ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް މިރޭ ހޮނުއަޅައި، އެ އިމާރާތަށް ލިބުނު ގެއްލުމާއެކު، ގޮނގުރިޓު ބައިތަކެއް ވެއްޓިއްޖެއެވެ.
މިރޭ މާލެ ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ، ބާރަށް ގުގުރައި، ވިދަމުންދެއެވެ. އެއާއެކު، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ވެސް ކެނޑިފައިވެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ވިއްސާރައާއެކު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިމާރާތަކަށް ހޮނު އަޅައިފައިވެއެވެ. މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި، ސަހަރާ ކައިރީ ހުރި އެ އިމާރާތަށް ހޮނު އެޅުމުން ގެއްލުންވެ، ގޮނގުރިޓު އެތިކޮޅުތަކެއް އެ ސަރަހައްދަށް ބުރައިގެން ދިޔައެވެ.
މީ ނޫހަށް ލިބިފައިވާ ފޮޓޯއަކުން، އެ އިމާރާތުގެ އެންމެ މަތީ ބަޔަށް ގެއްލުންވެފައިވާ މަންޒަރު ފެނެއެވެ.

ހޮނު އަޅައި، އިމާރާތަށް ގެއްލުންވެފައި --
އެ ހާދިސާގައި މީހަކަށް އަނިޔާއެއް ވެފައިވާ ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިނުވެއެވެ.
ހުޅުމާލެއަށް ހޮނުއަޅާ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ސަމާލު ނެރެފައިވަނީ 00:00އިން ފެށިގެން ފަތިހު 05:00އަށެވެ. އެ ގަޑިތަކުގައި ބާރަށް ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.