެ ތެރެއިންވާ މީހެއް ނޫންކަމުގައި ކީރިތި ރަސޫލާ ﷺ ހަދީސްފުޅު ކުރެއްވިކަމުގައި ވެއެވެ. އަދި އެކަލޭގެފާނު ނަމާދަށް ހުންނަވާއިރު، ކާފަދަރިކަލުން އައިސް ބުރަކަށިފުޅަށް އެރުމުން، އެދަރިފުޅަށް އުނދަގޫވެދާނެތީ ސަޖިދަ ދިގުކުރެއްވިކަން އެކަލޭގެފާނުގެ ސިޔަރަތުން އެނގެން އެބައޮތެވެ. މިއިން ކޮންމެ ކަމަކީވެސް ކުދިންނަށް ލޯތްބާއި އަޅާލުން ދިނުމުން، އެކުދިންގެ ކިބައިގައި އަދަބުވެރިކަމާއި ހިތްހެޔޮކަން އަށަގަންނާނެކަމުގެ ދަލީލުތަކެވެ.

https://sun.mv/217657

އެހެންކަމުން، އަޅުގަނޑުމެންގެ ދަރިންނަކީ ހިތްހެޔޮ، އޯގާތެރި ބަޔަކަށް ހެދުމަށްޓަކައި، އެކުދިންނަށް ހަޅޭއްލަވައި އެއްޗެހި ކިޔުން ހުއްޓާލަންޖެހެއެވެ. ކުދިންގެ ކުރިމަތީގައި ނަމޫނާ ދައްކަންވާނީ ލޯތްބާއި ކެތްތެރިކަމާއެކުގައެވެ. ދަރިންނަށް ދެވޭ އެންމެ އަގުބޮޑު ހަދިޔާއަކީ އެކުދިންނަށް ދެވޭ ވަގުތާއި، އޯގާތެރި ބަހަކާއި، އިންތިހާ ލޯތްބެވެ. އޭރުން އަޅުގަނޑުމެން މި އެދޭ ފަދަ ހިތްހެޔޮ، އޯގާތެރި އަދި މުޖުތަމައަށް ފައިދާހުރި ޖީލެއް ބިނާކުރެވޭނެއެވެ.

އަހަރެންގެ ޒިންމާ: އުފާވެރި، އަޅާލާ، އޯގާތެރި ޖީލެއް ބިނާކުރުން

އެހެންކަމުން، އަޅުގަނޑުމެން އަމިއްލަ ނަފްސާ ކުރަންވީ ސުވާލަކީ "ކުދިން ކޮންޓްރޯލް ކުރާނީ ކިހިނެއްތޯ؟" އެއް ނޫނެވެ. އޭގެ ބަދަލުގައި، އަޅުގަނޑުމެންގެ ކުރަންވީ ސުވާލަކީ "ކުދިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރާނީ ކިހިނެއްތޯ؟" އެވެ.

ހަޅޭއްލަވައިގަތުގެ ކުރިން ހިމޭންވެލާ، ފުންނޭވާއެއްލާ، ވިސްނާލާށެވެ. ނުތަނަވަސްކަން އިހުސާސްކުރެވޭ ވަގުތު ކެތްތެރިވާން ހަނދާންކުރާށެވެ. ކުދިންގެ ފަރާތުން ފެނުމަށްއެދޭ އަޅާލުމާ އޯގާތެރިކަން އެކުދިންނަށް ދެމާ ހިނގާށެވެ. އެކުދިންނަށް ވަގުތުދީގެންނެވެ. ލޯތްބާއެކު ބުނެލާ އޯގާތެރި ބަސްތަކުންނެވެ.

ކިތަންމެ އުނދަގޫ ތާވަލެއްގެ ތެރެއިންވިޔަސް، ހަފްތާއަކު މަދުވެގެން އެއްފަހަރު ކުދިންނާއެކު ޕާކަށް ނުވަތަ މޫދަށް ނުވަތަ ހިނގާލަން ގޮސްލާށެވެ. އެވަގުތު އެކީ ކުދިންނަށް ހުސްކުުރާށެވެ. އަމިއްލަ ކަންތައްތައް އެވަގުތަށް ތާވަލު ނުކުރާށެވެ.

އަޅުގަނޑުމެންގެ ކުދިން ތަޖުރިބާކުރާ އޯގާތެރިކަމުގެ ކޮންމެ ހިނދުކޮޅަކީ މުސްތަގުބަލަށް އިންދޭ އަގުހުރި އޮށެކެވެ. މިމަގަށް އަޅުގަނޑުމެންގެ ވިސްނުމާ، ބަހާ، އަމަލު ބެހެއްޓުމުގެ ހެޔޮތައުފީގު މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި!

ގުޅޭ ޓެގު
comment ކޮމެންޓް