މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި

މީޑިއާތައް ރެގިއުލޭޓުކުރުމުގެ ގާނޫނުގެ ދަށުން އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން، މީޑިއާތަކާ ދެކޮޅަށް ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ އާ ގަވާއިދަކަށް މިއަދު ވަނީ އަމަލުކުރަން ފަށާފައެވެ. މި ގަވާއިދުގެ ދަށުން ބްރޯޑްކާސްޓަރުންނާއި ނޫސްމަޖައްލާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމާއި، ލައިސަންސް ބާތިލުކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. މިކަމާ ގުޅިގެން ނޫސްވެރިންގެ މިނިވަންކަން ގެއްލިދާނެކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކަކުން ދަނީ ފާޅުކުރަމުންނެވެ.

  • އަލަށް އުފެއްދި މީޑިއާ ކޮމިޝަނުން ފިޔަވަޅު އެޅުމުގެ ގަވާއިދަށް އަމަލުކުރަން ފެށުން
  • ބްރޯޑްކާސްޓަރުން 250000 ރުފިޔާއާ ހަމައަށް އަދި ނޫސްތައް 100000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެކަން
  • ވަކިވަކި ނޫސްވެރިންނަށްވެސް ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ލިބިފައިވުން
  • ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅިދާނެކަމުގެ ކަންބޮޑުވުންތައް އިތުރުވުން

މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މިހާރު އަމަލުކުރަމުންދާ 'މީޑިއާ ކޮންޓްރޯލް' ގާނޫނުގެ ދަށުން އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅުއެޅުމާ ގުޅޭ ގަވާއިދު އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ބަލައި، ގާނޫނާއި ގަވާއިދާ ޚިލާފުވާ ހާލަތްތަކުގައި ފިޔަވަޅު އެޅުމެވެ.

މިދިޔަ ސެޕްޓެންބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މި ގާނޫނާ އެކު، ކުރިން އޮތް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް (އެމްއެމްސީ) ވަނީ އުވިފައެވެ. މިހާރު މީޑިއާގެ ކަންކަން ބަލަހައްޓަމުންދަނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން ކަމަށްވާއިރު، ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި، މި ގާނޫނު ބާތިލުކުރުމަށް އެމްޖޭއޭއިން ވަނީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅާފައެވެ.

އަލަށް އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން، ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

https://sun.mv/221233

ކޮންޓެންޓަކާ ގުޅޭ ޝަކުވާއެއް ހުށަހަޅާ ނަމަ، އެ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހެއެވެ.

މި ގަވާއިދުގެ ދަށުން، ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، އެ ކަންކަމާ ޚިލާފުވާ ނަމަ ވަކިވަކި ނޫސްވެރިންނަށް ވެސް ފިޔަވަޅު އެޅިދާނެ ކަމަށް މި ގަވާއިދު ބުނެއެވެ.

ގަވާއިދުގައި ވާގޮތުން މައްސަލަ ބަލާނީ، އެކަމަށްޓަކައި އެކުލަވާލާ ޚާއްސަ ވަގުތީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި އެ ކޮމިޝަނުގެ މެންބަރުން ފިޔަވައި އެހެން މީހުން ހިމެނިދާނެ ކަމަށް ވެސް ގަވާއިދުގައިވެއެެވެ. ގަވައިދުގައި ބުނާގޮތުން އަޅާނެ ފިޔަވަޅު ނިންމާނީ، އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހު ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

މި ގަވާއިދު ބުނާގޮތުން ބްރޯޑްކާސްޓަރުން 50،000ރ. އާއި 250،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. އަދި ނޫސް މަޖައްލާތައް 5000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

https://sun.mv/221222

މީގެ އިތުރުން، ގަވައިދުގައި ބުނާގޮތުން ކަންކަން އިސްލާހުކުރަން އެނގުމާއި، އާންމުކޮށް މައާފަށް އެދުން އަދި، މީޑިއާއެއްގެ ލައިސެންސް ނުވަތަ ނޫހެއްގެ ރަޖިިސްޓްރީ ބާތިލުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

ކޮމިޝަނުން މިއަދު ވަނީ ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދު ވެސް އާންމުކޮށްފައެވެ. މި ގަވާއިދުގައިވާ ގޮތުން ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއުކުރަންވާނީ ކޮމިޝަނުގައި ރަޖިސްޓަރީކުރުމަށް ފަހުގައެވެ.

ނޫސް މަޖައްލާގެ ރަޖިސްޓަރީގެ މުއްދަތަކީ ފަސް އަހަރެވެ. ރަޖިސްޓަރީ އައުކުރަން ބޭނުންވާ ނަމަ، މުއްދަތު ހަމަވުމުގެ 90 ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ. އަދި، އަހަރު ދުވަސްވަންދެން އެއްވެސް އެއްޗެއް ޝާއިއުނުކުރާ ނޫސްތަކުގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ.

ސިޔާސީ ޕާޓީތަކާއި ޖަމުއިއްޔާތަކުން ހަމައެކަނި އެ ތަނެއްގެ މުވައްޒަފުންނަށް ނުވަތަ މެންބަރުންނަށް އަމާޒުކޮށް ނެރޭ ލިޔުންތައް މި ރަޖިސްޓަރީން އިސްތިސްނާވާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ ފުލުހުން އަދަދު ނޫހަށް ވަދެ، އެ ތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނު ގެންދިޔަތާ މާ ގިނައިރެއް ނުވެއެވެ. ފުލުހުން ވަނީ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރު ޙަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އެ ކަމާ ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާއާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް