އިންޑިއާގައި އޮތް އެންމެ ފަހު ވާތު ފިޔައިގެ ސަރުކާރު ބަލިވެ، ކެރެލާގެ ވެރިކަން ޔޫޑީއެފްއަށް

ކެރަލާގެ މިހާރު ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަން --

އިންޑިއާގެ ކެރެލާ ސްޓޭޓްގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި، އެ ސިޓީގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެ، ކޮންގްރެސް ޕާޓީ އިސްވެ އޮވެ، އުފައްދާފައިވާ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް (ޔޫޑީއެފް) އިން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

ކެރަލާއަކީ މި އިންތިޚާބާ ޖެހެންދެން އިންޑިއާގައި ވާތު ފިޔައިގެ ސަރުކާރެއް އޮތް ހަމައެކަނި ސްޓޭޓެވެ. ނަމަވެސް 50 އަހަރަށް ފަހު މިހާރު އެކަން ވަނީ ބަދަލުވެފައެވެ.

ކެރެލާގެ ގާނޫނުހަދާ މަޖިލީހުގެ 140 ގޮނޑީގެ ތެރެއިން 102 ގޮނޑި ޔޫޑީއެފްއިން ކާމިޔާބުކޮށްފައިވާއިރު، ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަން ނިސްބަތްވެވަޑައިގަންނަވާ ލެފްޓް ޑެމޮކްރެޓިކް ފްރަންޓް (އެލްޑީއެފް)އަށް ލިބިފައިވަނީ އެންމެ 35 ގޮނޑިއެވެ.

އެ ނަތީޖާއާ ގުޅިގެން، ފާއިތުވި ދިހަ އަހަރު ކެރެލާގައި ވެރިކަންކުރި އެލްޑީއެފްގެ ސަރުކާރު ނިމުމަކަށް އައިސް، ޗީފް މިނިސްޓަރު ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އުސޫލުން ކޮމިއުނިސްޓް ސަރުކާރެއް އުފެދުނީވެސް ކެރެލާގައެވެ. އެއީ 1957 ވަނަ އަހަރެވެ.

އިންޑިއާގެ ސިޔާސީ މަސްރަޙުގައި ވާތުފިޔައިގެ ޕާޓީތަކުގެ ބާރު ވަރަށް ބޮޑަށް ކުޑަވަމުން އަންނަކަން މި އިންތިޚާބުން ހާމަވެއެވެ. މީގެ ކުރިން 1977 އިން 2011 އަށް ވެސްޓް ބެންގޯލްގައި އަދި 1993 އިން 2018 އަށް ތްރިޕޫރާގައި ވާތުފިޔައިގެ ސަރުކާރުތައް އޮތެވެ. އަދި 2004 ވަނަ އަހަރު އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގައި 62 ގޮނޑި ކޮމިއުނިސްޓުން ކޮންޓްރޯލްކުރި ނަމަވެސް، މިހާރު އެ ޢަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މިކަމާ ގުޅޭގޮތުން ނިއު ދިއްލީގެ ސެންޓާ ފޯ ޕޮލިސީ ރިސާޗްގެ ސިޔާސީ މަސްރަހު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ރާހުލް ވަރުމާ ވިދާޅުވީ، އިންޑިއާގެ އެއްވެސް ސްޓޭޓަކަށް ވާތުފިޔައިގެ ސަރުކާރެއް އިންތިޚާބު ނުވެދާނެ ކަމަށް މި ނަތީޖާއިން ދައްކާ ކަމަށެވެ.

ނަމަވެސް، އިޖުތިމާޢީ ހަރަކާތްތެރިޔާ ހަރީޝް ވަސުދޭވަން ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅުގައި ވާތުފިޔައިގެ ޕާޓީތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. އެގޮތުން، މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވަމުންދާ މި ދަނޑިވަޅުގައި މަސައްކަތްތެރިންގެ ޙައްގުތައް ހޯދައިދިނުމަށް އެ ޕާޓީތަކަށް މަސައްކަތް ކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް