ވިއްސާރައިގައި ފެން ބޮޑުވެ، އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ފަށައިފި

ފެންބޮޑުވުމުން މާލޭގެ ހަތަރު ސަރަހައްދެއްގައި އެމްއެންޑީއެފްއިން ފެންހިންދުމުގެ މަސައްކަތް ފަށައިފި --- ފޮޓޯ: އެމްއެންޑީއެފް

ބޯކޮށް ވާރޭވެހި މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން މިއަދު ފަށަައިފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށުމާ އެކު، ދެ މޫސުން ބެދޭ ދުވަސްވަރު ކުރާ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ބުނެފައެވެ. އެ ގޮތުން، މިއަދު މުޅި ރާއްޖެއަށް ވެސް އަންނަނީ ވިއްސާރަކުރަމުންނެވެ.

އެމްއެންޑީއެފްއިން ވަނީ ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ.

އެގޮތުން، މާލޭގެ އައިޖީއެމްއެޗް ސަރަހައްދާއި މާފަންނު ފެރީ ޓާމިނަލް ސަރައްދުގެ އިތުރުން ސަލްމާން މިސްކިތް ސަރަހައްދާއި ސްވިމިން ޓްރެކް ސަރަހައްދުގައި ބަހައްޓާފައިވާ ޕަމްޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

'ސަން'އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ، އާންމު ގޮތެއްގައި އެންމެ ބޮޑަށް މާލޭގައި ފެންބޮޑުވާނީ އައިޖީއެމްއެޗް ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ކަމަށެވެ. އަދި، ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދަނީ އެންމެ ބޮޑަށް ފެން ބޮޑުވާ ސަރަހައްދުތަކުގައި ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު މެޓް އޮފީހުން ވަނީ ޅ އަތޮޅުން ފެށިގެން ވ އަތޮޅަށް، ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް މިއަދުގެ 13:00 އަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށާއި މެދު ރާއްޖެތެރެއާއި ދެކުނަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

https://sun.mv/221467

އާއްމު ގޮތެއްގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހަށް ދެމިގެންދާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

comment ކޮމެންޓް