ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބޭއްވުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ހަރުދަނާކޮށް، އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓުންނާއި ފަޅުވެރިން އަދި ކަމާބެހޭ ފަރާތްތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް، ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފިއެވެ.
އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން "ހާބާ ޕޯޓަލް"ގެ ނަމުގައި ތައާރަފުކުރި އެ ޕޯޓަލްގެ މަގުސަދަކީ، އުޅަނދުތައް ރަޖިސްޓްރީކުރުމާއި ފަޅުތެރެ ބެލެހެއްޓުމާ ގުޅޭ ކަންކަން ދެފުށް ފެންނަ ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރުން ކަމަށެވެ. އޭގެ އިތުރުން، މި ޕޯޓަލްގެ މެދުވެރިކޮށް ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ބެލެހެއްޓުމާއި އޮޕަރޭޝަނަލް ކަންކަން މޮނިޓާ ކުރުމުގައި ލުއިފަސޭހަތަކެއް ލިބޭނެކަން އެމްއޭސީއެލްއިން ފާހަގަކުރިއެވެ.
އެ ކުންފުނިން ބުނީ، އެއާޕޯޓުގެ ފަޅުތެރެ ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން ޕޯޓަލް ބޭނުންކުރަން ފަށަން ނިންމާފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.
މިގޮތުން، ފުރަތަމަ މަރުހަލާގައި އިސްކަންދޭނީ އުޅަނދުތައް ރަޖިސްޓްރީކުރުމާއި ޕޯޓަލް ބޭނުންކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށްވާއިރު، އުޅަނދުތަކުގެ ވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް އެމްއޭސީއެލްއިން ވާނީ ކުރިއަށް ގެންގޮސްފައެވެ. ރަޖިސްޓްރީކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުޢާމަލާތްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަން އެ ކުންފުނިން ފާހަހަގަކުރިއެވެ.
އެ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް އެކަށީގެންވާ ވަގުތުދިނުމުގެ ގޮތުން ރަޖިސްޓްރީކުރުމުގެ މަރުހަލާ އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި، ފަހު މަރުހަލާގައި އެ ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ފަޅުތެރޭގެ ޚިދުމަތްތައް ހޯދުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެ، ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭނެކަން އެ ކުންފުނިން ފާހަގަކުރިއެވެ.
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަނަށް ޚާއްސަ ޕޯޓަލެއް ތައާރަފުކުރިއިރު، އެއާޕޯޓުގެ ފަޅުތެރެ ކޮންމެ ދުވަހަކު އެތައް އުޅަނދެއް ބޭނުންކުރެއެވެ.