އިޒްރޭލުގެ ހަމަލާއަކާއެކު ރޯވީ ޣައްޒާގެ މަންމައަކާއި ކުޑަ ދަރިފުޅު ތިބި ގެއެއްގައި، ކުއްޖާ ސަލާމަތްކުރެވުނީ ކިރިޔާ!

ރޯވެފައިވާ ގޭގެ ތެރޭގައި ކުޑަކުއްޖާ: އެ ކުއްޖާ ސަލާމަތް ކުރެވުނީ ކިރިޔާ -- ސްކްރީންޝޮޓް/ އަލީ އަލްޖަފަރާވީ، ފޮޓޯޖާނަލިސްޓް

އިއްޔެ ފަތިހު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާއަކާ ގުޅިގެން ރޯވި ގެއެއްގެ ތެރޭގައި ތާށިވި ކުޑަކުއްޖަކު، ނޫސްވެރިޔަކު ވަދެ ސަލާމަތްކޮށްފިއެވެ.

މިޑްލް އީސްޓް މޮނިޓާ ނޫހުގައިވާ ގޮތުން، އިއްޔެ ފަތިހު 4:00 ހާއިރު، އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާއެއްގައި އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރޯވިއެވެ. އެ ވަގުތު އެ ގޭގައި 33 އަހަރުގެ ރީމް އަސާދު އަވަދާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު މަރިޔަމް ޣާނިމް ތިބި ކަމަށް ނޫސްތަކުގައިވެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އެ ނޫހުގައިވާ ގޮތުން، ހަމަލާ އަމާޒުވި އެޕާޓްމަންޓުގައި ވަރަށް ހަލުވިކަމާއެކު އަލިފާން ފެތުރުމުގެ ސަބަބުން، އަލިފާން ނިއްވުމަށް ފުރަތަމަ އެ ތަނަށް ވަނުމަށް ދަތިވިއެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ވީޑިއޯކުރި ނޫސްވެރިޔާ އަލީ އަލްޖަފަރާވީ ވަނީ އެޕާޓްމަންޓަށް ވަދެ، ކުޑަކުޑަ މަރިޔަމް ސަލާމަތްކޮށްގެން ނެރެފައެވެ.

އަލްޖަފަރާވީ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއަަކުން، ވަރަށް ބޮޑަށް ރޯވެފައިވާ އިމާރާތެއްގައި ބަޔަކު ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. އަދި ކުޑައްކުޖަކު ރޯއަޑު ވެސް އިވޭއިރު، އެ އަޑާ ދިމާލަށް އޭނާ ދެއެވެ.

އެއަަށްފަހު ފެންނަނީ، އަލިފާންގަނޑު ފެތުރިފައިވާ ކޮޓަރިއެއްގެ މެދަށްވާ ގޮތަށް ކުޑަކުއްޖަކު އިށީނދެގެން އިންނަ ތަނެވެ. މުޅި ހިސާބަށް ދުންގަނޑު ފެތުރިފައި އޮތްއިރު، ވީޑިއޯ ކުރަމުންދިޔަ އަލްޖަފަރާވީ ވަގުތުން ކުޑަކުއްޖާއާ ދިމާލަށް ދުއްވައިގަނެވެ. ތުނި ގޮދަޑިއެއް ފަދަ އެއްޗެއްގެ މަތީގައި އިށީނދެގެން އިން ކުއްޖާގެ ރުއިމުގެ އަޑު އިތުރަށް ގަދަވެ، ދެން ފެންނަނީ އަލްޖަފަރާވީ ކުއްޖާ އުރާލާ މަންޒަރެވެ. އޭރު ވެސް މުޅި ގޭގެ ތެރޭގައި އަލިފާންގަނޑު ދިޔައީ އިތުރަށް ފެތުރެމުންނެވެ.

ފަލަސްތީނުގެ މީޑިއާތަކުގައި އަލްޖަފަރާވީއާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އޭނާއަށް ގޭގެ ތެރެއަށް ވަދެވުނުއިރު ކުއްޖާ ވަނީ އަލިފާންގަނޑުގެ ތެރޭގައި ތާށިވެފައެވެ. އަދި ބޯ ދުމުގެ ސަބަބުން އެތެރެއަށް ވަންނަން އުނދަގޫވި ނަމަވެސް، ކުއްޖާ ސަލާމަތްކޮށްގެން ނެރެ، ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެ ސަރަހައްދުގައި ތިބި މީހުންނާ ހަވާލުކުރީ ކަމަށް އޭނާ ބުނެފައިވެއެވެ.

ސިއްހީ ދާއިރާގެ މަސްދަރުތަކާ ހަވާލާދީ ފަލަސްތީނުގެ ނޫސްތަކުގައިވާ ގޮތުން، އެ ހާދިސާގައި އަނިޔާވެގެން ކުއްޖާގެ މަންމަ ވެސް ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ކުއްޖާގެ މަންމަ، 33 އަހަރުގެ ރީމް ނިޔާވެފައިވާ ކަމަށް ނޫސްތަކުގައިވެއެވެ.

އެ އާއިލާގެ މައުލޫމާތު ހޯދުމަށް ފަހު އަލްޖަފަރާވީ ބުނެފައިވާ ގޮތުގައި، އެ ކުއްޖާގެ ބައްޕަ ވަނީ، އިޒްރޭލުން ފަށައިފައިވާ ހަނގުރާމައިގެ ކުރީކޮޅު ނިޔާވެފައެވެ.

މަރިޔަމްގެ ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވާއިރު، އޭނާއަށް ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފަލަސްތީނުގެ މީޑިއާތަކުގައިވެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ އެ ހަމަލާ ތަހުގީގުކުރަމުންދާ ކަމަށް ބުނެފައެވެ. އަދި، ހަމަލާ އަމާޒުކުރީ ހަމާސް ޖަމާއަތާ ގުޅުންހުރި ބަޔަކަށް ކަމަށް އިޒްރޭލުން ބުނި ނަމަވެސް، އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ހާމަކޮށްފައިނުވެއެވެ.

އެމެރިކާގައި ހަރަކާތްތެރިވާ، މުސްލިމުންގެ ހައްގުތަކަށް މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމާއަތް ކަމަށްވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއާ) އިން ވަނީ އިޒްރޭލުގެ މި އަމަލު ކުށްވެރިކުރުމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރުންނަށް ގޮވާލާފައެވެ. ކެއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އިސްރާއީލަށް އެމެރިކާއިން ދެމުންދާ އެހީތައް ހުއްޓާލަން ޖެހޭ ކަމަށެވެ.

މި ހަމަލާއަކީ، ހަމަލާތައް މެދުކަނޑާލުމަށް އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެއްބަސްވުމަށް ފަހު ދިން އެތައް ހަމަލާއެއްގެ ތެރޭގައި ހިމެނުނު ހަމަލާއެކެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ހަމަލާތަކުގައި އަންގާރަ ދުވަހުގެ ނިޔަލަށް ފަލަސްތީނުގެ 1،498 މީހުން މަރުވެ، 5،306 މީހުން ވަނީ ޒަހަމްވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް