ސަރުކާރުން ދޭން ޖެހޭ ފައިސާ އަދި ލިބިފައި ނެތުމާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މިވަގުތު ހުރަސްއެޅޭ ކަމަށް ބުނެ، އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިރޭ ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޣަފޫރު ވިދާޅުވީ، މިވަގުތު ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ބާއްވައިފިނަމަ، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
ޗެއާޕާސަން އިންތިޚާބާއި ދާއިރާގެ އިންތިޚާބާ ބެހޭ ގޮތުން، އަޅުގަނޑަށް ފެންނަ ގޮތަކީ ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް. މި ދެ އިންތިޚާބު މިވަގުތު ބާއްވައިފިނަމަ، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ،
ޣަފޫރު ވިދާޅުވީ، މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ، ޕާޓީ ހިންގުމަށާއި އިންތިޚާބު ބާއްވާނެ އެއްވެސް ފައިސާއެއް ޕާޓީއަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ޕާޓީ ހިންގުމަށްޓަކައި އޭނާ ނުހިމެނޭހެން އިސް ބޭފުޅުން ވާހަކަދައްކަވައި، ގައުމީ މަޖިލީހަށް ހުށަހަޅުމަށް ޣަފޫރު ވަނީ އެދިވަޑައިގެންފައެވެ.
ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަމަވެސް މީގެ ކުރިން އެ މަގާމަށް ވާދަކުރައްވާނެކަން ހަމަކުރެއްވި އަލްހާން ފަހުމީ މިހާރު ވަނީ ވާދަނުކުރައްވާނެކަން ހާމަކުރައްވައިފައެވެ.
ޗެއާޕާސަންގެ އިންތިޚާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ބޮޑުވެފައިވާއިރު ނަޝީދުގެ ފެކްޝަނުން ވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށާފައެވެ. އެގޮތުން، ނަޝީދަށް ތާއިދުކުރައްވައި އެ މަނިކުފާނާ އެކުގައި ހުންނެވިކަން ކުރީގެ އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ އިއުލާނުކުރައްވައިފައެވެ. "ބޮޑު ބަދަލު" މި ނަމުގައި ނަޝީދާއި ފައްޔާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ބޭފުޅުން ތަފުސީލާ އެކު، ހުށަހެޅުއްވީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ގެނައުމަށް ހުށަހަޅާ ބޮޑެތި ބަދަލުތަކެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމެވެ.
ނަޝީދާ ވާދަކުރައްވާ މީކާއީލް ވެސް ދަނީ "އިތުބާރު"ގެ ނަމުގައި ކެމްޕެއިން ލޯންޗުކޮށް، ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. މަޖިލީހުގެ ޕީޖީ މެންބަރުން ވަނީ މީކާއީލަށް ތާއީދުކުރައްވައިފައެވެ.