ފައިސަލް ފައުންޑޭޝަނުން ވޯލްޑް ކަޕް ފައިނަލް ދައްކަން އުޅެނިކޮށް ހޯލް އަތުލައިފި

ޏ. އަތޮޅު މަރުކަޒުގައި ސްކްރީން ހަރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން: އެ ތަނުގައި ވޯލްޑް ކަޕް ފައިނަލް ނުދެއްކޭނެ ކަމަށް ސަރުކާރުން ވަނީ އަންގައިފައި --- ފޮޓޯ/ ފައިސަލް ފައުންޑޭޝަން

ފުވައްމުލަކުގައި ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗު ދެއްކުމަށް ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލު ތައްޔާރުކޮށްފައި ވަނިކޮށް، އެ ތަނުގައި ފައިނަލް މެޗު ނުދެއްކޭނެކަން ސަރުކާރުން އެންގުމުން މެޗު ދައްކާ ތަން ބަދަލުކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ވޯލްޑް ކަޕާ ދިމާކޮށް، އެ މުބާރާތުގެ ފައިނަލް މެޗު ބަލާނެ އިންތިޒާމު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ 'ފައިސަލް ފައުންޑޭޝަން'ގެ ފަރާތުން އެ ސްކޫލުގައި ހަމަޖައްސައެވެ.

ކުރިއެކޭ ވެސް އެއްފަދައިން މިފަހަރު ވެސް ރާއްޖެ ގަޑިން އަންނަ ހޯމަ ދުވަހުގެ ދަންވަރު 12 ޖަހާއިރު އޮންނަ ފައިނަލް މެޗު އަޅުވަން އެންމެ ފުރަތަމަ ނިންމައިފައި ވަނީ ފުވައްމުލަކުގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

ނަމަވެސް ފައިޞަލް ފައުންޑޭޝަންގެ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ ވޯލްޑް ކަޕުގެ ފައިނަލް މެޗު ނުދެއްކޭނެ ކަމަށް ސަރުކާރުން އެންގީ މެޗު އަޅުވަން ހުރިހާ މަސައްކަތެއްކޮށް ސްކޫލްގެ ހޯލު ތައްޔާރުކޮށް ނިންމައިފައި ވަނިކޮށް ކަމަށެވެ. އެގޮތުން މެޗު ދައްކަން އެ ތަނުގައި އަޅުވައިފައި ހުރި 20 ފޫޓުގެ ސްކްރީން ސްކޫލު ހޯލުން ނެރެން ޖެހުނީ ހަލާކުކޮށްލައިގެން ކަމަށް ފައިސަލް ފައުންޑޭޝަނުން ބުންޏެވެ.

ޏ. އަތޮޅު މަރުކަޒުގައި ފައިނަލް މެޗު ދައްކަން ތައްޔާރުކޮށްފައި: އެ ތަނުގައި ވޯލްޑް ކަޕް ފައިނަލް ނުދެއްކޭނެ ކަމަށް ސަރުކާރުން ވަނީ އަންގައިފައި --- ފޮޓޯ/ ފައިސަލް ފައުންޑޭޝަން

"ވޯލްޑް ކަޕް ފައިނަލްސް ވޭތުވެދިޔަ ކޮންމެ އަހަރަކު 1998އިން ފެށިގެން ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކު ރައްޔިތުންނަށް ސްކޫލު ހޯލުގައި ދެއްކި،" އެ ޖަމިއްޔާއިން ބުންޏެވެ.

ފައިޞަލް ފައުންޑޭޝަނުން ބުނީ، މީގެ ކުރިން އެއްވެސް ރައީސަކު އެކަމަށް ހުރަސް ނާޅާ ކަމަށެވެ.

އެހެންނަމަވެސް، ވޯލްޑް ކަޕްގެ ފައިނަލް މެޗު އެހެން ތަނެއްގައި އަޅުވާނެ ކަމަށް ފައިސަލް ފައުންޑޭޝަނުން ބުންޏެވެ.

މިކަމާ ގުޅިގެން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފައެވެ.

ފައިޞަލް އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވަނީ، ކުރީ އަހަރުތަކަކޭ ވެސް އެއްގޮތަށް މިފަހަރު ވެސް ފުވައްމުލަކުގެ ރައްޔިތުންނަށް ވޯލްޑް ކަޕުގެ ފައިނަލް މެޗު ޚާއްސަ އިންތިޒާމުތަކަކާއެކީ ބަލައިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެގޮތުން މެޗު ބަލަން ދާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން އެއްވަނައަށް ދާ ފަރާތަކަށް ޢުމްރާ ދަތުރެއް ލިބޭނެ ކަމަށާއި އަގުހުރި އެހެނިހެން އިނާމު ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެމަނިކުފާނުގެ ޕޯސްޓުގައި ވެއެވެ.

ހޯމަ ދުވަހުގެ ދަންވަރު 12 ޖަހާއިރު އޮންނަ މެޗުގައި ކުޅޭނީ މިދިޔަ ވޯލްޑް ކަޕްގެ ޗެމްޕިއަން އާޖެންޓީނާ އާއި ސްޕެއިނެވެ.

comment ކޮމެންޓް