ގެވެށި އަނިޔާއާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާ ގުޅިގެން ހުރިހާ ވާހަކަތަކެއް ދައްކާ، ކެމްޕެއިންތައް ހިންގާއިރު ވެސް އެކަން ނުހުއްޓި ކުރިއަށްދަނީ ތަންފީޒީ ބާރު ކުޑަވުމުގެ ސަބަބުން ކަމަށް ފްރީ ލާންސް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ހައްވާ ޒާހިރާ ވިދާޅުވެއްޖެއެވެ.
ގެވެށި އަނިޔާއާ ވަކި ޖިންސަކަށް ވީތީ ލިބޭ އަނިޔާއާ، އެ ކަންކަމާމެދު މުޖުތަމައު ގަބޫލުކުރާ ގަބޫލުކުރުންތަކާއި ދެކޭ ގޮތްތަކަށް އަލިއަޅުވާލާ އެސްއެސްޓީވީން ގެނެސްދިން 'ހިމޭން އަޑު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައްވަ ވިދާޅުވީ، މިފަދަ ވާހަކަތައް އިތުރަށް ރިޕޯޓުކޮށް އެކަންތައްކުގެ ވާހަކަ ދެއްކުމަށް އަދިވެސް މީހުންނަށް ހިތްވަރު ލިބެންޖެހޭކަމަށެވެ.
އަދި، މިފަދަކަންކަން ނުހުއްޓި ކުރިއަށްދަނީ، މި ގައުމުގައި ތަންފީޒީ ބާރު ކުޑަވުމުން ކަމަށް ހައްވަ ވިދާޅުވިއެވެ.
ވަރަށް ބައިވަރު ގާނޫނުތައް އެބަހުރި އެހެންނަމަވެސް އެއަށް އަމަލުނުކުރެވޭތީވެ، އެހެންވެ މީހުންނަށް ވެސް އެބަ އެނގޭ ރިޕޯޓު ކުރިއަސް ވަކި ހިސާބަކުން މިކަން ހިނގާދާނެކަން. ވަކި ހިސާބަކުން ކޮންމެ ވެސް ގޮތަކަށް ލުއިކަމެއް ލިބިގެން، ފްރީ ލާންސް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ހައްވާ ޒާހިރާ
އޭނާ ވިދާޅުވީ، މުޖްތަމައުގެ ތެރޭގައި ބައެއް ފަހަރު ފިރިހެނުން ހާމަކަމާ އެކު އެ ވާހަކަތައް ދައްކާ ކަމަށެވެ. ނަމަވެސް، ވާހަކަދައްކާ މީހުން މަދުކަމަށާއި ފިރިހެން ބޭފުޅުން އެ ވާހަކަތައް ދެއްކުމަކީ ވަރަށް ބޮޑު ތަފާތުކަމެއް ނުވަތަ މީހުން އެކަމާދޭތެރޭ ދެކޭގޮތް ބަދަލުވާ ކަމެއް ކަމަށެވެ.
ހައްވަ ވިދާޅުވީ، ދިވެހީންގެ ތެރޭގައި އިސްދައުރެއް އަދާކުރުމުގައި ގިނައިން ތިއްބަވަނީ ފިރިހެންބޭފުޅުން ކަމަށެވެ. އެކަމުގެ ސަބަބުން އޮފީހެއްގެ ތެރޭގައި އެފަދަކަމެެއް ހިނގާއިރު ވެސް، އެފަދަކަމެއް ތަހައްމަލުކުރަމުންދާ އަންހެން މީހާއަށް ވަޒީފާގެ ބިރައްޓަކައި ވެސް އެ ވާހަކަ ބުނުމުގެ ފުރުސަތު ނޯންނަ ކަމަށެވެ.
އެހެންކަމުން އެކަން ތަކުރާރުވަނީ ގަބޫލުކުރެވޭ ގަބޫލުކުރެވުމުގެ ސަބަބުން ކަމަށް ހައްވަ ވަނީ ފާހަގަކޮށްފައެވެ.
"އެހެންވީމާ އަންހެން މީހާއަށް މަޑުމަޑުން ގަބޫލުކުރެވެމުން އަންނަނީ، އޯކޭއޭ، މިއޭ ތިމަންނަގެ ދައުރަކީ. މިއޭ ތިމަންނަ ޖެހޭނީ މި ތަހައްމަލްކޮށްގެން ހިންދިރުވާލައިގެން ހުންނާންށޭ،" ފްރީ ލާންސް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ހައްވާ ޒާހިރާ ވިދާޅުވިއެވެ.
ހައްވަ ވިދާޅުވީ، އަނިޔާ ލިބޭ މީހާ އެކަން ތަހައްމަލުކުރަނީ އެފަދަ ކަންކަން ހުއްޓުވުމަށް އެހެން މީހުންގެ ފަރާތުން އެހީތެރިކަމެއް ނުލިބުމުން ކަމަށެވެ. އެކަންތައްތައް ފަޅާލާ ހިންދިރުވާލުމަށް ފަހު ތެދުވަންކެރޭނީ ވަރަށް މަދު ބަޔަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ނޫރާ މުހައްމަދު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ބަލާ ކަންތައްތަކުގެ ތެރެއިން އާންމުންގެ ވިސްނުން ބަދަލުވަމުން އަންނަތަން ނުފެންނަ ކަމަށެވެ. ގާނޫނުތަކާއެކު ސެކްޝުއަލް ހެރެސްމެންޓް ކޮމިޓީތައް ހެދިފައި ހުރީ ކިހާ އޮފީހެއްގައިތޯއާއި އެ ކޮމިޓީތަކުން މަސައްކަތްކުރަން އޮންނަ ޖާގަ އޮތީ ކިހިނެއްކަން ނޭނގޭ ކަމަށާއި އެހެންކަމުން ޒަމާނާ އެއްކޮށް ޕޮޒިޓީވް ބަދަލުތައް އެދޭ މިންވަރަށް އަންނަމުންދާކަން ޔަގީންނުވާކަން އޭނާ ފާހަގަކުރިއެވެ.
ނޫރާ ވަނީ އަދިވެސް ރާއްޖޭގައި، އާއިލާތަކުގެ ތެރޭގައި ބައެއް ގަބޫލުކުރުންތައް ގެންގުޅޭކަމަށް ވިދާޅުވެފައެވެ. އެގޮތުން، އަނިޔާ ލިބެމުންދާނަމަ އެކަން އާއިލާގެ ތެރޭގައި ބޭއްވުމަށް އޮންނަ ކަމަށާއި ނަމަވެސް މިހާރު ގާނޫނެއް އައިސް އެފަދަކަންކަން ފޮރުވުމަކީ މިހާރު ކުށެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
"މިއީކީއެއް އާއިލީ މައްސަލައެއް އެކަންޏެއް ނޫނޭ. މިއީ ކުށަކަށް ވާކަމަށް ވަންޏާ މިކަން އެބަ ރިޕޯޓްކުރަންޖެހޭ. ކިހާވަރަކަށްހޭ އަޅުގަނޑުމެން ދެކެނީ މިއީ އަޅުގަނޑުމެންގެ ގާނޫނީ ޒިންމާއެކޭ. މިކަހަލަ ކަމެއް ހިނަގާކަން އެނގިހުރެ، ރިޕޯޓް ކުރުމަކީ،" ނޫރާ ވިދާޅުވިއެވެ.