ހަށި ވިއްކުމުގެ މައްސަލައެއް ސާބިތުވެ، ފުވައްމުލަކު އަންހެނަކު ހަތް އަހަރަށް ޖަލަށްލާން އެ ރަށު ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ، ފުވައްމުލަކު ދެ އަންހެނަކާއި ފިރިހެނެއްގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް ކުރި މައްސަލައެކެވެ. އެއީ، ނާސިގެއެއް ހެދުމުގެ ދައުވާއަކާއި، ހަށި ވިއްކުމުގެ ދައުވާއަކާއި ބްލެކްމެއިލް ކުރުމުގެ ދައުވާގެ އިތުރުން، އޮރިޔާން ކާޑު ހެދުމާއި އެހެން މީހެއްގެ ރުހުމާ ނުލައި އެ މީހެއްގެ ޖިންސީ ގުނަވަނެއް ފެންނަ ގޮތަށް އޮރިޔާން ކާޑު ހެދުމުގެ ދައުވާއެވެ.
މި ތިން ދައުވާ ތިން މީހެއްގެ މައްޗަށް ކޮށްފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ މީހެއްގެ މައްޗަށްވަނީ ކުށް ސާބިތުވެފައެވެ. އެއީ މި މައްސަލައިގައި ހިމެނޭ އަންހެނަކާއި ފިރިހެން މީހާގެ މައްޗަށެވެ. ދެވަނަ އަންހެން މީހާ ސަލާމަތްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލައިގައި ހިމެނޭ އެއް އަންހެނެއްގެ މައްޗަށް ދިވެހިރާއްޖޭގައި ހަށި ވިއްކުމުގެ ކުށް ސާބިތުވެ، ހަތް އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު، ނާސިގެ ހެދުމުގެ ކުށް ސާބިތުވެ، މި މައްސަލައިގައި ހިމެނޭ ފިރިހެން މީހާވަނީ ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ މައްޗަށްވެސް ބްލެކްމެއިލް ކުރުމުގެ ދައުވާ ކުރި ނަމަވެސް، އެ ދައުވާތައް ސާބިތެއް ނުވިއެވެ. އަދި އޮރިޔާން ކާޑު ހެދުމާއި އެހެން މީހެއްގެ ރުހުމާ ނުލައި އެ މީހެއްގެ ޖިންސީ ގުނަވަނެއް ފެންނަ ގޮތަށް އޮރިޔާން ކާޑު ހެދުމުގެ ދައުވާ ވެސް ތިން މީހުންގެ ތެރެއިން، އެކެއްގެ މައްޗަށް ވެސް ސާބިތެއް ނުވިއެވެ.
މި މައްސަލަތަކުގެ ޝަރިއަތް ކުރިއަށް ގެންގޮސްފައިވަނީ މުޖުތަމައުގެ އާއްމު އަހްލާގީ މިންގަނޑު ހިފެހެއްޓުމަށްޓަކައި، އާއްމުކޮށް ހުޅުވައި ނުލައެވެ.