އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރަން ފަށައި، ހުއްޓިފައި ހުރި ސިޓީ ހޮޓަލަށް ކުރި 20 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްގެ ބަދަލުގައި، 40،000 އަކަފޫޓުގެ ބިމެއް ހުޅުމާލެއިން ދީފިއެވެ.
ހުޅުމާލޭގައި އެސްޓީއޯ އިން ހަދަން ފަށައި، އެކަމަކު މަސައްކަތް އެއްކޮށް ހުއްޓިފައިވާތާ ގިނަ ދުވަސްތަކެއް ޥެފައިވާ ހޮޓަލުގެ ބަދަލުގައި 40،000 އަކަފޫޓުގެ ބިމެއް ދީ، ކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމިފައިވާ ކަމަށް އެސްޓީއޯއިން ވަނީ މިދިޔަ އަހަރު ބުނެފައެވެ.
އެކަމާ ގުޅޭ ޝަރުއީ ކަންކަން ނިމުނީ ބުދަ ދުވަހެވެ. ސިވިލް ކޯޓުން މި މައްސަލަ ނިންމީ، ގާޒީ ޒުލައިޚާ ޝީޒާއެވެ.
އެސްޓީއޯގެ ސިޓީ ހޮޓަލަކީ އެ ކުންފުންޏަށް ޑޮލަރު ހޯދަން އެ ކުންފުނީގެ ބޯޑުން 2006 ގައި ނިންމައިގެން ފެށި މަސައްކަތެކެވެ. މި ނިންމުމުގެ ދަށުން "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެއް އަޅަން ފެށީ 2011 ގައެވެ.
އޭގެ ފަހުން، އެ ތަނުގެ މަސައްކަތް ހުއްޓުމާ ގުޅިގެން، އެކި ފަހަރު މަތިން އެތަން ވިއްކާލަން އެސްޓީއޯއިން މަސައްކަތް ކުރިއެވެ. އަދި މި ތަނަށް ބޮޑު އިންވެސްޓެއްކޮށް، އެއްވެސް އާމްދަނީއެއް ނުލިބި ގިނަ ދުވަސްވާތީ އެ ކުންފުންޏަށް ދިޔައީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
އެސްޓީއޯއިން ވަނީ މީގެ ކުރިން އެޗްޑީސީއާ ގުޅިގެން ވެސް ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ ހޮޓަލުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. ސިޓީ ހޮޓަލުގެ އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައި ނިމިފައި އޮތް ނަމަވެސް އިތުރު މަސައްކަތެއް ނުކޮށް ހޮޓަލުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.