ބިލުކުރުމުގައި މައްސަލައެއް ނެތްކަން ޔަގީން، ހޫނާއެކު ކަރަންޓު އުފައްދަންޖެހުނުވަރު ހަމަ އިތުރީ: ފެނަކަ

ފެނަކަގެ މުވައްޒަފުންތަކެއް: ކަރަންޓު ބިލުތަކުގެ ތެރެއިން މައްސަލަ އުޅޭކަމަށް ޝައްކުކުރެވޭ ބިލުތައް ޗެކްކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ/ ފެނަކަ

ފެނަކަ ކޯޕަރޭޝަނުން ހާމަކުރާ ގޮތުގައި، މިދިޔަ މަހު އާންމުންނަށް ލިބުނު ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ ބިލުކުރުމުގެ ނިޒާމުގައި ހުރި މައްސަލައަކުން ނޫނެވެ. އޭގެ ބަދަލުގައި ބިލު ބޮޑުވެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ހޫނު މޫސުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުންނެވެ. ރަމަޟާން މަހުގެ ޑިސްކައުންޓަށްފަހު ބިލުތައް ކުއްލިއަކަށް ބޮޑުވުމުން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވަނީ މީޓަރުތަކުގެ ރީޑިންގ ނެގުމުގައި އެއްވެސް މައްސަލައެއް ނެތްކަން ޔަގީންކޮށްދެއްވާފައެވެ. މާޗު އަދި އެޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރު ކަމަށްވާއިރު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައިވެސް މި ދުވަސްވަރު ކަރަންޓު ބިލު ބޮޑުވާކަން ވަނީ ފާހަގަކުރެވިފައެވެ. ކަރަންޓު އުފައްދާ މިންވަރު އިތުރުވެ، ހުރިހާ ރަށެއްގައިހެން ޑީސަލް އަންދާ މިންވަރު 25 އިންސައްތަ އިތުރުވެފައިވުމަކީ މީގެ އަލިގަދަ ހެއްކެކެވެ. އެހެންކަމުން މިއީ މީޓަރުގެ ނުވަތަ ބިލު ހެދުމުގެ އޮޅުމެއް ނޫންކަން ކަށަވަރުކޮށްދެއެވެ.

  • ކަރަންޓު ބިލު ބޮޑުވީ ބިލުކުރުމުގެ މައްސަލައަކުން ނޫންކަން ފެނަކައިން ޔަގީންކޮށްދިނުން
  • މާޗު އަދި އެޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރުކަމަށްވުން
  • ހޫނު މޫސުމާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ބިލު ބޮޑުވުން
  • ގިނަ ރަށްރަށުގައި ޑީސަލް އަންދާ މިންވަރު 25 އިންސައްތަ އިތުރުވެފައިވުން

މިދިޔަ މަހުގެ ބިލުތައް ލިބުނުއިރު އާންމުކޮށް އަރާ އަގަށްވުރެ މަތިވީ، ބިލުކުރުމުގެ މައްސަލައަކުން ނޫންކަން ޔަގީންވާކަމަށާއި، އެއީ ހަމަ ކަރަންޓު އުފެއްދި މިންވަރު އިތުރުވުމުން ކަމަށް ފެނަކައިން ބުނެފިއެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވެގެން ސްޓެލްކޯގެ ކަސްޓަމަރުންނާއި، ފެނަކައިގެ ޚިދުމަތް ހޯދާ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަކިން ޚާއްސަކޮށް ރޯދަމަހުގެ ޑިސްކައުންޓާއެކު އެންމެ 400 ރުފިޔާގެ ބިލެއް ދެއްކުމަށްފަހު، މި މަހުގެ ބިލު މިހާ ބޮޑުވުމުން ގިނަ ރައްޔިތުންތަކެއް އަންނަނީ ބިލު ބޮޑުވި ގޮތާމެދު ސުވާލު އުފައްދަމުންނެވެ.

https://sun.mv/221129

ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ފެނަކައިން ބޭނުންކުރާ މީޓަރުތަކަކީ ރަނގަޅަށް މިންކުރެވިގެން ރީޑިންތައް ނެގޭ މީޓަރުތަކެއްކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ ހޫނު ދުވަސްވަރަކީ މާޗު މަހާއި، އެޕްރީލް މަސް ކަމަށެވެ. މީގެ ކުރިއަށް ބަލާއިރު ވެސް ކޮންމެ ހޫނު މޫސުމެއްްގައި، ހޫނުވާ މިންވަރަކުން ބިލް ބޮޑުވާކަން ފާހަގަވާކަމަށް ނާޝިތު ވިދާޅުވިއެވެ.

"ދެން އޭގައި ހަމަ އަޅުގަނޑުމެންނަށް ރަނގަޅު ކޮރިލޭޝަނެއް އެބައިން ބިލްޑުވެފައި ޕާސްޓް ސެވަން ޓު ޓެން އިޔާޒް [މިދިޔަ 10ވަރަކަށް އަހަރު] ތެރޭގައި މިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" އޭނާ ވިދާޅުވިއެވެ.

އެއާއެކު ހޫނު މޫސުމުގައި މިދިޔަ އަހަރު ވެސް ބިލު ބޮޑުވުމުގެ ޝަކުވާ ލިބުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް ބިލު ބޮޑުވަނީ ބިލުކުރުމުގައި ހުރި މައްސަލައަކުން ނޫން ކަމަށާއި އެއީ ކަރަންޓު ބޭނުންކުރުން އިތުރުވެ، ޖަނަރޭޓަރުތައް މަސައްކަތްކުރާ މިންވަރު އިތުރުވާތީ ކަމަށް ވިދާޅުވިއެވެ.

"އެ އަޅުގަނޑުމެންނަށް ޔަގީންކުރެވޭ ސަބަބަކީ، ޕަވާ ހައުސްގެ ޖަނަރޭޝަނަށް ބަލާއިރު ވެސް، ޑީސަލް ޖަނަރޭޝަނަށް ބަލާއިރު ވެސް ހަމަ ކޮންމެ ރަށެއްގައިހެން 25 ޕަސެންޓު އެބަ އިތުރުވޭ ހޫނުމޫސުމަށް. ޑީސަލް ޖެނެރޭޝަނަށް ބަލާއިރު، ޑީސަލް ކޮންސަމްޕްޝަން ވެސް ނޫނިއްޔާ އަޅުގަނޑޔމެން އަންދާ ތެޔޮ އެބަ އިތުރުވޭ އެ ނިސްބަތުން،" ބިލިންގެ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް