ޕާޓީގެ ނަން ކިލަނބުވާތީ އީސީއާ މެދު ފިޔަވަޅު އަޅަން އެދޭނެ ކަމުގެ އިންޒާރު ޕީއެންއެފުން ދީފި

ކުރީގެ ރައީސް ޔާމީން: -- ފޮޓޯ/ ޕީއެންއެފް

ކުރީގެ ރައީސް އަބްދުالله ޔާމީންގެ, ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބާއްވަމުންދާ ސިލްސިލާ އެއްވުންތަކުގައި ގާނޫނާ ޚިލާފު އަމަލުތައް ހިންގާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރުނު ބަޔާނަށް އެ ޕާޓީން ވަރަށް ހޫނު ރައްދެއް ދީފިއެވެ.

ޕީއެންއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީސީގެ އަމަލުތަކުގެ ސަބަބުން އެ ޕާޓީގެ ނަން ކިލަނބުވަމުންދާ ކަމަށާއި، މިފަދަ ކަންކަން ތަކުރާރުކުރާނަމަ އެ ކޮމިޝަނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.

މިއީ އީސީން އިއްޔެ ނެރުނު ނޫސްބަޔާނާ ގުޅިގެން ޕީއެންއެފުން އާންމުކުރި ރަސްމީ ރައްދެވެ.

https://www.sun.mv/221522

އެ ޕާޓީން ވަނީ އީސީގެ ބަޔާނަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ ޒިންމާދާރުކަން ކުޑަ ބަޔާނެއް ކަމަށް ސިފަކޮށް، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އީސީގެ ބަޔާނަށް ރައްދުދެމުން ޕީއެންއެފުން ފާހަގަކުރި ގޮތުގައި، އީސީން ތުހުމަތުކުރާ ފަދަ، ސިޔާސީ އެއްވެސް ހަރަކާތެއް އެ ޕާޓީން ކުރިއަކަށް ނުގެންދެއެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީއަކުން މުޒާހަރާކުރަން ޖެހޭ ހާލަތެއްގައިވެސް އީސީން ނަގަންޖެހޭ ހުއްދައެއް އޮންނާނެ ކަމަށް އެ ޕާޓީން ގަބޫލުނުކުރާ ކަމަށް ބަޔާނުގައި ވެއެވެ. ހަމައެހެންމެ، މާލެ ސިޓީގެ އެއްވެސް އާންމު ބިމެއްގެ މައްޗަށް އީސީގެ މެންޑޭޓެއް ނުވަތަ ބާރެއް އޮތް ކަމަށްވެސް ޕީއެންއެފުން ގަބޫލެއް ނުކުރެއެވެ.

މި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ޕީއެންއެފުން ވަނީ އީސީގެ ނިންމުންތަކާއި އިންޒާރުތަކަށް ގޮންޖަހައި، ގާނޫނީ އިމުގެ ތެރެއިން އެ ޕާޓީއަށް ލިބިދީފައިވާ ހައްގުތަކުގެ ދިފާއުގައި ތެދުވާނެކަން ހާމަކޮށްފައެވެ.

މި މައްސަލައިގެ ފެށުމަކީ، ޕީއެންއެފުން މާލޭގެ މަގުމަތީގައި ބާއްވަމުންދާ އެއްވުންތަކުގައި އާންމު އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ އީސީން އިއްޔެ ނެރުނު އިންޒާރުގެ ބަޔާނެވެ. އެ ކޮމިޝަނުން ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާއާ ޚިލާފަށް މަގުމަތީގައި އެއްވުންތައް ބާއްވައި، އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް އަޑުގަދަކުރާ ބޭނުންކޮށްގެން ޕީއެންއެފުން އަމަލުކުރަމުންދާ ކަމަށެވެ.

ޚާއްސަކޮށް އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ޕީއެންސީގެ މައި ޖަގަހަ ކައިރީގައި އަޑުގަދަކޮށް، އެހެން ޕާޓީތަކުގެ ބައްދަލުވުންތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އީސީން ފާހަގަކުރިއެވެ.

މި އެއްވުންތަކަކީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިޚާބަށްފަހު، އަދަދު ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅުވައިގެން ޕީއެންއެފުން ފެށި ސިލްސިލާ ހަރަކާތްތަކެކެވެ.

މިކަންކަން ހުއްޓާލުމަށް އަންގައި، މަޝްވަރާކުރުމަށް އީސީއަށް ހާޒިރުވުމަށް އެންގުމުންވެސް އެ ޕާޓީން އެކަމަށް އިޖާބަދީފައި ނުވާ ކަމަށް އީސީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މި އަމަލުތައް ތަކުރާރުކުރާނަމަ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން އޮތީ ދީފައެވެ.

comment ކޮމެންޓް