"ދެންނެވުން ތަކުރާރުވާ ނަމަ ދޫ ތަކުން، ދެއްވެވުން ތަކުރާރުވީހޭ ރަޙުމަތުން." މާތް ﷲގެ ޙަޟްރަތުގައި ތަކުރާރުކޮށް ދަންނަވާ ނަމަ އެއިލާހު ތަކުރާރުކޮށް އިޖާބަދެއްވާނެއެވެ. ދުޢާކޮށް ދެންނެވުމަކީ މަތިވެރި އަޅުކަމެކެވެ. ދުޢާއަކީ މާތް ﷲއާ އެއިލާހުގެ އަޅާއާ ގާތްކޮށްދޭ ވަޞީލަތެވެ. މުސްލިމު އަޅާ އާނާގެ ޚާލިޤާ އޮންނަ ގުޅުން ރަމްޒުކޮށްދެނީ ދެންނެވޭ ދުޢާއިންނެވެ.
ހިތާމަތަކާއި އުދާސްތައް ފިއްލެވުންއެދި ހިފެހެއްޓުމެއް ނެތި ދެންނެވޭނީ ވަރަށް ގާތްކޮށް ﷲއާ އޮންނަ ގުޅުން ބާއްވައިގެންނެވެ. އެއީ ދުނިޔޭގައި ވެސް މީސްތަކުންނާ އޮންނަ ގުޅުން ގާތްވުމުން އެ މީހުން ގާތު ތިމާގެ ކަންކަން ފަސޭހަކަމާ އެކު ކިޔައިދެވޭ ބީދައިންނެވެ. އެ ބަޔަކާ ގާތް ގުޅުމެއް ނޯންނަ އެއްވެސް މީހަކަށް ކަންކަން ކިޔައިދޭން ފަސޭހައެއް ނުވާނެއެވެ.
ﷲއާ އޮންނަ ގުޅުމަކީ އަޅުކަމުން ގުޅުވޭ ގުޅުވުމެކެވެ. ދުޢާއަކީ ހުރިހާ އަޅުކަމެކެވެ. އެއީ އަޅުކަމުގެ އަސްލެވެ. ކައު ސާހިބާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «الدُّعَاءُ هُوَ العِبَادَةُ» (أبو داود: 1479) މާނައީ: "އަޅުކަމަކީ ދުޢާއެވެ." އިސްލާމްދީނުގައި އަދާކުރަން އެންގެވި ކޮންމެ އަޅުކަމަކަށް ނަޒަރު ހިންގައި ފުންކޮށް ވިސްނައިލުމުން އެނގެނީ ދުޢާކުރުމާ އަޅުކަމާ ވަރަށް ބޮޑު ގުޅުމެއް އޮތްކަމެވެ. ނަމާދަށް ޢަރަބި ބަހުން ކިޔަނީ " الصلاة" އެވެ. ބަހުގެ ގޮތުން ބަލާއިރު މީގެ މާނައަކީ ދުޢާއެވެ. އަދި ނަމާދުގައި ގިނައިން ހުރީ ވެސް ކުރެވޭ ދުޢާތަކެވެ. އެ ދުޢާތަކުގައި ހުރީ ދެންނެވޭ ދެންނެވުންތަކެވެ. ކޮންމެ އަޅުކަމަކަށް ބެލިކަމުގައި ވިޔަސް ފެންނާން އޮތީ މި ޙަޤީޤަތެވެ. އެއީ ދަންނަވާ ދެންނެވުމެވެ.
ޒަކާތުން ދެންނެވެނީ، ﷲ ދެއްވި މުދާ ޠާހިރުކޮށްދެއްވުމަށެވެ. އަދި ތިމާގެ ހިތުގައި މުދަލަށް އޮތް ލޯބި ދައްކޮށް ދެއްވުމަށެވެ. ހަމަ އެހެންމެ ކިބުރުވެރިކަން ތިމާގެ ކިބައިން ފިއްލެވުމަށާއި އެހެން މީހުންނާ މެދު ހިތް ސާފުކޮށްދެއްވުމަށް ދެންނެވޭ ކަމެއް ކަމުގައި ވެސް ޒަކާތް ވެއެވެ. ރޯދައަކީ މަޑުމޮޅިކަމާއި އިޚުލާޞްތެރިކަން ނަފުސުގައި އަށަގެންނެވުމަށް އެދި ދެންނެވޭ އަޅުކަމެކެވެ. އަދި ހަމައެހެންމެ ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުމަކީ ވެސް ރޯދައިގެ އަޅުކަމުން އެދެވޭ އެދުންތަކެކެވެ. ޙައްޖުން އެދެވެނީ ކެތްތެރިކަމާއި ރޫޙާނީ ދުޅަހެޔޮކަމަށެވެ. ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށް ﷲގެ ޙަޟްރަތަށް ދިޔުމަށް މީހާ ތައްޔާރުކޮށްދޭން އެދެވޭ އެދުމެއް ކަމުގައި ވެސް ޙައްޖު ވެއެވެ.
މި ހުރިހާ ގޮތަކުން ދުޢާ އަޅުކަމަކަށް ވަނީ ﷲއަށް ދެންނެވޭތީއެވެ. އެއިލާހަކީ ދަންނަވާ އަޅުންގެ ދުޢާ އިޖާބަކޮށްދެއްވުމުގައި ފޫހިކަމެއްނެތި ދެމިވޮޑިގެންވާ އިލާހެވެ. ﷲ ވަޙީކުރެއވިއެވެ. ﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ (غافر: ٦٠) މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ."
މި އާޔަތުން އެނގެން މި އޮތީ އަޅާގެ ދުޢާ އިޖާބަކޮށްދެއްވުމަށް މާތް ﷲ ވަޢުދުވެވޮޑިގެންފައި ވާކަމެވެ. ﷲއަކީ ވަޢުދުފުޅާ ޚިލާފުވެވޮޑިގަންނަވާ ފަރަތެއްނޫނެވެ. އިންސާނާ ދެންނެވުން މަތީ ދެމިހުރިހައި ހިނދަކު ދެއްވެވުން ތަކުރާރުކުރެއްވުމުގައި ﷲ ދެމިވޮޑިގެންނޭކަން އަޅުގަނޑުމެން ޤަބޫލުކުރަންވާނެއެވެ. އެހެންކަމުން ތިމާގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކޮށްދެއްވުން އެދި ރެޔާ ދުވާލު ދަންނަވާށެވެ. އެއިލާހާ ކުއްތަންކޮށްދެއްވައިތޯ އެދިދަންނަވާށެވެ. އެއިލާހުގެ ރުހުން ތިމާގެ މައްޗަށް ދެއްވައިތޯ ތަކުރާރުކޮށް ދަންނަވާށެވެ.
ﷲއަށް ދެންނެވުމުގައި ޙަރާމު ކަންކަމާއި ފާފައަށް އަރައިގަތުން އެދިގެން ދަންނަވައިގެން ނުވާނެއެވެ. ގޯސް ކަންކަމަށް އެދި ދަންނަވާކަށް ނުވާނެއެވެ. ރަޙިމުގެ ގުޅުން ކެނޑުމަށް އެދި ދަންނަވާކަށް ނުވާނެއެވެ. މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «لَا يَزَالُ يُسْتَجَابُ لِلْعَبْدِ، مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ، مَا لَمْ يَسْتَعْجِلْ» قِيلَ: يَا رَسُولَ اللهِ مَا الِاسْتِعْجَالُ؟ قَالَ: يَقُولُ: «قَدْ دَعَوْتُ وَقَدْ دَعَوْتُ، فَلَمْ أَرَه يَسْتَجِيبُ لِي، فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ» (مسلم: 2735) މާނައީ: "އުރެދުމަކަށް އެދި ނުވަތަ ރަޙިމުގެ ގުޅުން ކެނޑުމަށް އެދި ދުޢާކޮށްފުމަށް ދާންދެނާއި ދުޢާ އިޖާބަވުންއެދި އަވަސްވެގަތުމަށް ދާންދެން އަޅުންގެ ދުޢާ އިޖާބަކޮށްދެއްވައެވެ." އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. ދުޢާ އިޖާބަވުންއެދި އަވަސްވެގަތުމަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެމީހާ ބުނާނެއެވެ. ތިމަން ދުޢާކޮށްފީމެވެ. ތިމަން ދުޢާކޮށްފީމެވެ. އެހެނަސް، އިޖާބަދެއްވާ ތަނެއް ތިމަންނާއަކަށް ނުފެނެއެވެ. ދެން ފަހެ، އެ ހިސާބުން އޭނާއަށް ދުޢާކުރުން ބުރަކަމަކަށްވެއެވެ. އަދި އޭނާ ދުޢާކޮށް ދެންނެވުން ހުއްޓައިލައެވެ."
ލޮބުވެތި އަޚުންނޭވެ. މުސްލިމުންނަކީ ނާއުންމީދުވާ ބައެއް ނޫނެވެ. ﷲގެ ދެއްވެވުން އަންނަ ގޮތްތައް ދެނެ ތަސްކުރަންވާނެއެވެ. އެއީ ތިމާ އެދޭ ކޮންމެ ކަމެއް އެ އެދޭ ގޮތަށް ވުން ކަމުގައި ދެކިގެން ނުވާނެއެވެ. އެދޭ ގޮތަށް ކަންކަން ނުވިޔަސް، ތިމާގެ ވަށައިގެން އެއަށްވުރެ ހެޔޮ ގޮތްގޮތަށް ކަންކަން ބަދަލުވަމުން އަންނަތަން ފެންނާނެއެވެ. އެއީ ތިމާގެ ދުޢާއަށް ﷲ ދެއްވާ އިޖާބަކަން އެނގޭނީ ކިޔަމަންތެރިވެ އެއިލާހުގެ ދެއްވެވުމަށް ޝުކުރުވެރިވާ އަޅުންނަށެވެ. އެފަދަ މީހުން ދެންނެވުން ދަކުރާރުކުރާނެއެވެ.