ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއަށް ހޭލުންތެރިކުރުމަށް އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް (އަމްފާ)އިން އުފައްދާ ޓީވީ ސިލްސިލާ "ހިމޭން އަޑު" މިއަދު އިފުތިތާހުކޮށްފިއެވެ.
އަމްފާއިން ސަން ސިޔާމް މީޑިއާއާ ގުޅިގެން ތައްޔާރުކުރާ މި ސިލްސިލާ އިފުތިތާހުކުރުމަށް މިއަދު، ސަލްމާން މިސްކިތުގެ ކޮންފަރެންސް ހޯލްގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި، އެ ސިލްސިލާ އުފެއްދުމާ ގުޅޭ ތަފުސީލުތައް، ކޯޑިނޭޓަރު އަމީނާ މުޙައްމަދު ދީދީ ވަނީ ހިއްސާކުރައްވައިފައެވެ.
ރާއްޖޭގެ ތަފާސްހިސާބުތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވީ، 15 އަހަރާއި 49 އަހަރުގެ އުމުރުފުރައިގެ އަންހެނުންގެ ތެރެއިން، ކޮންމެ ތިން އަންހެނަކުން އެކަކު ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާ ތަޙައްމަލު ކުރާ ކަމަށެވެ.
އޭގެ ތެރެއިން، ކޮންމެ ހަތަރު އަންހެނުންގެ ތެރެއިން އެކަކަށް މި އަނިޔާ ލިބެނީ އޭނާއާ ގާތްގުޅުމެއް އޮންނަ މީހެއްގެ ފަރާތުން ކަމަށް އަމީނާ ވިދާޅުވިއެވެ. އަދި ބައެއް ހާލަތުތަކުގައި އަނިޔާ ކުރުމަކީ ރަނގަޅު ކަމެއް ކަމަށް 26 އިންސައްތަ އަންހެނުން ގަބޫލު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓީވީ ސިލްސިލާ "ހިމޭން އަޑު" އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ޙަސަން ހާފިޒް
އަމްފާގެ ރައީސް ޑރ. އިބްރަހީމް ޙަސަން އަމްފާގެ ތައާރަފެއް ދެއްވަމުން ވިދާޅުވީ، އަމްފާއަކީ އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ވިސްނުމުގައި 2024 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ މަދަނީ ޖަމްޢިއްޔާއެއް ކަމަށެވެ.
މި ސިލްސިލާ އުފެއްދީ ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާއި އޮފީސްތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި އެތައް ބައިވަރު އަމިއްލަ ފަރުދުންގެ އެހީތެރިކަމާ އެކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އޮސްޓްރޭލިޔާގެ ހައިކޮމިޝަންގެ ފަރާތުން ލިބުނު އެހީތެރިކަން ވެސް ފާހަގަކެރެއްވިއެވެ.
އަމްފާއިން ބުނި ގޮތުގައި، "ހިމޭން އަޑު"ގެ ނަމުގައި އުފައްދާ މި ސިލްސިލާގެ މައިގަނޑު މަގުސަދަކީ މި މައުޟޫއާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަމާ ދޭތެރޭ އާންމުން ދެކޭ ގޮތާއި، ދިވެހީންގެ އާދަކާދައާއި މިކަމާ ހުރި ގުޅުން ހިއްސާކުރުމެވެ.
ޓީވީ ސިލްސިލާ "ހިމޭން އަޑު" އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ޙަސަން ހާފިޒް
އޭގެ އިތުރުން، ވަރީގެ ސަބަބުން ކުރިމަތިވާ އަނިޔާތަކާއި ދީނުގައި އަންގަވައިފައި އޮންނަ ގޮތާއި ޒުވާނުންގެ ވިސްނުމާއި މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަން ވެސް މި ސިލްސިލާގައި ގެނެސްދޭނެއެވެ. އަދި ސަލާމަތްވާން ހުރި މަގުތަކާ ބެހޭ މަޢުލޫމާތު މި ޕްރޮގްރާމުތައް މެދުވެރިކޮށް އާންމުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޓީވީ ސިލްސިލާގައި ގެވެށި އަނިޔާ ނުވަތަ ވަކި ޖިންސަކަށް ވީތީ ލިބޭ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ލިބެންހުރި ޚިދުމަތްތަކާއި މިކަމާ ގުޅޭ ސިޔާސަތުގެ މައްޗަށްވެސް އަލިއަޅުވާލާނެއެވެ.
ޑރ. ޙަސަން ވިދާޅުވީ، އިޖުތިމާއީ ބޮޑު މައްސަލައަކަށް ރާއްޖޭގައި ވެފައިވާ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާގެ މައްސަލަތަކަށް އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ކޮންމެވެސް ހައްލެއް ހޯދައިދެވޭތޯ، މިދިޔަ އަހަރުގެ ޖުލައި މަހު އަމްފާއިން ޚާއްސަ މަސައްކަތެއް ފެށި ކަމަށެވެ. އޭގެ ނަތީޖާއަކީ 11 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސިލްސިލާ ވުޖޫދުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޓީވީ ސިލްސިލާ "ހިމޭން އަޑު" އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ޙަސަން ހާފިޒް
އެ ރަސްމިއްޔާތުގައި އެސްއެސްމީޑިއާގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވަނީ، އެ ސިލްސިލާ ދެއްކުމަށް އަމްފާއިން ދިން ފުރުސަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ގެވެށި އަނިޔާގެ މައްސަލައަކީ އިޖުތިމާއީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި، އެ މައްސަލައަށް ހޭލުންތެރިކުރުމުގެ މުހިންމު މަސައްކަތުގައި އެސްއެސްމީޑިއާއިން ބައިވެރިވީ ކަމަށް އާސިފް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވަނީ، ''ހިމޭންއަޑު''ގެ ދެ އެމްބެސެޑަރުން ވެސް އިޢުލާންކޮށްފައެވެ. އެއީ ހައްވާ ލީޝް އާއި ހުސެއިން ޝާދު (މަޓޭ) އެވެ.
އެސްއެސްމީޑިޔާއިން "ހިމޭންއަޑު" ދައްކަން ފައްޓާނީ އޭޕްރީލް މަހުގެ ދެވަނަ ހަފުތާގެ ތެރޭގައެވެ.