ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މަގުސަދުގައި، އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ދިހަ ރަށެއްގައި ނޭޗާ ޕާކު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ. މި މަޝްރޫއަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ރަށްރަށުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށް، ފަތުރުވެރިކަމާއި އިގުތިސާދީ ފައިދާ ރަށްރަށަށް ހޯދައިދިނުމަށް ފެށުނު މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން 2024 ވަނަ އަހަރު ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުމުން ވަރަށް ގިނަ ރަށްރަށުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ދިހަ ރަށް ވަނީ ކަނޑައަޅާފައެވެ. މި ރަށްތަކުގެ ތެރޭގައި ހއ. މޮޅަދޫ، ހދ. ކުމުންދޫ، ނ. ލަންދޫ، ކ. ހުރާ، އދ. އޮމަދޫ، މ. ކޮޅުފުށި، ތ. ކިނބިދޫ، ލ. ގަން، ގއ. ކޮނޑޭ އަދި ގދ. ފިޔޯރީ ހިމެނެއެވެ. މިހާރު ދަނީ އެ ރަށްތަކުގެ ކައުންސިލްތަކާއެކު މަޝްވަރާކޮށް، ކޮންސެޕްޓާއި ސްކޯޕް ކަނޑައަޅައި، ގްރާންޓް އެގްރިމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗާ ޕާކު ގާއިމުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ. މިހާރުވެސް ރާއްޖޭގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ނޭޗާ ޕާކުތައް ވަނީ ގާއިމުކުރެވިފައެވެ. މީގެ ސަބަބުން އެ ރަށްރަށުގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރެވި، އާންމުންނަށާއި ފަތުރުވެރިންނަށް ހިތްފަސޭހަ މާހައުލެއް ވަނީ ގާއިމުވެފައެވެ.
- ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު 10 ރަށެއްގައި ނޭޗާ ޕާކު ހަދަން ވަނީ ފަށާފައި.
- ނޭޗާ ޕާކު ހަދާ ރަށްތަކުގެ ތެރޭގައި ހއ. މޮޅަދޫ، ހދ. ކުމުންދޫ އަދި ނ. ލަންދޫ ފަދަ ރަށްތައް ހިމެނޭ.
- ކައުންސިލްތަކާއެކު މަޝްވަރާކޮށް، ގްރާންޓް އެގްރިމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް.
- ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗާ ޕާކު ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް.
ރާއްޖޭގެ 10 ރަށެއްގައި ނޭޗާ ޕާކު ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ، ނޭޗާ ޕާކު ތަރައްގީކުރުމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ހުޅުވާލުމުން، ވަރަށް ގިނަ ރަށްރަށުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.
އެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބުނު 10 ރަށުގައި ނޭޗާ ޕާކު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ފަށަފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ނޭޗާ ޕާކު ތަރައްގީކުރަމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި:
- ހއ. މޮޅަދޫ
- ހދ. ކުމުންދޫ
- ނ. ލަންދޫ
- ކ. ހުރާ
- އދ. އޮމަދޫ
- މ. ކޮޅުފުށި
- ތ. ކިނބިދޫ
- ލ. ގަން
- ގއ. ކޮނޑޭ
- ގދ. ފިޔޯރޯ
ފަތުރުވެރިންތަކެއް އައްޑޫ ނޭޗާ ޕާކުގައި -- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް
ނޭޗާ ޕާކު ތަރައްގީކުރާ ރަށްތަކުގެ ކައުންސިލާއި މިނިސްޓްރީން މަޝްވަރާކުރުމަށްފަހު، އެ ތަންތަނުގެ ކޮންސެޕްޓާއި ސްކޯޕް ކަނޑައެޅިފައިވާ ކަމަށާއި މިހާރު ކައުންސިލްތަކާއެކު ގްރާންޓް އެގްރިމެންޓުގައި ސޮއިކުރުމުގެ މަސައްކަތް މިސްޓްރީއިން ކުރަމުންދާކަމަށް ޕީއެސްއެމްއިން ރިޕޯޓުކޮށްފައިވެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނޭޗާ ޕާކުތައް ތަރައްގީކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއް ނޭޗާ ޕާކު ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެކަމަށް ޝައުގުވެރިކަން ހުރި ރަށްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
މިހާރުވެސް ރާއްޖޭގެ ބޮޑު ދެ ސިޓީކަމަށްވާ އައްޑޫ ސިޓީއައި ފުވައްމުލަކު ސިޓީގައި ނޭޗާ ޕާކު ވަނީ ގާއިމްކޮށްފައެވެ.