ރާއްޖޭގެ ސަރަހައްދުން ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރި، އަވައްޓެރި ސްރީ ލަންކާގެ މަސް ބޯޓެއްގެ ވެރިފަރާތާ ދެކޮޅަށް އުފުލާފައިވާ ދައުވާ، އެ މީހާއާ މުއާމަލާތު ނުކުރެވިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
މިއީ ރާއްޖޭގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކޮށްފައިވާތީ ލަންކާގެ ބޯޓެއްގެ ވެރިފަރާތް، 600،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ނުދައްކައިގެން ފިޝަރީޒް މިނިސްޓްރީން ކުރި ދައުވާއެކެވެ. ދައުވާގައި އެދިފައިވަނީ އެ ފައިސާއަކީ ބޯޓުގެ ވެރިފަރާތުން ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި ދިނުމާ އެކު، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ނަގައިދިނުމަށާއި އަދި މަސްވެރިކަން ކުރި ބޯޓު ވެސް ދައުލަތަށް ނަގައިދިނުމަށެވެ.
މި މައްސަލައިގައި ނަގައިދޭން އެދިފައިވާ ބޯޓަކީ 'ސުޕުން ޕުތާ 2' ނަމަކަށް ކިޔާ ބޯޓެކެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ދައުލަތުން ދައުވާކުރި މި މައްސަލައިގައި ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނިންމީ، މައްސަލައިގައި ދައުވާ ލިބޭ ފަރާތާ މުއާމަލާތު ކުރެވޭނެ ގޮތެއް ނެތުމުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާށެވެ.
މި މައްސަލަ ނިންމި ރިޕޯޓުގައިވާ ގޮތުން ގައިރު ހާޒިރުގައި ހުކުމްކޮށްދިނުމަށް ވެސް ދައުލަތުން އެދުނެވެ. އެކަމަކު، މައްސަލަ ބެއްލެވި ގާޒީ ފާހަގަކުރައްވާފައިވާ ގޮތުގައި، ދައުވާ ލިބޭ ފަރާތާއި މުއާމަލާތު ކުރެވޭނެ ގޮތެއް ނެތި ގައިރު ހާޒިރުގައި ހުކުމްކުރުމަކީ ތަންފީޒު ނުކުރެވޭނެ ހުކުމެއް ކުރުމެވެ.
އެހެންވެ، ގާޒީ އަބްދުއްނާސިރު ޝަފީގު ނިންމެވީ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅާށެވެ.
މި މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައެޅިއިރު، ގަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރި އަވައްޓެރި ސްރީލަންކާ ބޯޓެއް 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ބޯޓު ދައުލަތަށް ނަގަން މި ފަހުން ސިވިލް ކޯޓުން ހުކުމްކޮށްފައިވެއެވެ.