އިންޑިއާގެ ބިހާރު ސްޓޭޓްގެ ބަގަލްޕޫރުގައި އޮންނަ ވިކްރަމްޝިލާ ބްރިޖުގެ ބޮޑު ބައެއް ގަންގާ ކޯރަށް ވެއްޓި، އެ ސަރަޙައްދުގެ ދަތުރުފަތުރު އެއްކޮށް ހުއްޓިއްޖެއެވެ.
އާދީއްތަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ބަގަލްޕޫރާއި މާވްގަޗިއާ ގުޅުވައިދޭ 4.7 ކިލޯމީޓަރު ދިގު މި ބްރިޖުގެ ދެ ބައެއް ވަނީ ވެއްޓިގައެވެ. ބަގަލްޕޫރުގެ ޑިސްޓްރިކްޓް މެޖިސްޓްރޭޓް ނަވަލް ކިޝޯރް ޗައުދަރީ ވިދާޅުވި ގޮތުގައި، ރޭގަނޑު 11:55 ހާއިރު ބްރިޖުގެ 133 ވަނަ ތަނބާ ދިމާލުން ރެނދުލާން ފެށުމަށްފަހު، ދަންވަރު 1:07 ހާއިރު ބްރިޖުގެ 25 މީޓަރުގެ ބޮޑު ބައެއް ވަނީ ކޯރު ތެރެއަށް ވެއްޓިފައެވެ.
"ކުރިން އިންޒާރު ދެވިފައި އޮތުމުން އެއްވެސް ހިތާމަވެރި ހާދިސާއެއް ނުހިނގާ. ބަގަލްޕޫރުގެ ޓްރެފިކް މުންގޭރަށް އަދި އަނެއް ފަރާތުގެ ޓްރެފިކް ޚަގާރިއާއަށް މިހާރު ވަނީ ބަދަލުކުރެވިފައި،" ނަވަލް ކިޝޯރް ޗައުދަރީ ވިދާޅުވިއެވެ.
މި ހާދިސާ ހިނގުމުގެ ކުރިން ފުލުހުންނާއި އިދާރީ އިސްވެރިން ވަނީ ބްރިޖުމަތީގައި ދުއްވަމުން ދިޔަ އުޅަނދުތައް ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. މިކަމުގެ ސަބަބުން ބޮޑު ކާރިސާއަކުން ސަލާމަތްވެފައިވާ ކަމަށް އޮފިޝަލުން ފާހަގަކުރެއެވެ.
ދެހާސް އެއް ވަނަ އަހަރު ހުޅުވި ވިކްރަމްޝިލާ ބްރިޖަކީ އުތުރު ބިހާރާއި ދެކުނު ބިހާރު ގުޅުވައިދޭ މުހިންމު މަގެކެވެ. މި ބްރިޖު ވެއްޓުމާ ގުޅިގެން، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމުގެ ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފައެވެ. ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ބިހާރުގައި 18 އަށްވުރެ ގިނަ ބްރިޖު ވެއްޓިފައިވާއިރު، މިއީ އެ ސްޓޭޓްގެ އުމްރާނީ ތަރައްޤީގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.
މި ހާދިސާ ތަޙުޤީޤުކޮށް، މަރާމާތުކުރާނެ ގޮތުގެ ލަފާ ހޯދުމަށް ފަންނީ ޚާއްޞަ ޓީމެއް ވަރަށް އަވަހަށް އެ ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއެވެ.