ﷲ سبحانه وتعالى ހަނދުމަކޮށް އެއިލާހުގެ ޒިކުރުން ތިބާގެ ދޫ އަބަދު ވެސް ތެންމާފައި ބާއްވާށެވެ! ދުލުގެ ހަރަކާތަކީ ޒިކުރު ކަމުގައި ހަދާށެވެ!
ޒިކުރުކުރުމަކީ ފާފަފުއްސަވައި އިންސާނާގެ ދަރަޖަ އުފުއްލަވައި، އުޚުރަވީ ސަވާބާއި ދަރުމަ އިތުރު ކުރައްވާ ކަމެކެވެ. އެ ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا﴾ (الأحزاب: ٣٥) މާނައީ: "ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުރާ ފިރިހެނުންނާއި ޒިކުރުކުރާ އަންހެނުންނާއި، އެ އެންމެންނަށް ޓަކައި ﷲ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރުކުރެއްވިއެވެ."
ޒިކުރުކުރުމަކީ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ އެއް ޢަމަލެވެ. ﷲ އެންމެ ލޯބިވެވޮޑިގެންވާ އެއް ޢަމަލެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހާސިލުކުރުމަށް އޮތް ފަސޭހަ މަގެކެވެ. ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކޮށްލަން އޮތް ވަޞީލަތެކެވެ. ޝައިޠާނާގެ ކިބައިން ރައްކާތެރިވުމެކެވެ. ފުއްސެވުމުގެ ދޮރެކެވެ. ރޫޙާނީ ބަލިތަކަށް ފަރުވާއެކެވެ. ރިޒުޤު ތަނަވަސްވުމަށް އޮތް ވަޞީލަތެއް ވެސް މެއެވެ. އަދި މި ނޫން ވެސް އެތައްއެތައް ފައިދާއެއް އެކުލެވިގެންވާ މަތިވެރި އަޅުކަމެކެވެ.
އިންސާނާގެ އެންމެ ބޮޑު ޢަދުއްވަކީ ޝައިޠާނާއެވެ. ޒިކުރަކީ ނުރައްކާތެރި ޢަދުއްވުންގެ ކިބައިން ސަލާމަތްވުމަށް އިސްލާމްދީން، މުއުމިނުންނަށް ދެއްވި ހަތިޔާރެކެވެ. އެއީ އޭނާގެ މުޅި ޙަޔާތުގައި ބޭނުންކުރެވޭ އެއްޗެއްކަމުގައި ވަނީ ލައްވައިފައެވެ. ނިދުމުގެ ކުރިންނާއި ނިދިން ހޭލައިގެން ކިޔާ ޒިކުރުތަކާއި ދުޢާތަކެވެ. ހެނދުނާއި ހަވީރު ވެސް ވަކިވަކިން ކިޔަން ހުރި ޒިކުރުތަކެވެ. ކޮންމެ ނަމާދަކަށްފަހު ކިޔުމަށް ވާރިދުވެފައިވާ ޒިކުރުތަކާ ދުޢާތަކެވެ. އަދި މިނޫނަސް ވަރަށް ގިނަ ޒިކުރުތަކަކާއި ދުޢާތަކެއް ވާރިދުވެފައި ހުރެއެވެ. މިއިން ކޮންމެ ދުޢާއަކީ އަދި ޒިކުރަކީ މުއުމިނާއަށް އޮތް ހަތިޔާރެކެވެ.
މުއުމިނުންނަށް މި ހަތިޔާރު ބޭނުންކުރާން ވީ ރަނގަޅު ވަގުތުގައި ބޭނުން ކުރެވެންޏާ އޭނާގެ ޙަޔާތަކީ ދުނިޔޭގައި ވެސް ސުވަރުގެއަށް ވެގެން އާދެއެވެ. ހިތްގައިމުކަން އިޙުސާސްކުރެވެއެވެ. އުފަލާއި ހިތާމަ ކުރިމަތިވުމަކީ ކައުނުގައި ލައްވައިފައިވާ އިލާހީ ސުންނަތެއްކަން އޭނާ ޤަބޫލުކުރާނެއެވެ. އިންސާނާ ހިތްހަމަ ޖެހޭ ކަންކަން ދިމާވުމުން އުފާވާ ފަދައިން، ހިތްނޭދޭ ކަމެއް ކުރިމަތި ވެއްޖެއްޔާ ހިތާމަ ކުރެވޭނެއެވެ. އެހެނަސް، ހިތްނުތަނަވަސް ވާ ވާގުތު ތަކުގައި ވެސް ﷲ ހަނދުމަކޮށް އެއިލާހުގެ ޒިކުރުން ތިމާ ގެ ދޫ ތެންމާ މީހާއަށް ހިތްދަތިވެގެން ގޮސް މާޔޫސްކަން ކުރިމަތި ނުވެއެވެ. އެއީ ދުނިޔޭގައި ހިތްގައިމު ސުވަރުގެ ފެންނަ މީހާއެވެ. އޭނާގެ ހިތުގައި ވަނީ ﷲއެވެ.
މާތް ﷲގެ ޒިކުރުކޮށް އޭނާގެ ހިތް އިލާހީ ބަގީޗާއިން ޒީނަތްތެރިކޮށްފި މީހާ އަބަދުވެސް ޤަބޫލުކުރާނީ މި ދުނިޔޭގައި ހުރިހާ ކަމެއް ވެސް ވަނީ ﷲގެ އިރާދަފުޅުން ކަމެވެ. އެއީ ޝުކުރުވެރިވުމާއި ކެތްތެރިވުމުގެ އިމްތިޙާނުކަން އޭނާ ދަންނާނެއެވެ. ކޮންމެ މުޞީބާތަކާ އެކު އޭގެ ފަރުވާ ވެސް ލައްވާފައިވާކަން އޭނާ ޤަބޫލުކުރާނެއެވެ. ހިތްތަކުގެ ހަމަޖެހުމަށް ﷲ ލައްވައިފައި އޮތް އެންމެ ބޮޑު ފަރުވާގެ ވާހަކަ ﷲ ވަނީ އައްރަޢުދު ސޫރަތުގެ 28ވަނަ އާޔަތުގައި ބަޔާންކުރައްވައިފައެވެ. ﴿الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ﴾ (الرعد: ٢٨) މާނައީ: "އެއުރެންނީ އީމާންވެ، ﷲ ހަނދުމަކޮށް ޒިކުރުކުރުމުން އެބައިމީހުންގެ ހިތްތަކަށް ހަމަޖެހުން ހޯދި މީހުންނެވެ. ހަމަކަށަވަރުން ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟"
ލޮބުވެތި ކިޔުންތެރިންނޭވެ! ޛިކުރުކުރުމުގެ ފައިދާތައް ވަރަށް ގިނައެވެ. އަޅުގަނޑުމެންގެ ދޫތައް ﷲގެ ޒިކުރުން ތެންމައިލަމާތޯއެވެ! އެއީ ހިތްތަކުގެ ދިރުމެވެ. އެ ހިތުގެ މަޑުމޮޅިކަން ގުޅިފައި ވަނީ ދުލުގެ ތެތްކަމެވެ.