މަސައްކަތް ނުކުރުވާ މުސާރަދޭ މައްސަލަ ބަލަން އެންގިން، "އަޕްޑޭޓެއް ނެތް": ރައީސް

އެމްއޭސީއެލްގެ ސީއީއޯ ޝަރީފާއި ރައީސް މުއިއްޒު: އެމްއޭސީއެލަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް އެތައް މުވައްޒަފުންނެއް ނެގި މައްސަލައިގައި އެއްވެސް އަދާހަމައެއް ނުލިބޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްވެސް މަސައްކަތެއް ނުކުރާ 85 މުވައްޒަފަކަށް މުސާރަ ދޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ މައްސަލަ ބަލަން އަންގަވައިފައިވާނެ ކަމަށާއި، ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ނުވަތަ އަޕްޑޭޓެއް އަދި ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. މީގެ އިތުރުން، ސަރުކާރުގެ ހުރިހާ ކުންފުނިތަކަކުން ވެސް މުވައްޒަފުންގެ އަދަދު މަދުކޮށް އިސްލާހީ ފިޔަވަޅުތައް އެޅުމަށް އަންގަވައިފައިވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

  • އެމްއޭސީއެލްގެ 85 މުވައްޒަފަކަށް މަސައްކަތަކާ ނުލައި މުސާރަދޭ ކަމުގެ ލިސްޓެއް ސޯޝަލް މީޑިއާގައި ލީކުވެފައިވުން.
  • މި މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފައިވީ ނަމަވެސް، އަދި އިތުރު އަޕްޑޭޓެއް ނުލިބޭކަން ހާމަކުރެއްވުން.
  • ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަކުން މުވައްޒަފުންގެ ނިސްބަތް 33 އިންސައްތަ މަދުކުރަން އަންގައިފައިވުން.
  • ލީކުވި ލިސްޓުގައި ކުރީގެ މަޖިލިސް މެންބަރުންނާއި ނުފޫޒުގަދަ ފަރާތްތައް ހިމެނޭއިރު، އެމްއޭސީއެލް އިން ރަސްމީ ބަހެއް ބުނެފައިނުވުން.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް އެތައް މުވައްޒަފުންނެއް ނެގި މައްސަލައިގައި އެއްވެސް އަދާހަމައެއް އަދި ނުލިބޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްއަށް ވަޒީފާއަށް ނެގުމަށް ފަހު، އެއްވެސް މަސައްކަތެއް ހަވާލު ނުކޮށް އެތައް މުވައްޒަފުންނަކަށް މުސާރަ ދޭކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ. އެ ފަދަ 85 މުވައްޒަފެއްގެ ނަން ހިމެނޭ ލިސްޓެއް ވެސް މި ފަހުން ސޯޝަލް މީޑިއާގައި ލީކުކޮށްލައިފައިވެއެވެ. އެ ލިސްޓާ އެކު އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

https://sun.mv/220858

މިދިޔަ ހަފުތާގައި ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެފަދަ ލިސްޓެއް އެ މަނިކުފާނުގެ ސަމާލުކަމަށް އައިސްފައިނުވާ ކަމަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ ކަމާ ގުޅޭ ގޮތުން އެހުމުން ރައީސް ވިދާޅުވީ، އެ ލިސްޓާ ގުޅުން ހުރި ކަންކަން ބަލަން އަންގައިފައިވާ ކަމަށާއި، "އެކަމުގެ އަޕްޑޭޓެއް އަދި ނެތް" ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.

"އެމްއޭސީއެލް އެކަންޏެއް ނޫން، ޖުމުލަކޮށް ހުރިހާ އެސްއޯއީތަކުގައި ވެސް މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު އެ އޮތީ ފިނޭންސް މިނިސްޓަރު ޕީސީބީއަށް އަންގާފައި،" މިދިޔަ ހަފުތާގައި އެ މަނިކުފާނު ފުރަތަމަ ދެއްވި ޖަވާބަކީ އެއީއެވެ.

ރައީސް ވިދާޅުވީ، ޕާފޯމަންސްއާއި މަސައްކަތުގެ ފަރުވާތެރިކަމާއި، ވަޒީފާއަށް ގަޑިއަށް ނުކުތުމާއި ހާޒިރީއާއި އެ ނޫން ވެސް ކަންކަމަށް ބަލާފައި ހުރިހާ ކުންފުންޏަކަށް ވެސް އިސްލާހީ ބަދަލު ގެންނަން މިހާރު ސަރުކާރުން އަންގާފައިވާނެ ކަމަށެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އެންގި އެންގުމަށެވެ.

https://sun.mv/220483

އެ މަނިކުފާނު ވިދާޅުވީ، ޖުމުލަކޮށް ހުރިހާ ކުންފުނިތަކަށް ވެސް އިސްލާހީ ފިޔަވަޅު އަޅައި، މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައިވާނެ ކަމަށެވެ.

އެއްވެސް މަސައްކަތެއް ނުކޮށް އަދި އެއްވެސް ވަރަކަށް އޮފީހަށް ދާން ވެސް ނުޖެހޭ މުވައްޒަފުންތަކަކަށް ބޮޑެތި އަދަދުތަކުން މުސާރަ ދެމުންދާ ކަމަށް ބުނެ، އެ ފަދަ 85 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި ލީކްކޮށްލީ 'ހަސަން ކުރުސީ'ގެ ނަމުގައި ކާކުކަން ނޭނގޭހެން ހިންގާ އެކްސް އެކައުންޓުންނެވެ. އެ ލިސްޓުގައި ނުފޫޒު ގަދަ ބައެއް ބޭފުޅުންނާއި ކުރީގެ ބައެއް މަޖިލީސް މެންބަރުން ވެސް ހިމެނެއެވެ.

އެ ތުހުމަތާ ގުޅިގެން އެމްއޭސީއެލްއިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.

އެކަމަކު، އެ ކުންފުނީގައި މަސައްކަތްކުރާ ބައެއް ސީނިއާ މުވައްޒަފުން ވަނީ އެ ފަދަ ތުހުމަތުތަކެއް އަމާޒުވާކަން ކަށަވަރުކޮށްދީފައެވެ. އަދި، ސޯޝަލް މީޑިއާގައި އާންމުވި ލިސްޓުގައި ހިމެނޭ ބައެއް މުވައްޒަފުންނަށް މުސާރަ ދޭކަން ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް