މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިއަނަށް، އިތުރުވީ އެއް ޕަސެންޓް

އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހީމް: މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިއަނަށް އެރި -- ފޮޓޯ/ އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނީ 280 މިލިއަން ރުފިޔާ ކަމަށްވާއިރު، އެއީ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު އެންމެ ޕަސެންޓެއްގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

އެސްޓީއޯއިން މިއަދު ވަނީ ދެވަނަ ކުއާޓަރުގައި އެ ކުންފުނީގެ މާލީ ހާލަތަށް އައި ބަދަލުތަކުގެ ރިޕޯޓު ނެރެފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓަރުގައި އެ އަދަދު އިތުރުވީ 280 މިލިއަން ރުފިޔާއަށެވެ. ނަމަވެސް

ކުންފުނީގެ ޖުމްލަ އާމްދަނީއަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި 5.49 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 6.98 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި، ފުރަތަމަ ކުއާޓަރުގެ އާމްދަނީއާ އަޅައިބަލާއިރު ދެވަނަ ކުއާޓަރުގައި އާމްދަނީ 33 އިންސައްތަ އިތުރުވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އަގަށް ގެނައި ބަދަލާއެކު ތެޔޮ ވިއްކި މިންވަރު އިތުރުވުމުގެ ސަބަބުންނެވެ.

ތެލުގެ ވިޔަފާރީގެ އިތުރުން، ކުންފުނީގެ އެހެނިހެން ދާއިރާތަކުން ވެސް އާމްދަނީއަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައި ކަމަށް ރިޕޯޓުގައިވެއެވެ.

އެސްޓީއޯއިން ވަނީ، ކުންފުނީގެ އޮޕަރޭޝަންތަކާއި އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމުގެ ގޮތުން، ފުރަތަމަ ކުއާޓަރުގައި ތެޔޮ އުފުލާ އިތުރު ޓޭންކަރެއް ގަނެ، ތެލުގެ އޮޕަރޭޝަންތައް ފުޅާކޮށްފައިވާކަން ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ދިގުމުއްދަތުގެ މާލީ މަންފާ ހޯދުމަށްޓަކައި ޓްރެޒަރީ ބިލްތަކާއި ޓާމް ޑިޕޮސިޓްތަކުގައި ކުރާ އިންވެސްޓްމަންޓްތައް ވެސް އިތުރުކޮށްފައިވާކަން އެ ކުންފުނިން ހާމަކުރިއެވެ.

އެސްޓީއޯއިން ބުނީ، ދުނިޔޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ސަޕްލައި ޗެއިންއަށް ކުރިމަތިވާ ގޮންޖެހުންތަކާއެކު ވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އިސްކަންދޭނެ ކަމަށެވެ. އަދި އަހަރުގެ ބާކީ އޮތް ބައިގައި ވެސް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

comment ކޮމެންޓް