އަދަދުގެ ޑޮކިއުމެންޓަރީގައި ދެއްކި ވާހަކަތަކަކީ ދޮގެއްކަމަށް، ޚަތިމުގައި އަތްލައިފައި ހުވާކުރަން ކެރޭނެ: ފަލާޙް

މެޖޯރިޓީ ލީޑަރު ފަލާހް: އޭނާ ވިދާޅުވީ ޚަތިމުގައި އަތްލައިފައި، ޑޮކިއުމެންޓަރީގެ ވާހަކަތައް ދޮގުކުރައްވަން ކެރިވަޑައިގަންނަވާނެ ކަމަށް --- ފޮޓޯ/ މަޖިލިސް

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާއާ ގުޅޭގޮތުން ދައްކާފައިވަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް ވަނީ ވިދާޅުވެފައެވެ. އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ އެއީ ސިޔާސީ މަގުސަދެއްގައި ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށެވެ. މި މައްސަލައިގައި އަދަދު ނޫހުގެ އިސްވެރިން ފުލުހަށް ހާޒިރުކޮށްފައިވާއިރު ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

  • އައިޝާ ޑޮކިއުމެންޓަރީގައިވަނީ ދޮގު ވާހަކަތަކެއްކަމަށް ޕީއެންސީން ބުނުން
  • ރައީސްއާ ގުޅޭގޮތުން ކުރާ ތުހުމަތުތައް ސަރުކާރުން ދޮގުކުރުން
  • އަދަދު ނޫހުން ކުރަނީ ސިޔާސީ މަސައްކަތެއްކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވުން
  • އަދަދު ނޫހުގެ އިސްވެރިން ފުލުހަށް ހާޒިރުކޮށް މައްސަލަ ތަހުގީގުކުރުން
  • ނޫސްވެރިކަމުގެ މިނިވަންކަމާމެދު އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކުރުން

އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓަރީގައި އޮތީ ދޮގު ވާހަކައެއްކަމަށް، ޚަތިމުގައި އަތްލައިފައި ހުވާ ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅޭގޮތުން ޕީއެންސީން އެއްވެސް އެއްޗެއް ނުބުނެ އޮތީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ފަލާޙް ވިދާޅުވީ، އަދަދުން އާންމުކުރި ޑޮކިއުމެންޓަރީގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒޭ ކިޔައިގެން ހާމަކޮށްފައިވަނީ ހަގީގަތާ ޚިލާފު، ނުބައި، ދޮގު ވާހަކަތަކެއް ކަމަށެވެ.

"...އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަކީ އަޅުގަނޑުގެ އަމިއްލަ ނަފުސު ނޫން އެހެން މީހެއްގެ މައްޗަށް ކަމެއްގައި އިތުބާރުކުރާނަމަ އަޅުގަނޑަށް 100 ޕަސެންޓަށް، އަޅުގަނޑަށް ޚަތިމުގައި އަތްލައިފަ ވެސް ހުވާކުރަން ކެރޭ ވަރުގެ ކަމެއް އެއީ، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ގޮތުން އެ ދައްކާ ވާހަކައަކީ ދޮގެއްކަން، 100 ޕަސެންޓު ދޮގު ވާހަކައެއް،" ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން އޮންނަނީ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން، ވަކި ހުދޫދުތަކެއްގެ ތެރެއިން ކަމަށެވެ. ފަލާޙް ގަބޫލުކުރައްވާ ގޮތުގައި، ފުލުހުން އަދަދު ނޫހުގެ އިދާރާއަށް ވަދެ، އެ ތަން ބަލައި ފާސްކޮށް، އެ ތަނުން އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައި ވަނީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އޭނާ ވިދާޅުވީ، ރައީސަކީ އިސްލާމްދީނަށް ލޯބިކުރައްވައި، ދީނަށް ހުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، އެ ޑޮކިއުމެންޓަރީގައި ކޮށްފައިވާ އެއްވެސް ތުހުމަތެއް ރައީސް ކުރައްވައިފައި ނުވާނެ ކަމަށް އެނާ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސުންގެ ތެރޭ ހިމެނިވަޑައިގަންނަވާ އަޙްމަދު ޝިޔާމް -- ސަން ފޮޓޯ/ މޫސާ ނަދީމް

ޕީއެންސީގެ އެއް ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، އަދަދު ނޫހަކީ ސަރުކާރާ ދެކޮޅު ނޫހެއްކަން ފާޅުގައި ބުނެފައިވާ ކަމަށާއި، އެ ނޫހުން މިއަދު ކުރަމުން ދަނީ ސިޔާސީ މަސައްކަތެއް ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ސިޔާސީގޮތުން އަޅުވައިގެން އުޅޭ ތުހުމަތުތަކެއް މިއީ، ރައީސުލްޖުމްހޫރިއްޔާ ނުފިއްލަވާނެ، އަޅުގަނޑުމެން ނުފިލާނެ، މި ސަރުކާރަކީ އެންމެ ގާތުން ނޫސްވެރިންނާއެކީ މަސައްކަތްކުރާ ސަރުކާރު އިނގޭތޯ،" ޝިޔާމް ވިދާޅުވިއެވެ.

އަދަދު ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާއާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު ފުލުހަށް ހާޒިރުކުރި ކުރުމަށް އިޝާރާތްކުރައްވައި ޝިޔާމް ވިދާޅުވީ، އަދަދު ނޫހުގެ އެޑިޓަރުން ޑޮކިއުމެންޓަރީގެ މަސްދަރުތައް ހާމަކުރަން ބޭނުންނުވާ ކަމަށާއި، ތަހުޒީބު މުޖުތަމައެއްގައި ބޮޑެތި މައްސަލަތަކުގައި މަސްދަރު ހާމަކުރުމަކީ އެންމެ އަސާސީ ކަންތައް ކަމަށެވެ.

އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ޙުސައިން ފިޔާޒް މޫސާ ފުލުހަށް ހާޒިރުވަނީ --- ސަން ފޮޓޯ: މުޙައްމަދު ޝާތިޢު ޢަބްދުالله

މިކަންކަމަށް ބަލާއިރު، "އައިޝާ"ގެ ނަމުގައި އަދަދުން ޑޮކިއުމެންޓަރީ ތައްޔާރުކުރީ ސިޔާސީ މަގުސަދެއްގައިކަން ސާފުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ފަލާޙް ވަނީ، ރައީސަކީ "ވަރަށް ކްލީންކޮށް، ވަރަށް ރީއްޗަށް، ލޯބިން، ރައްޔިތުންނަށް އަޅާލައިގެން، އޯގާތެރިކޮށް" ވެރިކަންކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"މިހާރު އަދަދު ނޫހުން ނޫސްވެރިކަން ދޫކޮށްލައިފަ ހަގީގަތުގަ އެ އޮތީ ސިޔާސީ ޕާޓީއެއްގެ ގޮތަށް ރަޖިސްޓްރީކުރަންވެފަ،" ފަލާޙް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް ފިޔާޒާއި ޙަސަން ވަނީ، ހެންވޭރު ފުލުސް އިދާރާއަށް ހާޒިރުކޮށްފައެވެ.

https://sun.mv/221278

ޙަސަންގެ ވަކީލު ސައްޔާޙް ޚަލީލް ވިދާޅުވީ، ޙަސަން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށް، ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި ކަމަށެވެ.

ޙަސަންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި:

  • މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް
  • ޤަޛްފުގެ ކުށް
  • ކުށެއް ކުރުމަށް އެދުމާއި ކުށެއް ކުރުމަށް ރޭވުން

ފާހަގަކުރެވޭ ގޮތުގައި ޙަސަނާއި ފިޔާޒްގެ އިތުރުން، "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި ޢާއިޝަތު ޢީޝާ އަޝްރަފްގެ ޕާސްޕޯޓު ތިން މަސް ވަންދެން ވަނީ ހިފަހައްޓައިފައެވެ.

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި، ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ.

އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަތް މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް