އިހުސާން، ޒާތީ މައުލޫމާތު ހާމަކުރުން ގޯސް، އެކަން ކުރަން މަޖުބޫރުވީ: ރައީސް

27 އެޕްރީލް 2026: ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި އުމުރުން 18 އަހަރުގެ އަންހެން ކުއްޖާގެ މަރާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އެ ކުއްޖާގެ ބައެއް ޒާތީ މައުލޫމާތުތައް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރެއްވުމަކީ ގޯހެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި ފުލުހުންނަށް އަމާޒުވި ތުހުމަތުތަކާއި ފާޑުކިޔުންތަކުގެ ސަބަބުން، މަޖުބޫރީ ހާލަތެއް މެދުވެރިވެގެން އެ މައުލޫމާތު ހާމަކުރެއްވީކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

  • ޒާތީ މައުލޫމާތު ހާމަކުރުމަކީ ގޯހެއްކަމަށް ރައީސް ގަބޫލުފުޅުކުރައްވައެވެ.
  • މައުލޫމާތު ހާމަކުރަންޖެހުނީ ސޯޝަލް މީޑިއާގެ ޕްރެޝަރާއި ތުހުމަތުތަކުގެ ސަބަބުންނެވެ.
  • ފުލުހުންނަށް ރައްދުވި ފާޑުކިޔުންތަކުން ދިފާއުވުމަށް މަޖުބޫރީ ހާލަތެއް މެދުވެރިވިއެވެ.
  • މިފަދަ ހައްސާސް މައްސަލަތަކުގައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް އަމަލުކުރުން މުހިންމެވެ.

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި މަރުވި 18 އަހަރުގެ އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެ ކުއްޖާގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރުމަކީ ގޯހެއް ކަމަށާއި، ނަމަވެސް އެއީ މަޖުބޫރީ ހާލާތުގައި ކުރެއްވި ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ ކުއްޖާގެ މަރާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަނީ އެކި ވާހަކަތައް ފަތުރައި އެކި ތުހުމަތުތައް އިދާރާތަކަށް ރައްދުކޮށްފައެވެ. އެއް ކަމަކަށް ފުލުހުން އެކަށިގެންވާ އެހީތެރިކަން ފޯރުކޮށްނުދޭ ކަމުގެ ޝަކުވާ ކޮށްފައިވެއެވެ.

https://sun.mv/221114

އެއާއެކު މިދިޔަ ބުރާސްފަތި ދުވަހު އިހުސާން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ކުއްޖާ، ފުލުހުންގެ މެންޓަލް ހެލްތު ސަޕޯޓާ ދެއްކި ބައެއް ވާހަކަތައް ލައިވް ޓީވީގައި ހިއްސާކުރައްވައިފައެވެ. އެއާއެކު ވަރަށް ގިނަ އާންމު ރައްޔިތުންނާއި، ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގަައި އިހުސާން އެ ދުވަހު ކަން ކުރެއްވި ގޮތާއި، މީގެ ކުރިން އަންހެން ކުއްޖަކު ފުރާޅަށް ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކަންކުރި ގޮތާމެދު ރައީސް ދެކެވަޑައިގަންނަވާ ގޮތާމެދު ނޫސްވެރިއަކު ސުވާލުކުރުމުން، އެ މަނިކުފާނު ވިދާޅުވީ ހާމަކުރި މިންވަރަށް ވެސް އެ ދެ ހާދިސާގައި މައުލޫމާތު ހާމަކުރީ މަޖުބޫރު ވެގެން ކަމަށެވެ.

"އެކަމު އެއީކީ ވެސް ރަނގަޅު ކަމެއް ނޫން. އެ ވެސް ނުދީވާނެ ގޮތްވާންޖެހޭނެ އަޅުގަނޑުމެންގެ ތެރެއިން އެ އަންނަ ޑިމާންޑް އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައޭ މި އޮންނަނީ ކޮންމެސް މީހަކު. އެކަމާ ހަވާލުވެފައި ހުރި މީހާ ނޫނިއްޔާ އޭނާގެ ދަށުން މަސައްކަތްކުރި މީހާ. ކޮންމެސް މީހަކު ގޯސް ހަދައިފި. ފުރަތަމަ ވެސް ގޯސް ހެދިކަމަށް މި ނިންމަނީ..،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ފުރަތަމަ ވެސް ގޯހެއް ހެދިކަމަށް ނިންމުމުން، އެ މަސައްކަތެއް ކުރަން ހުންނަ އާދައިގެ މުވައްޒަފު، އޭނާ ގޯހެއް ނަހަދާކަމަށްވަންޏާ އިތުރު ޕްރެޝަރަކަށް ދާ ކަމަށެވެ. އަދި އޭނާގެ އާއިލާ ވެސް ނުރައްކަލަކަށް ހުށަހެޅޭ ކަމަށެވެ. އެހެންކަމުން މިއީ ވަރަށް އުނދަގޫ ހާލަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އެހެންވީމާ އެ ކުއްޖާ ކޭސްގައި އެ ދުވަހު އަސްލުގައި ހަމަ އެއްވެސް މައުލޫމާތެއް ނުދީ ވާންޖެހޭ ކަމެއް. އެކަމަކު އެކަމުގައި މަސައްކަތްކުރި ފަރާތްތަކަށް އެ އައި އިލްޒާމްތަކާއި ސޯޝަލް މީޑިއާގައި ޚާއްސަކޮށް ފަތުރަމުންދިޔަ ބައިވަރު ވާހަކަތަކުގެ ސަބަބުން އެ ކަމުގައި އުޅުއްވި ބޭފުޅުން ހަމަ ލިމިޓެޑް މައުލޫމާތުކޮޅެއް ދިނީ،"

"އެކަމު އެވެސް އަސްލު ދީގެންވާނެ[މައުލޫމާތެއް ނޫން]. އިންޓަނޭޝަނަލް މިންގަނޑުތަކުގައި ކަމުދާކަމެއް ނޫންއެއީކީ. މި ޕްރޮފެޝަންގައި މަސައްކަތްކުރާ ބޭފުޅުން ވެސް ގަބޫލުކުރާ ކަމެއް ނޫން. އަދި އަޅުގަނޑު ވެސް ގަބޫލެއްނުކުރަން އެ ކަން ގޮތަށް ކުރަންޖެހޭނެ ކަމަކަށް" ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މިފަދަ ބައެއް ހާދިސާތަކުގައި ތަހުގީގީ މުއައްސަސާތަކުން ޒާތީ، މައުލޫމާތުތަކެއް ހާމަކުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިއިރު، އެެއީ ކީއްވެކަން ހޯމް މިނިސްޓަރު އިހުސާން ޖަވާބުދާރީވެވަޑައިނުގަންނަވައެވެ.

ހައްސާސް މައްސަލަތަކުގައި ރާއްޖޭގެ ނުސްތަކުން ވެސް ޚަބަރު ގެނައުމުގައި ވަކި މިންގަނޑުތަކަކަށް ތަބާވެއެެވެ.

comment ކޮމެންޓް