އޯޓިޒަމަށްވުރެ ބޮޑަށް، އޭޑީއެޗްޑީ ހުންނަ މީހުން ނަފްސާނީ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރު: ދިރާސާ

އޯޓިޒަމަށްވުރެ ބޮޑަށް، އޭޑީއެޗްޑީ ހުންނަ މީހުން ނަފްސާނީ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުކަމަށް ދިރާސާއަކުން ދައްކާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބާތުގެ ނަފްސާނީ މާހިރުން ދާދި ފަހުން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، އޯޓިޒަމް ހުންނަ މީހުންނަށްވުރެ ބޮޑަށް، އޭޑީއެޗްޑީ ގެ ސިފަތައް ހުންނަ ބޮޑެތި މީހުން ނުތަނަވަސްކަމާއި މާޔޫސްކަމުގެ ބަލިތައް ތަހައްމަލުކުރަންޖެހުމުގެ ފުރުސަތު މާ ބޮޑެވެ. މީގެ ކުރިން އޯޓިޒަމްއާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރެވިފައިވީ ނަމަވެސް، އޭޑީއެޗްޑީގެ ސަބަބުން ދިމާވާ ނަފްސާނީ މައްސަލަތަކާ ގުޅޭ ދިރާސާތައް މަދުކަން މި ހޯދުމުން ފާހަގަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން، ބޭނުންވާ ފަރުވާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. މި ހޯދުންތަކުގެ ސަބަބުން، ބޮޑެތި މީހުންގެ ކިބައިގައި ހުންނަ އޭޑީއެޗްޑީ ދެނެގަނެ، އެކަމަށް ބޭނުންވާ ސަމާލުކަމާއި ބަޖެޓު އިތުރުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

  • އޯޓިޒަމަށްވުރެ ބޮޑަށް އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ޑިޕްރެޝަން އަދި އެންޒައިޓީގެ ނުރައްކާ ބޮޑުވުން.
  • އޭޑީއެޗްޑީއާ ގުޅޭ ނަފްސާނީ ދިރާސާތައް ކުރިން މަދުކަމުން ފަރުވާ ހޯދުމަށް ދަތިވުން.
  • ދުނިޔޭގެ އާބާދީގެ 3 އިންސައްތައާއި 9 އިންސައްތައާ ދެމެދުގެ މީހުންނަށް މި ހާލަތު ކުރިމަތިވުން.
  • އޭޑީއެޗްޑީއަކީ ހަމައެކަނި ކުޑަކުދިންގެ ބައްޔެއް ނޫންކަމާއި މުޅި އުމުރަށް ދެމިގެންދާ ކަމެއްކަން.

އޯޓިޒަމަށްވުރެ ބޮޑަށް، އޭޑީއެޗްޑީ ހުންނަ މީހުން ނަފްސާނީ ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބާތުގެ ނަފްސާނީ މާހިރުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ބޮޑެތި މީހުންގެ ކިބައިގައި ހުންނަ އޯޓިސްޓިކް ސިފަތަކަށްވުރެ، 'އެޓެންޝަން-ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑަ (އޭޑީއެޗްޑީ)ގެ ސިފަތަކުގެ ސަބަބުން ނުތަނަވަސްކަމާއި، ދެރަވުމުގެ ބަލި ނުވަތަ 'ޑިޕްރެޝަން އަދި އެންޒައިޓީ' ތަހައްމަލުކުރަންޖެހުމުގެ ފުރުސަތު ބޮޑެވެ.

ސައިންސްވެރިންނަށް ފާހަގަކުރެވިފައިވާ ގޮތުގައި، ނާރުތަކުގެ ހާލަތަށް އަންނަ ބަދަލުތަކާ ގުޅުންހުރި އެހެން ކަންކަމަށް ވުރެ، ބޮޑެތި މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ދަށްވުމުގައި އޭޑީއެޗްޑީގެ ދައުރު ބޮޑެވެ.
ޔުނިވަސިޓީ އޮފް ބާތުގެ މާހިރުން އިސްވެ ތިބެ ހެދި މި ދިރާސާއަކީ، އޯޓިޒަމް ހުންނަ މީހުންނަށް ވުރެ، އޭޑީއެޗްޑީގެ އަލާމާތްތައް ގަދައަށް ހުންނަ މީހުން ނުތަނަވަސްކަމާއި މާޔޫސްކަމުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަން ހާމަކޮށްދިން ފުރަތަމަ ދިރާސާއެވެ.

އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް އެމީހުންގެ އަލާމާތްތަކާ ކުރިމަތިލުމަށް ބޭނުންވާ ފަރުވާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ދިރާސާތަކުން ވަނީ ދައްކާފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މިއަދާ ހަމައަށް އައިއިރު، އޯޓިޒަމްގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރެވިފައިވީ ނަމަވެސް، އޭޑީއެޗްޑީގެ ސަބަބުން ކުރިމަތިވާ ނަފްސާނީ މައްސަލަތަކާ ގުޅޭ މައުލޫމާތު ހުރީ ވަރަށް މަދުންނެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް އެމީހުންގެ އަލާމާތްތަކާ ކުރިމަތިލުމަށް ބޭނުންވާ ފަރުވާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

"ސައިންޓިފިކް ރިޕޯޓްސް" މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގެ މުސައްނިފުން އުންމީދު ކުރަނީ، މި ހޯދުންތަކުގެ ސަބަބުން އޭޑީއެޗްޑީ ގުޅޭ އިތުރު ދިރާސާތަކަށް މަގުފަހިވެ، އެފަދަ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.

އޭޑީއެޗްޑީ އަކީ ސަމާލުކަން ދިނުމަށް އުނދަގޫވުމާއި، މާބޮޑަށް ހަރަކާތްތެރިވުން ނުވަތަ ކަންކަމުގައި އަވަސްއަރުވާލުން ފަދަ ސިފަތައް ހިމެނޭ، ނާރުގެ ތަރައްގީއާ ގުޅުންހުރި ހާލަތެކެވެ. އަންދާޒާކުރެވޭ ގޮތުގައި ދުނިޔޭގެ އާބާދީގެ ތިން އިންސައްތަ އާއި ނުވަ އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުންގެ ކިބައިގައި މި ހާލަތު ހުރެއެވެ.

އޭޑީއެޗްޑީގެ ސިފަތައް ހުންނަ މިންވަރު އިތުރުވީ ވަރަކަށް، ނުތަނަވަސްކަމާއި މާޔޫސްކަމުގެ ބަލިތައް ތަހައްމަލުކުރަންޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާތަކުން ދައްކާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި ދިރާސާގައި އިސްކޮށް އުޅުއްވި ލޫކާ ހަރްގިތައި ވިދާޅުވި ގޮތުގައި، އޯޓިޒަމާއި ނަފްސާނީ ބަލިތަކާ ހުރި ގުޅުން ސައިންސްވެރިންނަށް ކުރިންވެސް އެނގުނު ނަމަވެސް، އޭޑީއެޗްޑީއާ ގުޅޭގޮތުން ކުރެވިފައިވާ މަސައްކަތްތައް މަދެވެ. އަދި އޯޓިޒަމާއި އޭޑީއެޗްޑީ އަކީ ގިނަ ފަހަރަށް އެކުގައި ފެންނަ ދެ ކަމަކަށް ވާތީ، މީގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރަނީ ސީދާ ކޮން ކަމަކުންކަން ދެނެގަތުމަކީ ކުރިން ދަތި ކަމެއްގެ ގޮތުގައި އޮތް ކަމެއްކަން ލޫކާ ފާހަގަކުރެއްވިއެވެ.

މި ދިރާސާގައި ބޭނުންކޮށްފައި ވަނީ އިނގިރޭސިވިލާތުގެ އާބާދީ ތަމްސީލުވާ ފަދަ ބޮޑު ސާމްޕަލެކެވެ. ދިރާސާގެ ބައިވެރިން ވަނީ އޯޓިޒަމާއި އޭޑީއެޗްޑީގެ ސިފަތައް ދެނެގަތުމަށް ބޭނުންކުރާ ހާއްސަ ސުވާލު ކަރުދާސްތަކަކަށް ޖަވާބު ދީފައެވެ.

ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، އޭޑީއެޗްޑީގެ ސިފަތައް ހުންނަ މިންވަރު އިތުރުވީ ވަރަކަށް، ނުތަނަވަސްކަމާއި މާޔޫސްކަމުގެ ބަލިތައް ތަހައްމަލުކުރަންޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ޒަމާނީ ދިރާސާކުރުމުގެ އުސޫލުތައް ބޭނުންކޮށްގެން ސައިންސްވެރިން ކަށަވަރުކުރި ގޮތުގައި، އޯޓިޒަމަށްވުރެ ބޮޑަށް އޭޑީއެޗްޑީގެ ސިފަތަކާއި ނަފްސާނީ ބަލިތަކާ ހުރި ގުޅުން ވަރުގަދައެވެ.

"އަޅުގަނޑުމެންގެ ހޯދުންތަކުން އެނގެނީ، ދިރާސާތަކާއި ފަރުވާ ދިނުމުގައި އޯޓިޒަމާ އެއްވަރަށް އޭޑީއެޗްޑީ އަށްވެސް ސަމާލުކަން ދޭންޖެހޭކަން. މީގެ ސަބަބުން ނަފްސާނީ ބަލިތަކުގެ ނުރައްކާ އޮތް މީހުން އަވަހަށް ދެނެގަނެވި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އެޅުމަށް މަގުފަހިވާނެ،" ހަރްގިތައި ވިދާޅުވިއެވެ.

ދިރާސާގައި ބައިވެރިވި ޑރ. ޕުނިތު ޝާހު ވިދާޅުވި ގޮތުގައި، އޭޑީއެޗްޑީ އަކީ ހަމައެކަނި ކުޑަކުދިންނަށް ކުރިމަތިވާ ކަމެއް ނޫންކަމާއި، މިއީ މުޅި އުމުރަށް ދެމިގެންދާ ހާލަތެއްކަން މިހާރު ސާފުވެއެވެ.

އެހެންކަމުން، ބޮޑެތި މީހުންގެ ކިބައިގައި ހުންނަ އޭޑީއެޗްޑީ ދެނެގަތުމަށާއި، އެކަމާ ގުޅިގެން ކުރިމަތިވާ ނަފްސާނީ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރާ ދިރާސާތަކަށް ދޭ ސަމާލުކަމާއި ބަޖެޓު އިތުރުކުރަންޖެހެއެވެ.

comment ކޮމެންޓް