ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށުމާއެކު ކުރާ ދެމޫސުން ބެދޭ ވިއްސާރަކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އެގޮތުން މެދު ރާއްޖެތެރެއާއި ދެކުނަށް ބޯކޮށް ވާރޭވެހޭނެކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ބުންޏެވެ.
އާއްމު ގޮތެއްގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރެވުނު ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވައިގެ ބާރުމިނަށްބަލާއިރު، ހުޅަނގު ދެކުނާއި ހުޅަނގު އުތުރު އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މީގެ އިތުރުން ރާޅުގެ އުސްމިން ދެ ފޫޓާއި ހަ ފޫޓާއި ދެމެދުގައި ހުންނާނެ ކަމަށް ބެލެވެއެވެ.
މޫސުން ގޯސްވާނެތީ މިއަދު ހެނދުނު ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ވަނީ ނެރެފައެވެ. އަދި ރޭ ފަތިހު ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށްވެސް ވަނީ ހުދު އެލާޓް ނެރެފައެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކުރިއަށް އޮތް ދުވަސްތަކަށް ބަލާއިރު، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހުމުގެ ފުރުސަތު ބޮޑު ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި މި މަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިންވެސް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ތިން ދުވަހަށް ދެމިގެންދާނެ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.