ފޯރިގަދަކޮށް ފުވައްމުލަކުގައި ވޯލްޑް ކަޕުގެ ފައިނަލް ދައްކައި، ގުރުއަތުން ހޮވުނު ފަރާތަށް ޢުމްރާ ދަތުރު ދީފި

ފުވައްމުލަކުގައި މެޗު ބަލައިލަން ދިޔަ މީހުންގެ ތެރެއިން ޢުމްރާ ދަތުރު ލިބުނު ޢާއިޝަތު ޝީރާޒް މުޙައްމަދަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް އިނާމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ފައިޞަލް މީޑިއާ ޓީމް

ރޭ ނިމުނު 23ވަނަ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗު، ފުވައްމުލަކު ސިޓީގެ ގިނަ ބަޔަކަށް ފޯރިގަދަ މާހައުލެއްގައި ބެލޭނެ އިންތިޒާމު ހަމަޖައްސައި، މެޗު ބަލައިލަން ދިޔަ މީހުންގެ ތެރެއިން އެކަކަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްގެ ފައިޞަލް ފައުންޑޭޝަންގެ ފަރާތުން ޢުމްރާ ދަތުރެއް ދީފިއެވެ.

ވޯލްޑް ކަޕުގެ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު ފުވައްމުލަކުގައި އަޅުވައިފައިވަނީ އެ ސިޓީގެ މާދަޑު އަވަށުގެ ސްޕޯޓްސް ޕާކުގައެވެ.

ފުވައްމުލަކުގައި މެޗު ބަލައިލަން ދިޔަ މީހުންގެ ތެރެއިން ސްރީލަންކާ ދެކޮޅު ޓިކެޓު ލިބުނު މީހާއަށް މޭޔަރު އިސްމާޢީލް ރަފީޤް އިނާމު ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ފައިޞަލް މީޑިއާ ޓީމް

ބޮޑު ލެޑް ސްކްރީނެއް ހަރުކޮށް، މާދަޑު ސްޕޯޓްސް ޕާކުގައި ގިނަ ބަޔަކަށް އެއްފަހަރާ ފައިނަލް މެޗު ބަލައިލުމުގެ ފުރުސަތު ފަހިކޮށްދީ، "ވޯލްޑް ކަޕް ފޯރި 2026"ގެ ނަމުގައި ފައިޞަލް ފައުންޑޭޝަނުން މެޗު ބަލައިލެވޭނެ އިންތިޒާމު ހަމަޖެއްސީ ފުވައްމުލަކުގެ ކައުންސިލާ ގުޅިގެންނެވެ.

ފައިޞަލް ފައުންޑޭޝަނުން ފުވައްމުލަކުގައި ފައިނަލް މެޗު އެޅުވިއިރު، ފައިނަލް މެޗު ބަލައިލަން ގިނަ ބަޔަކު އެއްވެފައި --- ފޮޓޯ: ފައިޞަލްގެ މީޑިއާ ޓީމް

ގިނަ ބަޔަކު މާދަޑު ސްޕޯޓްސް ޕާކަށް ގޮސް ފައިނަލް މެޗު ބަލައިލިއިރު، އެ ތަނުގައި ފައިނަލް މެޗު ބަލަން ދިޔަ ފަރާތްތަކުގެ މެދުގައި ވަނީ ގުރުއަތު ނަގައިފައެވެ.

އެގޮތުން، މެޗު ބަލަން ދިޔަ މީހުންގެ ތެރެއިން އެންމެ ބޮޑު އިނާމު ކަމަށްވާ ޢުމްރާ ދަތުރު ލިބުނީ ޢާއިޝަތު ޝީރާޒް މުޙައްމަދަށެވެ.

މީގެ އިތުރުން، ގުރުއަތުން ދެން ހޮވުނު ފަރާތްތަކަށް ފެން ފިލްޓަރަކާއި ރެފްރިޖެރޭޓަރެއްގެ އިތުރުން، އަވައްޓެރި ސްރީލަންކާއަށް ދެކޮޅު ޓިކެޓަކާއި އެޕަލް ބްރޭންޑުގެ އައިޕެޑެއް ދީފައިވެއެވެ.

ފައިޞަލް ވަނީ ފައިނަލް މެޗު ބަލައިލަން ދިޔަ ފަރާތްތަކުގެ ތެރެއިން ޢުމްރާ ދަތުރާއި އެހެނިހެން އިނާމުތައް ލިބުނު ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެ މަނިކުފާނު ވަނީ ފުވައްމުލަކު ރައްޔިތުންނަށް ފައިނަލް މެޗު ބެލޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރި ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.

ފައިޞަލް ފައުންޑޭޝަނުން އަންނަނީ 1998ވަނަ އަހަރުން ފެށިގެން އޮންނަ ކޮންމެ ވޯލްޑް ކަޕެއްގެ ފައިނަލް ފުވައްމުލަކުގައި ދައްކަމުންނެވެ.

comment ކޮމެންޓް