ފުވައްމުލަކަށް ފުޅަނގި އަރަން ފަށައިފި

ފުވައްމުލަކުން މީހަކު ހޮވި ފުޅަނގިތަކެއް: އެ ރަށަށް މަދުމަދުން އަންނަނީ ފުޅަނގި އަރަމުން --- ފޮޓޯ/ ސައު ސައީދު

މި އަހަރުގެ ހުޅަނގު މޫސުން ފެށިގެން ކުރިއަށް ދާއިރު، ފުވައްމުލަށް ސިޓީއަށް ފުޅަނގި އަރަން ފަށައިފިއެވެ.

އުދުހޭ މަހެއް ކަމަށްވާ ފުޅަނގި އެރުމަކީ އެ މަސް މޫދުގެ ތިލަ ހިސާބަކަށް ނުވަތަ އެއަށް ވުރެ އެއްގަމަށް އެރުމެވެ. އެއާއެކު މީހުން އެ މަސް ހޮވައި ހަދައެވެ.

ފުވައްމުލަކުގެ އިރު އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު 'ސަން'އަށް ވިދާޅުވީ، އެ ރަށަށް ފުޅަނގި އަރަން ފެށީ މީގެ ދެ ތިން ދުވަސް ކުރިން ކަމަށެވެ.

ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމާ ދިމާކޮށް، އެ ރަށަށް ފުޅަނގި އަރާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއާ ޚިލާފަށް މިހާރު ފުޅަނގި އަރާ ނިސްބަތް މަދުވެއްޖެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ފަހުން [ފުޅަނގި އަރަނީ] ދޭތެރެއަކުން. އެންމެ ކުރީ ޒަމާނުގައި އަރާ ވަރަކަށް ނާރާ. ނަމަވެސް، ބައެއް ފަހަރަށް ގިނައިން އަރާކަން ފާހަގަކުރެވޭ" އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގެ ހުޅަނގު ފަރާތުގައި ފުޅަނގި ހޮވުމަށް މީހުން ހަރަކާތްތެރި ވަނީ --- ފޮޓޯ/ސައު ސައީދު

ފުޅަނގި އަރަނީ، ފުވައްމުލަކުގެ ހުޅަނގު ފަރާތަށް ކަމަށްވާއިރު، ފުޅަނގި ހޮވުމަށް ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް ޖަމާވެފައި އޮންނަ ކަމަށް ނާސިރު ވިދާޅުވިއެވެ.

ސީދާ އަދަދެއް ހާމަނުކުރައްވައި، ނާސިރު ވިދާޅުވީ، ކޮންމެވެސް ވަރަކަށް އެ ރަށަށް ފުޅަނގި އަރަމުން އަންނަ ކަމަށެވެ.

އާންމުކޮށް ފުވައްމުލަކުގައި ފުޅަނގި ކައި އުޅެނީ، ތެލުލައިގެންނެވެ.

https://sun.mv/201762

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރުގެ ކުރީކޮޅު ކ. ކާށިދުއަށް ވަނީ ގިނަ އަދަދެއްގެ ފުޅަނގި އަރާފައެވެ. އެ ފަހަރު ބޮޑެތި ގޯންޏާއި ކޮތަޅުގެ ފުޅަނގި އެ ރަށު މީހުން ވަނީ ހޮވާފައެވެ.

comment ކޮމެންޓް