ޣައްޒާގެ ގަތުލްއާންމު ދައްކުވައިދިން ފަލަސްޠީނުގެ ފޮޓޯގްރާފަރަށް ޕުލިޓްޒާ އިނާމު ލިބިއްޖެ

ފަލަސްޠީނުގެ ފޮޓޯގްރާފަރު ސާހިރު އަލްޣުއްރާއަށް، ޣައްޒާގެ އިންސާނީ ކާރިސާ ދައްކުވައިދޭ ފޮޓޯތަކަށް މި އަހަރުގެ ޕުލިޓްޒާ އިނާމު ލިބިއްޖެއެވެ.

ބްރޭކިން ނިއުސް ފޮޓޯގްރަފީގެ ގިންތިން އޭނާއަށް މި ޝަރަފުވެރި އިނާމު ލިބުނީ، ނިއު ޔޯކް ޓައިމްސްއަށް އޭނާ ނަގައިދީފައިވާ އަސަރުގަދަ ފޮޓޯތަކަކަށެވެ.

ޕުލިޓްޒާ އިނާމުގެ އެޑްމިނިސްޓްރޭޓާ މާޖޮރީ މިލާ ވިދާޅުވި ގޮތުގައި، ސާހިރުގެ ފޮޓޯތަކަކީ ވަރަށް “އަސަރުގަދަ އަދި ހިތްދަތި” ފޮޓޯތަކެކެވެ. އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގެ ސަބަބުން ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމާއި ސުންނާފަތިކަން މި ފޮޓޯތަކުން ވަރަށް ސާފުކޮށް ފެނިގެންދެއެވެ. މީގެ އިތުރުން، ނޫސްވެރިކަމަށް ކުރިމަތިވަމުންދާ ހުރަސްތަކުގެ ތެރެއިންވެސް މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން މިލާ ފާހަގަކުރެއްވިއެވެ.

މި އިނާމުގެ އިތުރުން، ފަރަންސޭސިވިލާތުގައި މިދިޔަ އޮކްޓޯބަރު މަހު ބޭއްވި 32 ވަނަ ޕްރީ ބަޔޯ ކަލްވަޑޯސް-ނޯމަންޑީ އެވޯޑްސްގައިވެސް ހަނގުރާމައިގެ ފޮޓޯގްރަފީގެ އެންމެ މަތީ ވަނަ ސާހިރު ވަނީ ހާސިލުކޮށްފައެވެ. “ޓްރެޕްޑް އިން ގާޒާ: ބިޓްވީން ފަޔާ އެންޑް ފެމިން” ގެ ނަމުގައި އޭނާ ތައްޔާރުކުރި ރިޕޯޓުގައި، ބޮމުގެ ހަމަލާތަކާއި ބަނޑުހައިހޫނުކަމުގެ ތެރޭގައި ތާށިވެފައިވާ ޢާންމު ރައްޔިތުންގެ ހިތްދަތި ޙާލަތު ވަނީ ދައްކުވައިދީފައެވެ.

މިއަހަރުގެ ޕުލިޓްޒާ އިނާމު ލިބުނު އެހެން ފަރާތްތަކަށް ބަލާއިރު، ސަރުކާރުގެ ނުފޫޒު ބޭނުންކުރާ ގޮތް ހާމަކޮށްދިން ރިޕޯޓަކަށް ރޮއިޓާސްއަށް ވަނީ ނޭޝަނަލް ރިޕޯޓިން ކެޓަގަރީން އިނާމު ލިބިފައެވެ. އަދި އޮޅުވާލުންތަކާއި އޭއައި މެދުވެރިކޮށް މީހުންނަށް ކުރާ ނޭދެވޭ އަސަރުތަކުގައި މެޓާ ކުންފުނީގެ ދައުރު ހާމަކޮށްދިން ރޮއިޓާސްގެ ޖެފް ހޯވިޓްޒް އަދި އެންޖެން ތަމްއަށް ވަނީ ބީޓް ރިޕޯޓިން އިނާމު ލިބިފައެވެ.

މީގެ އިތުރުން، ފެޑެރަލް އިދާރާތަކަށް ގެނައި ބަދަލުތައް ގެނެސްދިން ވޮޝިންޓަން ޕޯސްޓަށް ޕަބްލިކް ސާވިސް އިނާމު ލިބުނުއިރު، ޖެފްރީ އެޕްސްޓީންގެ މައްސަލަތައް ފަޅާއަރުވާލުމުގައި ކުރި މަސައްކަތަށް މިއާމީ ހެރަލްޑްގެ ޖޫލީ ކޭ ބްރައުންއަށް ވަނީ ޚާއްޞަ އެވޯޑެއް ދީފައެވެ.

comment ކޮމެންޓް