ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "އިތުބާރު ގެއްލުވައިލުމަށް ސާބިތުނުހިފޭ ދޮގު ތުހުމަތުތައް" ފަތުރާނަމަ، އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ މުއައްސަސާތަކުގެ ވާޖިބެއް ކަމަށް ބުނެ ސަރުކާރުގެ ވަޒީރުން ރައީސްގެ ދިފާއުގައި ނުކުމެވަޑައިގެންފިއެވެ.
"އަދަދު" ނޫހުން މި މަހުގެ ކުރީކޮޅު ނެރުނު ޑޮކިއުމަންޓްރީއެއްގެ މައްސަލައިގައި އެ ނޫހުގެ އޮފީސް ހިންގަމުން އަންނަ އިމާރާތުގެ ތެރެއަށް ކުއްލިއަކަށް ފުލުހުން ރޭ ވަދެ، ރެއިޑުކޮށް އެ ނޫހުގެ ތަކެތި ބަލައިފާސްކުރި މައްސަލައިގައި، އިދިކޮޅު އެމްޑީޕީއާއި، ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ދަނޑިވަޅުގައި ސޯޝަލް މީޑިއާގައި ބައެއް ވަޒީރުން ގެންދަވަނީ ރައީސްގެ ދިފާއުގައި ބަސް ވިދާޅުވަމުންނެވެ. އެގޮތުން އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ އޮންނަންޖެހޭ އެއްޗެއް ނަމަވެސް، ދުލާއި ގަލަމުގެ މިނިވަންކަމަކީ ވަކި ހުދޫދެއް އޮންނަންޖެހޭ ކަމެއް ކަމަށެވެ.
"ނޫސްވެރިކަމަކީ މުޤައްދަސް މަސައްކަތެއް. ހަމައެއާއެކު އެއަށް ވުރެ މަތީ އަމުރުފުޅަކުން އިންސާނާގެ އަބުރާ ކަރާމާތަކީ ވެސް މާތްކުރައްވާފައިވާ އެއްޗެއް،" ހީނާ ވިދާޅުވިއެވެ.
ހީނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް ތާއަބަދު ފުރައްސާރަކޮށް ސާބިތުނުހިފޭ ދޮގު ވާހަކަ ފެތުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫނެވެ. އަދި ގައުމުގެ ވަލިއްޔުލްއަމްރުގެ މައްޗަށް ގަޒްފުގެ ތުހުމަތުކުރުމަކީ ތަހުގީގުކޮށް އިންސާފު ގާއިމުކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް "ޒިނޭ" ކުރިކަމުގެ ދޮގު ތުހުމަތުތަކެއް ފެތުރުމާ ގުޅިގެން ނޫސް އިދާރާއެއްގެ ހެޑް އޮފީސް ރެއިޑްކޮށް ޖިނާއީ ތަހުގީގެއް ހިންގުމަކީ ފުލުހުންނަށް ލިބިގެންވާ ބާރެއްގެ އިތުރުން އެ މުއައްސަސާގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް. ނަމަވެސް، މިއީ ހިފެހެއްޓުމެއް ނެތް މުތުލަގު ހައްގުތަކެއް ނޫން،" އިހުސާން ވިދާޅުވިއެވެ.
އޭނާ ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއަށް އިޝާރާތްކުރައްވައި، އެއްވެސް ހެއްކެއް ނެތް ދޮގު ތުހުމަތު ފެތުރުމަކީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހެއްގެ ވެސް އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއާ މެދު ކުރެވުނު ފަދަ ސީރިއަސް ދޮގު ތުހުމަތުތަކަކީ އެމަނިކުފާނުގެ އިންސާނީ ކަރާމާތަށާއި، މަގާމުގެ ހައިބަތަށް ދެވޭ ސީދާ ހަމަލާއެއް ކަމަށާއި، ފުލުހުން އެކަން ތަހުގީގު ކުރަނީ ނޫސްވެރިކަމަށް ހަމަލާދިނުމުގެ ގޮތުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަޒީރުން ރައީސްގެ ދިފާއުގައި ބަސް ވިދާޅުވާން ފައްޓަވައިފައިވާއިރު، ނޫހެއްގެ އޮފީހަށް، ކުއްލިއަކަށް ފުލުހުން ވަތް މައްސަލައިގައި މީޑިއާތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން އެ ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޝަތުގެ ބަހެއް ހޯދުމަށް "ސަން" އިން ގުޅައި، މެސެޖުކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.