ލަންކާގެ ބޯޓެއް ދައުލަތަށް ނަގައި، 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖެ ސަަރަހައްދުން އަތުލައިގަތް މަސް ބޯޓެއް

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދަށް ވަދެ ގަވައިދާ ޚިލާފަށް މަސްވެރިކަންކުރި ސްރީލަންކާގެ މަސްބޯޓެއް ކަމަށްވާ ގުޑްރުން ޑެޓްލެފް 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ބޯޓާއި ބޯޓުގައި ހުރި ހުރިހާ އެއްޗެއް ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމް އިއްވާފައިވަނީ ދައުލަތުން އުފުލި ދައުވާއަށް ބޯޓުގެ ފަރާތުން ޖަވާބުދާރީވެފައި ނުވާތީ ޣައިރު ހާޒިރުގައެވެ.

  • ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަންކުރި ލަންކާގެ ބޯޓެއް 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
  • ސިވިލް ކޯޓުން ހުކުމްކުރީ ބޯޓާއި ބޯޓުގައިވާ ހުރިހާ އެއްޗެއް ދައުލަތަށް ނެގުމަށް
  • ބޯޓުގެ ފަރާތުން ކޯޓަށް ހާޒިރުވެފައިނުވާތީ ހުކުމްކުރީ ޣައިރު ހާޒިރުގައި
  • މި ބޯޓަކީ މިދިޔަ އަހަރު ކޯސްޓްގާޑުން ހިފެހެއްޓި ބޯޓެއް

ގަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރި އަވައްޓެރި ސްރީލަންކާ ބޯޓެއް 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ބޯޓު ދައުލަތަށް ނަގައިފިއެވެ.

މިއީ، މިދިޔަ އަހަރު އަވައްޓެރި ސްރީލަންކާގެ ގުޑްރުން ޑެޓްލެފް ނަމަކަށް ކިޔާ ބޯޓެއް ރާއްޖޭގެ ސަރަހައްދަށް ވަތް މައްސަލައެވެ. އޭރުގެ ރިޕޯޓްތައް ބުނާ ގޮތުން، ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ދެ މަސް ބޯޓެއް ސިފައިންގެ ކޯސްޓްގާޑުން ވަނީ ހިފަހައްޓައިފައެވެ.

އެ ދެ މަސްބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައެވެ.

އެ ދެ ބޯޓުގެ ތެރެއިން، ޑެޓްލެފް ކިޔާ ބޯޓު ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރުމުން، ދައުލަތުން އެ ބޯޓާ ދެކޮޅަށް އުފުލި ދައުވާ، ސިވިލް ކޯޓުން ބުދަ ދުވަހު ނިންމިއިރު، ހުކުމް ކޮށްފައިވަނީ ޖޫރިމަނާ ކުރުމުގެ އިތުރުން ބޯޓު ދައުލަތަށް ނަގާށެވެ. އެކަމަކު، މި ހުކުމް އިއްވީ ޣައިރު ހާޒިރުގައެވެ.

ޖުމުލަ 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ބޯޓު ދައުލަތަށް ނަގަން ޣައިރު ހާޒިރުގައި ހުކުމްކުރީ، ދައުލަތުގެ ދައުވާއާ ގުޅިގެން ބޯޓުގެ ފަރާތުން ޖަވާބެއް ވެސް ނުދޭތާ، ޝަރިއާތަށް ވެސް ހާޒިރު ނުވުމުންނެވެ. މި މައްސަލަ ނިންމީ ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީނުއެވެ. މަތީންގެ ހުކުމުގައި އޮތީ، 2.6 މިލިއަން ރުފިޔާ ދެއްކުމުގެ އިތުރުން ބޯޓާއި ބޯޓުގައި ހުރި ހުރިހާ އެއްޗެއް ދައުލަތަށް ނެގުމަށެވެ.

ކުރިން 2022 ވަނަ އަހަރު "އަނުސްކާ ޑެސްހަން" ނަމަކަށް ކިޔާ ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދަށް ވަދެފައިވާ މައްސަލައާ ގުޅިގެން ބައި މިލިއަނެއްހާ ރުފިޔާއިން ވެސް ޖޫރިމަނާކުރިއެވެ. އެކަމަކު، އެ ފަހަރު ބޯޓު ދައުލަތަކަށް ނުނަގައެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެއެވެ. އަދި، ބައެއް ފަހަރު ހާލުގައި ޖެހިފައިވާ މީހުންނާ އެކު ވެސް ލަންކާގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވެއެވެ.

comment ކޮމެންޓް