ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމުގެ ގޮތުގައި ބެލެވޭ އިންޑިއާއާއި ޗައިނާގެ އެތައް މިލިއަން ފުޓްބޯޅަ ސަޕޯޓަރުންނަށް އަންނަ މަހު އުތުރު އެމެރިކާގެ ތިން ގައުމެއް ކަމަށްވާ އެމެރިކާ ކެނެޑާ އަދި މެކްސިކޯގައި ފަށާ ވޯލްޑް ކަޕް ބަލާލުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
މިއީ ބްރޯޑްކާސްޓިން ރައިޓްސް ނުވަތަ މެޗުތައް ދެއްކުމުގެ ހުއްދަ ހޯދުމަށް ކުރިއަށްދާ މަޝްވަރާތަކަށް ބުރޫ އެރުމާ ގުޅިގެން ކުރިމަތިވި މައްސަލައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގައި ރިލަޔަންސްއާއި ޑިޒްނީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުން މި އަހަރުގެ ވޯލްޑް ކަޕް ދެއްކުމަށް ހުށަހަޅާފައިވަނީ 20 މިލިއަން ޑޮލަރެވެ. ނަމަވެސް، މިއީ ފީފާއިން ބޭނުންވާ އަދަދަށްވުރެ މާ މަދު އަދަދެއް ކަމަށްވާތީ ފީފާއިން އެ ހުށަހެޅުން ގަބޫލެއް ނުކުރިއެވެ.
މީގެ އިތުރުން، ސޮނީ ކުންފުނިން ވެސް މި ހުއްދަ ހޯދުމަށް މަޝްވަރާކުރި ނަމަވެސް، އެންމެ ފަހުން އެއްވެސް ހުށަހެޅުމެއް ނުދިނުމަށް ވަނީ ނިންމާފައެވެ.
ޗައިނާގެ ހާލަތަށް ބަލާއިރު، މިހާތަނަށް އެއްވެސް ބްރޯޑްކާސްޓަރަކާ އެކު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ފީފާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މެޗުތައް ބެލި މިންވަރުގެ 49.8 އިންސައްތަ ހިއްސާކުރަނީ ޗައިނާއެވެ. މީގެ ކުރީގެ މުބާރާތްތަކުގައި ޗައިނާގެ ސަރުކާރުގެ ބްރޯޑްކާސްޓަރު ސީސީޓީވީން މުބާރާތް ފެށުމުގެ މާ ކުރިން ހުއްދަ ހޯދައި އިޝްތިހާރުކުރަން ފަށައެވެ.
ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ 175 އަށްވުރެ ގިނަ ސަރަހައްދަކަށް މިހާރު ވެސް ބްރޯޑްކާސްޓިން ހުއްދަ ދީފައިވާ ކަމަށެވެ. ޗައިނާއާއި އިންޑިއާއަށް މީޑިއާ ރައިޓްސް ވިއްކުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަކީ މި ވަގުތު މަޑުޖައްސާލަން ޖެހޭ މަޝްވަރާތަކެއް ކަމަށް ފީފާއިން ބުނެފައިވެއެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އިންޑިއާގައި ދެއްކުމަށް ރިލަޔަންސްއިން ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހޭދަކުރިއެވެ. ނަމަވެސް، މި ފަހަރު ފީފާއިން ފުރަތަމަ 100 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތްކުރި ނަމަވެސް، ފަހުން އެ އަދަދު ވަނީ ދަށްކޮށްފައެވެ. އެހެންނަމަވެސް، ރިލަޔަންސް-ޑިޒްނީން ހުށަހެޅި 20 މިލިއަން ޑޮލަރަކީ ފީފާއަށް ގަބޫލުކުރެވޭ ވަރުގެ އަދަދެއް ނޫނެވެ.
މި އަހަރުގެ ވޯލްޑް ކަޕް އަންނަ ޖޫން މަހުގެ 11 ގައި ފަށާއިރު، އެއްބަސްވުމަކަށް އައުމަށް ބާކީ އޮތީ އެންމެ ފަސް ވަރަކަށް ހަފުތާއެވެ. މި ކުރު މުއްދަތުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށް، ބްރޯޑްކާސްޓިން އިންތިޒާމުތައް ހަމަޖައްސައި، އިޝްތިހާރުތައް ވިއްކުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.
ވޯލްޑް ކަޕް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މުހުގެ 11 ގައެވެ. މި މުބާރާތް ޖުލައި މަހުގެ 19 އާ ހަމައަށް ކުރިއަށްދާނެވެ. މި މުބާރާތުގައި މިފަހަރު 48 ޓީމު ވާދަކުރާނެއެވެ.