މިއަދުގެ ޙައްޖު ޚުޠުބާގައި ޙަމްދު ޞަލަވާތަށްފަހު އެންމެ ފުރަތަމަ ހަނދާން ކޮށްދެއްވީ ޙައްޖު ސޫރަތުގެ ފުރަތަމަ ދެ އާޔަތެވެ. އެ ދެއާޔަތުގެ މާނައީ: "(1)އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! ހަމަކަށަވަރުން، ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ. (2)ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަ ދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ އަޒާބުގަދަފަދައީއެވެ."
ދެން ގޮވައިލެއްވީ މާތް ﷲއަށް ތަޤުވާވެރިވުމަށެވެ. ތަޤުވާއަކީ ﷲ އެންގެވި ހުރިހާ ކަމެއް ފުރިހަމައަށް އަދާކުރުމާއި އެއިލާހު ނަހީކުރެއްވި ކަންކަމުން ދުރުވުން ކަމުގައި ހަނދާންކޮށްދެއްވިއެވެ. އަދި ހަމައެހެންމެ ތަޤުވާވެރިވުމަކީ އީމާންކަމުގެ ރުކުންތައް ފުރިހަމަކުރުން ކަމުގައި ވެސް އެންގެވިއެވެ. އަދި ﷲ ނޫން ފަރާތްތަކަށް ދުޢާކޮށް އަޅުކަންނުކުރުމަށް ގޮވައިލެއްވިއެވެ.
އީމާޏްކަމުގެ އަހުލުވެރިންގެ ޝިޢާރަކީ ތައުޙީދުކަމަށް ވިދާޅުވިއެވެ. އިސްލާމްދީނުގެ ރުކުންތައް ވެސް ބިނާވެގެން ވާނީ މި ދެންނެވި ތައުޙީދުގެ މަތީގައި ކަމަށް މިއަދުގެ ޚުތުބާގައި ފާހަގަކުރެއްވިއެވެ. އެއީޝަހާދަތުގެ ދެކަލިމައާއި ނަމާދުކުރުމާއި ޒަކާތްދިނުމާއި ރޯދަހިފުމާއި ޙައްޖުވުމެވެ.
މާތް ﷲއަށް ޝުކުރުވެރިވުމަށާއި ކެތްތެރިކަން އިސްކުރުމަށް ވެސް ގޮވައިލެއްވިއެވެ. ކެތްތެރިންގެ އަޖުރަކީ އެއްވެސް ހިސާބަކައިނުލާ ﷲ ދެއްވާ އެއްޗެއް ކަމުގައި ބުނުއްވައި ﷲގެ މި އާޔަތް ވިދާޅުވިއެވެ. ﴿قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ لِلَّذِينَ أَحْسَنُوا فِي هَـٰذِهِ الدُّنْيَا حَسَنَةٌ وَأَرْضُ اللَّهِ وَاسِعَةٌ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾ (الزمر: ١٠) މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ! އޭ އީމާންވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި ﷲގެ ބިން ވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ ހިސާބެއްނެތިއެވެ."
މާތް ﷲގެ ޚަލްޤުކުރެއްވުމުގައި އެއިލާހުގެ ސުންނަތް ފެންނަން އޮތްކަމަށް ވިދާޅުވިއެވެ. އަދި އެ ކަން މުއުމިނުންނަށް ފާހަގަ ކުރެވޭނެކަން ވެސް ބަޔާންކުރެއްވިއެވެ. ﷲއަށް ނުކިޔަމަންތެރިވެ އެއިލާހުގެ އާޔަތްތަކަށް ދެކޮޅުހަދާ މީހުންގެ ނިމުން އަންނަގޮތުގެ ވާހަކަ ވިދާޅުވިއެވެ. އެއިލާހަށް އުރެދުނު އެތައްއެތައް ޤައުމެއް ހަލާކުކުރެއްވި ވާހަކަ ވެސް ބަޔާންކޮށްދެއްވިއެވެ.
މާތް ﷲ އިބްރާހީމުގެފާނަށް ވަނީ މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވައިފައި ކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. ﴿وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ﴾ (الحج: ٢٧) މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ." އެއީ ﷲ ހަނދުމަކުޅައުމަށް ކަމަށް ވެސް ބުނުއްވިއެވެ. މި ތަނުގައި މި ފެންނަނީ ހުރިހާ ދިމާލަކުން މީސްތަކުން އައިސް ތިބިތަންކަމާއި، އެ މީހުން އެގެންދަނީ ﷲ ތަޤްދީސްކޮށް މަތިވެރިކުރަމުން ކަމުގައި ވެސް ފާހަގަކުރެއްވިއެވެ. މިއީ އިބްރާހީމުގެފާނުގެ ދައުވަތަށް އިޖާބަދެވައިފައި ވާތަން ކަމުގައި ވެސް ވިދާޅުވިއެވެ.
ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރުމުން ﷲގެ ގެކޮޅު ޠާހިރުކުރެއްވުމަށް އަންގަވައިފައިވާކަން މިއަދުގެ ޙައްޖު ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެ ގޮކޮޅު ޠާހިރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވަމުން، ސިޔާސީ ހުރިހާ ފިކުރަކުން އެ ގެކޮޅާއި އެ މާތް ބިން ޠާހިރުކުރަންވާނެކަން ފާހަގަކުރެއްވިއެވެ.
ދަގު ވާހަކަދެއްކުމުން ދުރުހެލިވުމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް ވެސް ހަނދާންކޮށްދެއްވިއެވެ. ޚާއްޞަކޮށް އެ މާތް ބިމުގައި ތިބޭއިރު އެފަދަ ކަންތަކާ މުޅިން ދުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައި އެއީ ދީން ފުރިހަމަކުރެއްވި ތަންކަން ވެސް ހަނދާންކޮށްދެއްވިއެވެ.
އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ ޢަރަފާތްދުވަހު ދުޢާކުރުން ކަމުގައި ވިދާޅުވެ، ﷲގެ ޙަޟްރަތަށް ދުޢާކުރެއްވުމުގައި ދެމިތިބުމަށް ހަނދުމަކޮށްދެއްވިއެވެ. އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތްދުވަހުގެ ދުޢާ ކަމާއި އެއީ «لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ» ކަމުގައި ވެސް ވިދާޅުވިއެވެ.
ޚުޠުބާ ނިންމަވައިލެއްވީ އަނިޔާ ލިބެމުންދާ މުސްލިމުންނަށް، ކެއްތެރިކަންދެއްވުމަށާއި، އަވަސް ނަޞްރެއްދެއްވުމަށް އެދި ދުޢާކުރައްވަމުންވެ. އަދި މުސްލިމް އުއްމަތް އެއްބައިވަންތަކުރެއްވުމަށާއި ދެދުނިޔޭގެ ބާއްޖަވެރިކަމަށް ވެސް ދުޢާކުރައްވައިފައިއެވެ.