ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެއިލާހު ދެއްވި ކޮންމެ ނިޢުމަތަކީ އަގުހުރި ނިޢުމަތެކެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑެތި ނިޢުމަތްތަކުގެ ތެރޭގައި ޞިއްޙަތުގެ ނިޢުމަތް ހިމެނެއެވެ.
ޞިއްޙަތުގެ މަތިވެރި ނިޢުމަތަށް ބަލާއިރު އެއީ އިންސާނުން ޚަލްޤުކުރެއްވި މަތިވެރި މަގުސަދު ކަމުގައިވާ [ﷲއަށް އަޅުކަންކުރުން] އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރެވެން އޮތް މަގެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބެގެން އަޅުކަންކުރުމަކީ ކިހާ މަތިވެރިކަމެއް ކަން އެނގޭނީ މީހަކު ބަލިވެ އަޅުކަމުގެ ކަންކަން ފުރިހަމައަށް އަދާނުކުރެވޭ ދުވަހެއް އޭނާއާ ކުރިމަތިވެއްޖެ ނަމައެވެ. ބަލިމީހާއާ އަޅާބަލާއިރު ޙަޔާތުގައި ދިމާވާ އެކިއެކި ކަންކަމުން އަރައިގަތުމަށް ދުޅަހެޔޮ ޞިއްޙަތެއްގައި ހުންނަ މީހާއަށް ވަރަށް ފަސޭހަ ވާނެއެވެ. ކަންކަމާ ކުރިމަތިލުމުގެ ހިތްވާރާއި ބާރު ލިބޭނީ އެކަށީގެންވާ ދުޅަހެޔޮކަމެއްގައި ހަށިގަނޑު ހުރެގެންނެވެ.
ޢުބައިދުﷲ ބުނު މިޙްސަން އަލްއަންޞާރީގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «مَنْ أَصْبَحَ مِنْكُمْ مُعَافًى فِي جَسَدِهِ، آمِنًا فِي سِرْبِهِ، عِنْدَهُ قُوتُ يَوْمِهِ، فَكَأَنَّمَا حِيزَتْ لَهُ الدُّنْيَا». (سنن ابن ماجه: 4141) މާނައީ: "މީހަކު ހެނދުނު ހޭލާއިރު، ޖިސްމާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެފައި، އަމާންކަމުގެ އިޙުސާސް އޭނާގެ ނަފުސާ މެދުކުރެވޭ ނަމަ، އަދި އެ ދުވަހަށް ބޭނުންވާ ވަރަށް ކޮއްތު އޭނާއަށް ލިބިފައިވާ ނަމަ، ފަހެ، އޭނާއަށް މުޅި ދުނިޔެ އެކީއެކަށް ލިބިފައިވާ ފަދައެވެ."
ދުޅަހެޔޮ ޞިއްޙަތެއްގެ މުހިންމުކަން މި ޙަދީޘުން ވަރަށް ސާފުކޮށް އެނގެއެވެ. އެހެނަސް މިފަދަ ޙަދީޘްތަކާމެދު ވިސްނައި ތަދައްބުރުކުރާ މީހުން މަދެވެ. ދުޅަހެޔޮ ޞިއްޙަތުގެ މުހިއްމުކަން މީހުންނަށް އިޙުސާސް ވަނީ ބަލިވުމުންނެވެ. ޞިއްޙަތާމެދު ވެފައި ހުންނަ ޣާފިލުކަމުން އަރައިގަވެނީ ބަލިމަޑުކަމެއް ޖެހުމުންނެވެ. ނޫނީ މުސްކުޅި އުމުރާ ބައްދަލުވުމުންނެވެ. ހަށިގަނޑުގެ ނިކަމެތިކަމާ ކުރިމަތިލާން ޖެހުމުންނެވެ.
އިބްނު ޢައްބާސް رضي الله عنهماގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ؛ الصِّحَّةُ وَالْفَرَاغُ». [صحيح البخاري 6412] މާނައީ: "ވަރަށް ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިޢުމަތެއް ވެއެވެ. އެއީ ދުޅަހެޔޮ ޞިއްޙަތާއި ހުސްވަގުތެވެ." ކިހާ ބޮޑު ތެދެއްހެއްޔެވެ؟
ދުޅަހެޔޮ ސިއްޙަތުގައި ހުންނައިރު އެ ނިޢުމަތުގެ އަގުވަޒަން ނުކުރެވެއެވެ. ކެއިން ބުއިމުގައި ރައްކާތެރި ނުވެވެއެވެ. ޞިއްޙަތައް ގެއްލުންވާ ކާނާ ކެއުމުގައި ވެސް ފަރުވާލެއް ނުބެހެއްޓެއެވެ. ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުމަށާއި، ސާފުތާހިރުކަން ދެމެހެއްޓުމަށް ސަމާލެއް ނުވެވެއެވެ. ކަސްރަތުކޮށް ހަށިހެޔޮކަމުގައި ހުރުމަކަށް ވެސް ބޭނުމެއްނުވެއެވެ. ޙަޤީޤަތުގައި މި ކަންކަމަކީ ހަމައެކަނި ޖިސްމާނީ ހަށިގަނޑަށް ފައިދާކުރާނެ ކަންކަމެއް ނޫނެވެ. ރޫހާނީ ޙަޔާތަށް ވެސް ނުހަނު ބޮޑަށް ޞިއްޙަތުގެ ދުޅަހެޔޮކަމުން ފައިދާކުރެވެ.
ދުޅަހެޔޮ ޞިއްޙަތެއްގައި މިހާ ހުރުމަކީ ﷲގެ ލޯބި ވެސް އެ މީހަކަށް ލިބޭނޭ ކަމެކެވެ. އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ...». [صحيح مسلم 2664] މާނައީ: "ބަލިކަށި މުއުމިނަކަށް ވުރެ، ހަށިހެޔޮ މުއުމިނަކު ﷲގެ ޙަޟްރަތުގައި މާ ހެޔޮވެފައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ."
މިހިރަ ނަބަވީ އިރުޝާދުތަކަށް ވިސްނައި މުސްލިމެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެން ކޮންމެ މީހަކު ޞިއްޙަތުގެ ދުޅަހެޔޮކަމަށް ސަމާލުވާން ޖެހެއެވެ. ލިބިފައިވާ މަދު އުމުރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ޓަކައި ބަލިތަކާ ދުރުގައި ތިބުމަށް ހިތްވަރުކުރަންވާނެއެވެ. ބަލިވެއްޖެއްޔާ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ޓަކައި ކުރެވެން ހުރި ވަރަށް ގިނަ ކަންކަމުން އެ މީހަކު މަޙުރޫމު ވެދާނެއެވެ. ދުނިޔޭގައި ވެސް ފަސޭހަ ދިރިއުޅުމެއް އުޅުމަށާއި އަޅުކަމުގައި ހީވަގިވުމަށާއި ﷲގެ ދީނަށް ރަނގަޅު ގޮތުގައި ޚިދުމަތްތެރިވުމަށް އެ މީހަކަށް ވީ ވަރަކުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުންނާށެވެ!