ހައި އެޗީވާސް ސްކޮލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވައިލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި ޕޯސްޓެއްގައިވަނީ، 2025ވަނަ އަހަރުގެ ހައި އެޗީވާސް ސްކޯލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމަށް، އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުޅުވައިލައިފައެވެ.
'ކުރި' ޕޯޓަލް މެދުވެރިކޮށް، ހައި އެޗީވާސް ސްކޯލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލެވޭނެ ކަމަށް، މިނިސްޓްރީން ބުނެފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެ މަހެއްހާ ދުވަސްކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ހައި އެޗީވާސް ސްކޯލާޝިޕް ދޭ އުސޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން، މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލްއިން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދުމުން ކަމަށް، އުސޫލުގައިވެއެވެ.
އުސޫލުގައިވާ ގޮތުން، ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލް، ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ތިން މާއްދާއިންނާއި، އެޗްއެސްސީ އިސްލާމާއި ދިވެހި މާއްދާއާއެކު ޖުމްލަ ފަސް މާއްދާގެ ތެރެއިން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ލިިބުމުންނެވެ. އަދި އަނެއް ހަތަރު މާއްދާއިން ދަށްވެގެން އޭ ގުރޭޑް ލިބުމުންނެވެ.
ޢަރަބިއްޔާ ސްކޫލުގައި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންނަށް ކުރިން އޮންނަނީ، ޝަހާދާ ސާނަވިއްޔާގައި އެ ދަރިވަރަކު ކިޔެވި ސްޓްރީމްގެ ހުރިހާ މާއްދާއަކުން 'އޭ' ފާސް ހޯދުމުން، ހައި އެޗީވާސް ސްކޯލާޝިޕް ލިބޭ ގޮތަށެވެ.
އެކަމަކު އުސޫލަށް އައި ބަދަލާއެކު، ހައި އެޗީވާސް ސްކޯލާޝިޕް ބޭނުންނަަމަ، ޢަރަބިއްޔާ ސްކޫލުގައި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުން ޝަހާދާ ސާނަވިއްޔާ، ނުވަތަ ގްރޭޑު 11 އާއި 12ގައި އެ ދަރިވަރަކު ކިޔެވި ސްޓްރީމްގައި ކޮންމެހެން ކިޔަވަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފައިވާ މާއްދާތަކާއި، އެޗްއެސްސީ ދިވެހި ހިމެނޭހެން، އެ ތަނުން އެއް މާއްދާއިން 'އޭ ސްޓާ' ހޯދައި، ދެން ހުރި މާއްދާތަކުން 'އޭ' ފާސް ހޯދަން ޖެހޭނެއެވެ.
ރައީސް ދެއްވާ ސްކޯލާޝިޕް ލިބޭނީ އޭލެވެލް އިމްތިހާނުގައި، އެޗްއެސްސީ ދިވެއްސާއި އިސްލާމް ހިމެނޭހެން، ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީއަށް ވުރެ މަތީ ފާހެއް ހޯދުމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، ހައި އެޗީވާސް ސްކޯލާޝިޕް ދޭ އުސޫލާއެކު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ރައީސް ދެއްވާ ސްކޯލާޝިޕް ލިބޭ އުސޫލުގައި ވަނީ، ރައީސްގެ ސްކޮލަޝިޕް ދޭނީ، އެ ވަގުތަށް މިނިސްޓްރީގައި ޝާއިއުކޮށްފައިވާ "ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓުގައި" ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް ކަނޑައަޅައިފައެވެ.
އެކަމަކު، ބައެއް ފާޑުކިއުންތަކާ ގުޅިގެން މިނިސްޓްރީން ވަނީ އުސޫލަށް ބަދަލު ގެނެސް، ދަރިވަރުން ކިޔަވަން ބޭނުން ކޮންމެ ދާއިރާއެއްގައި ކިޔެވުމުގެ ފުރުސަތު ދެވޭ ގޮތަށް ހަދައިފައެވެ.
ހައި އެޗީވާސް ސްކޯލާޝިޕަށް ބަދަލު ގެނައުމާ ގުޅިގެން، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ސިފަކުރެއްވީ، އެއީ ބޭއިންސާފު ބަދަލެއްގެ ގޮތުގައެވެ. ފޭސްބުކްގައި ޢާއިޝަތު ޢަލީ ކުރެއްވި ޕޯސްޓެއްގައިވަނީ، އެ ބަދަލަކީ ސްޓްރީމް މާއްދާތަކުން މަތީ ނަތީޖާއާއެކު ސްކޯލާޝިޕް ހޯދަން މަސައްކަތްކުރާ ދަރިވަރުންގެ ހައްގަށް އުނިކަން އަންނާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.