ޢަރަބިބަސް ދަސްކުރުން މުހިންމުވާ ބައެއް ސަބަބު

ޢަރަބިބަސް ދަސްކުރުމަކީ މުސްލިމުންނަށް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ކީރިތި ޤުރުއާނާއި އިސްލާމްދީނުގެ ޙުކުމްތައް ބާވައިލައްވައިފައިވަނީ ޢަރަބިބަހުން ކަމަށް ވުމެވެ. ނަމާދުގައި ކިޔަވާ ތަކެތީގެ މާނަ ދެނެގަތުމަށާއި، ދީނީ ޢިލްމު އުނގެނި އެހެން މީހުންނަށް އުނގަންނައިދިނުމަށް ޢަރަބިބަހުގެ ދައުރު ބޮޑެވެ. މީގެ އިތުރުން ޢަރަބިބަހަކީ 12 މިލިޔަނަށްވުރެ ގިނަ ލަފުޒު ހިމެނޭ، ދުނިޔޭގެ އެންމެ މުއްސަނދި އެއް ބަހެވެ.

  • އިސްލާމްދީނުގެ ޙުކުމްތަކާއި ޤުރުއާނުގެ މާނަ ފުރިހަމައަށް ދެނެގަތުމަށް ޢަރަބިބަސް އެހީތެރިވެދޭ.
  • ނަމާދުގައި ކިޔަވާ ތަކެއްޗާމެދު ވިސްނައި، ނަމާދުގެ ފުރިހަމަ ފައިދާ ހާސިލުކުރެވޭ.
  • ޢަރަބިބަހަކީ 12 މިލިޔަނަށްވުރެ ގިނަ ލަފުޒު ހިމެނޭ ވަރަށް މުއްސަނދި ބަހެއް.
  • ދީނީ ޢިލްމު ފެތުރުމަށާއި، އިސްލާމީ މަސްދަރުތައް ދިރާސާކުރުމަށް މި ބަސް އުނގެނުން ވާޖިބުވެގެންވޭ.
  • الله ގެ ވަޖުހުފުޅު އެދިގެން ޢަރަބިބަސް އުނގެނުމަކީ ސުވަރުގެއަށް މަގުފަހިވާނޭ ކަމެއް.

ޢަރަބިބަސް ދަސްކުރުން މުހިންމުވާ ސަބަބުތަކެއް ހުރެއެވެ. އޭގެ އަހަންމިއްޔަތު އެނގޭނީ އެ ކަމަށް ބޭނުންވާ ބަޔަކަށެވެ. އިސްލާމްދީނުގެ ޙުކުމްތައް އެނގިގެން އެ ދީނުގެފަރާތުން އެންގެވި ގޮތަށް އުޅެން ބޭނުންވާ މީހުންނަށް ޢަރަބިބަސް ދަސްކުރުން މުހިންމުކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ބައެއް މީހުންގެ ނަޒަރުގައި ޢަރަބިބަސް އެނގުމަކީ ކޮންމެހެން މާ މުހިންމު ކަމެއް ނޫނެވެ. އެ ބަސް ނޭނގުނަސް ދީނުގެ ޙުކުމްތައް އެނގެން އެބަހުއްޓެވެ. ކޮންމެ ބަހަކުން އެ ޙުކުމްތައް ދަސްކުރިޔަސް އެއާ އެއްގޮތަށް ޢަމަލުކުރެވޭނެވެ. މިއީ ދޮގު ވާހަކައެއް ނޫނެވެ. އެހެނަސް ވިސްނައިލަން ވީ ކަމަކީ އެހެން ކޮންމެ ބަހެއްގައި އެ ވަނީ ޢަރަބިބަހުން ގެނެސްފައިވާ ޙުކުމްތަކުގެ ތަރުޖަމާކަމެވެ. ވީމާ އެއްޗެއްގެ އަސްލުން އެ އެއްޗެއް އެނގުން އޭގެ ނަކަލަކުން އެ އެއްޗެއް އެނގުމަށްވުރެ މޮޅު ނުވާނެ ނޫންތޯއެވެ؟

ކޮންމެއަކަސް ނަމާދުތަކަށް ވިސްނައިލުމުން ވެސް ޢަރަބިބަސް އެނގުމާއި ނޭނގުމުގެ ތަފާތު ވަރަށް ރަނގަޅަށް ދެނެގަނެވޭނެއެވެ. ޖަހުރިއްޔަ ނަމާދުތަކުގައި އިމާމު ކިޔަވާ ސޫރަތްތައް އަޑުއަހަން ތިބޭއިރު، އެ އިވެނީ ﷲގެ ބަސްފުޅެވެ. އެއިލާހު ބަޔާންކޮށްދެއްވައިފައި ހުރި ޙުކުމްތަކެވެ. ތާރީޚުގެތެރެއިން އަޅުގަނޑުމެން ނުދަންނަ އެތައް ކަމެއް ކިޔައިދެއްވައިފައިހުރި ވާހަކަތަކެވެ. އެ ވާހަކަތަކުން ލިބޭ އެއްވެސް ޢިބުރަތެއް ނެތި ނަމާދުން އަވަދިވެގެން ދާ މީހަކާއި އެ ވާހަކަތަކުން މަންފާއެއް ހާސިލުކުރާ މީހަކާ އެއްވަރު ވާނެ ހެއްޔެވެ؟

ޢަރަބިބަހުގެ ޒާތަށް ބަލާއިރު، މުސްލިމުންނަށް ވިސްނޭނެ އެއް ކަމަކީ، އެހެން ބަސްތަކުގެ މައްޗަށް، މާތް ﷲ، ޢަރަބިބަސް މާތްކުރައްވާ މަތިވެރިކުރައްވައިފައިވާ ކަމެވެ. އެއީ އެ އިލާހުގެ ކަލާމްފުޅު ޢަރަބިބަހުން ބާވައިލައްވައިގެންނެވެ. ކީރިތި ޤުރުއާނުގެ 12 އާޔަތެއްގައި، އެކަލާނގެ މި ކަން ބަޔާންކުރައްވައިފައި ވެއެވެ. ސޫރަތު ޔޫސުފުގެ ދެވަނަ އާޔަތަކީ އޭގެތެރެއިން އެއް އާޔަތެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿إِنَّا أَنزَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ﴾ ‎(يوسف: ٢) ‏މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީ، ޢަރަބި ބަހުން އޮތް ޤުރުއާނެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށް ޓަކައެވެ."

ބަސްތަކުގެ ތެރެއިން އެންމެ މުއްސަނދިކޮށް، ތާރީޚުން ފެންނާން އޮތީ ވެސް ޢަރަބިބަހެވެ. ޢަރަބި ބަހުގައި 12 މިލިޔަނަށްވުރެ ގިނަ ލަފުޒު ވެއެވެ. މިއީ އިނގިރޭސި ބަހާއި ފަރަންސޭސި ބަހާއި މެންޑްރިން ބަހުގެ ކަލިމަތައް އެއްކޮށްލީމައި ވެސް ނުބައްދަލު ޢަދަދެކެވެ. ޢަރަބިބަހުގައި އެކައްޗަކަށް އެތައް ނަމެއް ދީފައި އޮވެއެވެ. ސިންގާއަށް ކިޔާ 400 ނަން އޮވެއެވެ. އަދި ޖަމަލަށް ކިޔާ 255 ނަން އޮންނައިރު ފެނަށް ކިޔާ 170 ނަން އޮވެއެވެ. މިހުރީ އެ ބަހުގެ މުއްސަނދިކަން އެނގޭ މަދު މިސާލެވެ. އެއް މާނައެއް އެކުލެވޭ ގިނަ ލަފުޒު ހުރުމަކީ އެ ބަހަކުން ދައްކާ ވާހަކަ، ނުވަތަ ބަޔާންކުރާ ކަންކަން ދެނެގަތުމަށް ފަސޭހަ ވާނޭ ކަމެކެވެ.

ޢަރަބި ބަހަކީ އިސްލާމްދީނުގެ މަތިވެރި ޝިޢާރެކެވެ. އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައި ވެއެވެ: "ޢަރަބިބަހަކީ އީސްލާމްދީނާއި އެ ދީނުގެ އަހުލުވެރިންގެ ޝިޢާރެކެވެ." އަދި އިމާމް އައްޝާފިޢީ رحمه الله ވިދާޅުވެފައި ވެއެވެ: "ޢަރަބި ބަސް އުނގެނުމަށް ކުޅަދާނަވެގެންވާ ކޮންމެ މީހެއްގެ މައްޗަށް އެ ބަސް އުނގެނުން ހުއްޓެވެ. ބަސްތަކުގެ ތެރެއިން އެ ބަހަކަށް އެންމެ ލޯބިކުރުން އައުލާވެގެންވާ ބަހަކީ ޢަބަރިބަހެވެ. އެހެނަސް އެއްވެސް މީހެއްގެ މައްޗަށް އެ ނޫން ބަހަކުން ވާހަކަދެއްކުން ޙަރާމްވެގެނެތް ނުވެއެވެ."

ދީނުގެ ޢިލްމު އުނގެނި، ދީނީ ޙުކުމަތައް އެހެން މީހުންނަށް ބަޔާންކޮށްދޭން އެދޭ މީހުން ޢަރަބިބަސް އުނގެނުން ވާޖިބުވެގެން ވެއެވެ. އެ ކަން މުހިންމު ނޫންކަމަށް ދެކެންޏާ ދީނުގެ ޙުކުމްތައް ބަޔާންކޮށްދިނުމުގައި އެ މީހަކަށް އުނދަގޫތަކެއް އިހުސާސްކުރެވޭނެއެވެ. އަދި އެހެން މީހުންނަށް އޭނާގެ ކިބައިގައި އުނިކަމެއްވާކަން ފާހަގަވާނެއެވެ. އިސްލާމްދީނުގެ މަސްދަރުތައް ޢަރަބި ބަހުން ހުރުމުން، ދީނުގެ ޢިލްމު އުނގެނެން އެދޭ މީހާއަށް، ޢަރަބިބަހުގެ ޤަވާއިދުތަކާއި ފަންނުތައް ތަފްޞީލުކޮށް އުނގެން މުހިންމެވެ.

ޢަރަބިބަހަކީ އިސްލާމީ ޝަރީޢަތް އެ ބަހަކުން ބާވައިލެއްވުނު ބަސްކަމުގައި ވާތީ، ﷲގެ ވަޖުހުފުޅު އެދިގެން ޢަރަބިބަސް އުނގެނޭ މިހާއަށް ސުވަރުގެ ދިއުމަށް މަގެއް ފަހިވާ ހުއްޓެވެ. އަދި އެ މީހާއަށް ރުހިގެންވާ ޙާލު މަލާއިކަތުން އެބޭކަލުންގެ ވަރަފުޅުތަކުން އޭނާގެ މައްޗަށް ހިޔާ އަޅުއްވާނެތެވެ. ޢަރަބިބަހުގެ މަޤާމު ވަނީ މިހާ މަތިވެރިވެގެންކަން އަޅުގަނޑުމެން ދަންނަން ވާނެއެވެ.

comment ކޮމެންޓް