ހަފުތާއެއްހާދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ މުޖުތަމައުން އަގުހުރި އެތައްފުރާނައެއް ވަކިވެގެން ދިއުމަކީ ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. މިއީ ބަލިމަޑުކަމެއް ނުވަތަ ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން ދިމާވި ހިތާމަތަކެއް ނޫނެވެ.
މިއީ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ހުއްޓުވޭނެ، ނަމަވެސް ހިމޭންކަމާއެކު ފެތުރެމުންދާ ނޭދެވޭ އަމަލެއްގެ ހިތި ނަތީޖާއެވެ. އަޅުގަނޑުމެން މިއަދު މި ކުރާ ހިތާމައިގެ ފަހަތުގައި އޮތް ހަގީގަތަކީ، ހަނގާކުރުމަކީ މީހުންގެ ކަށީގައި ހިފާފައިވާ އާދަކާދައަކަށްވުމެވެ.
އާންމުގޮތެއްގައި ބުލީކުރުމަކީ ހަމައެކަނި ސްކޫލު މަދަރުސާތަކުގައި ހިނގާ ކަމެއްގެ ގޮތުގައި ބެލެވުނަސް، މިއަދު އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލުން ފެންނަ މަންޒަރު ތަފާތެކެވެ. ސޯޝަލް މީޑިއާގެ މަންސަތަކާއި، އަޅުގަނޑުމެން އެކަކު އަނެކަކާ މުއާމަލާތްކުރާ ގޮތާއި، ތަފާތު ޚިޔާލުތަކަށް އިހުތިރާމްކުރުމުގެ ބަދަލުގައި ބޭނުންކުރާ ހަރުކަށި ބަސްމަގުން މިކަން ވަރަށް ބޮޑަށް ހާމަވެއެވެ.
ނުފޫޒުގަދަ ފަރާތްތަކުގެ އަމަލުތައް ބަހައްޓާގޮތުންނާއި އަނެކާ ދަށްކޮށްލުމަކީ ކުރިއެރުން ކަމަށް ބެލެވޭ ބެލެވުމުގެ ސަބަބުން، ޒުވާނުންގެ މެދުގައި މިފަދަ ކަންކަން އާންމުވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. މުޖުތަމައުގެ އިސް ސަފުގައި ހުންނަ ނޭދެވޭ މިފަދަ އަމަލުތަކަކީ މުޅި މުޖުތަމައަށް އޭގެ ނުފޫޒު ފޯރާ ކަންކަމެވެ.
ޚިޔާލު ތަފާތުވުމަކީ މުޖުތަމައެއްގައި އޮންނާނެ ކަމެކެވެ. ނަމަވެސް، އިންސާނިއްޔަތުކަމުގެ ރީތި ސިފަތައް ދޫކޮށްލުމަކީ ތިމާ އަމިއްލައަށް އިޚްތިޔާރުކުރާ ކަމެކެވެ. އަޅުގަނޑުމެން އިޚްތިޔާރުކުރާ ކޮންމެ ހަރުކަށިކަމަކީ، ކޮންމެވެސް އިންސާނަކަށް ދެވޭ ނަފްސާނީ އަނިޔާއެއްގެ ފެށުމެވެ.
މިއީ ހަމައެކަނި ކުށްވެރިއަކު ހޯދުމުގެ ވާހަކައެއް ނޫނެވެ. މިއީ އަމިއްލަ ޒިންމާއާމެދު ވިސްނާލުން މުހިންމު ވަގުތެކެވެ. މުޖުތަމައެއްގެ އާދަކާދަ ބައްޓަންވަނީ ހަމައެކަނި ގާނޫނުތަކަކުން ނޫނެވެ. އެއީ އަޅުގަނޑުމެން ތަކުރާރުކޮށް ކުރާ ކަންތައްތަކާއި ބަލައިގަންނަ ހަމަތަކުގެ ނަތީޖާއެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ފަރާތުން އަނެކާއަށް އަމާންކަން ލިބޭތޯއާއި، އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމުގައި އަޅުގަނޑުމެންގެ ދައުރަކީ ކޮބައިތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހެއެވެ.
މިއަދު އަޅުގަނޑުމެންނަށް ބޭނުންވަނީ ހަމައެކަނި މިކަމަށް ހޭލުންތެރިވުމެއް ނޫނެވެ. އަޅުގަނޑުމެންނަށް ބޭނުންވަނީ އަދަބުވެރިކަމާއި އިހުތިރާމާއެކު ވާހަކަދެއްކުމުގެ ހިތްވަރެވެ. އަނިޔާވެރިކަން ހުއްޓުވައި، އިންސާނަކަށް ވީތީ އެކަކު އަނެކަކަށް އަމާންކަން އިހުސާސްވާނެ މާހައުލެއް ބިނާކުރުމުގެ އަޒުމެވެ.
އަޅުގަނޑުމެންނަށް ނޭނގުނު ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ވަށައިގެން ތިބި އެތައް ބަޔަކު ދަނީ ބޮޑެތި ނަފްސާނީ ތަކުލީފުތަކެއް އުފުލަމުންނެވެ. އެފަދަ މީހަކަށް އުންމީދެއް ލިބުން ނުވަތަ މާޔޫސްވުން ބިނާވެފައިވަނީ އަޅުގަނޑުމެން މިއަދު އިޚްތިޔާރުކުރާ އަމަލުތަކުގެ މައްޗަށެވެ.
އެހެންކަމުން، އަޅުގަނޑުމެން ބޭނުންކުރާ ބަސްމަގާމެދު ސަމާލުވެ، ޒިންމާދާރުކަމާއެކު ނުފޫޒު ބޭނުންކޮށް، އިންސާނިއްޔަތުކަން އިސްކުރަމާ ހިނގާށެވެ. ފުރާނައެއް ސަލާމަތްކުރުމަށްޓަކައި މިއަދު އިސްނަގަމާ ހިނގާށެވެ.
އިސްލާމްދީން ބާރުއަޅަނީ އެކަކު އަނެކަކަށް އޯގާވެރިވުމަށެވެ.
އިސްލާމްދީނަކީ އިންސާނީ ކަރާމާތާއި، އޯގާތެރިކަމާއި، އަދި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މަތިވެރި އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެކެވެ. މީހުންނަށް މަލާމާތްކުރުމާއި، ދަށްކޮށްލުމާއި، އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާވެރިވުން (ބުލީކުރުން) އިސްލާމްދީނުގައި ވަނީ ހަރުކަށި އިބާރާތުން ނަހީކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން އިސްލާމްދީނުގެ މައިގަނޑު އުސޫލުތައް ތިރީގައި އެވަނީއެވެ:
- މަލާމާތްކުރުން ނަހީކުރެއްވުން: ކީރިތި ގުރުއާނުގެ ހުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތްﷲ ވަނީ އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކުރުން ނަހީކުރައްވާފައެވެ. ސަބަބަކީ މަލާމާތް ރައްދުވާ މީހާއީ، މަލާމާތްކުރާ މީހާއަށްވުރެ މާތްﷲގެ ހަޟުރަތުގައި ހެޔޮލަފާ މީހަކަށް ވެދާނެތީއެވެ. އަދި އެކަކު އަނެކަކަށް ގޯސް ނަންނަމުން މުޚާތަބުކުރުންވެސް ވަނީ މަނާކުރައްވާފައެވެ.
- އިންސާނީ ކަރާމާތް ރައްކާތެރިކުރުން: ކޮންމެ އިންސާނަކީވެސް މާތްﷲ މާތްކުރައްވާފައިވާ މަޚުލޫގެކެވެ. އެހެންކަމުން، މީހެއްގެ އަބުރަށް އަރައިގަތުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެކެވެ. މީހަކު ދަށްކޮށްލުމަކީ ތިމާގެ ކިބައިގައިވާ ބޮޑާކަމުގެ ސިފައެއްކަމާއި، ބޮޑާކަމަކީ ސުވަރުގެއިން މަހުރޫމްވާނެ ސިފައެއްކަން ކީރިތި ރަސޫލާ ވަނީ ބަޔާންކުރައްވާފައެވެ.
- ބަހާއި އަމަލުގެ ރައްކާތެރިކަން: ނަބަވީ އިރުޝާދުގައިވާ ގޮތުން، ހަގީގީ މުސްލިމަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މީހުން ސަލާމަތްވެގެންވާ މީހާއެވެ. މީގެ މާނައަކީ އަޅުގަނޑުމެން ބޭނުންކުރާ ބަސްތަކުންވެސް އަދި ކުރާ އަމަލަކުންވެސް އެހެން މީހަކަށް ދެރައެއް ނުވަތަ އަނިޔާއެއް ލިބިގެން ނުވާނެއެވެ.
- އަނިޔާވެރިކަމާ ދެކޮޅު ހެދުން: އަނިޔާވެރިކަން ހުއްޓުވުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. މީހަކަށް އަނިޔާލިބޭތަން ފެނުމުން، އެކަން އަތުން ނުވަތަ ދުލުން ނުވަތަ ހިތުން ނަމަވެސް ހުއްޓުވަން މަސައްކަތްކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ.
އިސްލާމްދީން ބާރުއަޅަނީ އެކަކު އަނެކަކަށް އޯގާތެރިވުމަށާއި، ހިތްހެޔޮކަމާއެކު މުއާމަލާތްކުރުމަށެވެ. މުޖުތަމައުގެ އަމާންކަން ގެއްލި، ފުރާނައަށް ނުރައްކާވާ ފަދަ އެއްވެސް އަމަލަކަށް އިސްލާމްދީނުގައި ޖާގައެއް ނެތެވެ.
އުފާވެރިކަމުގެ ބިންގަލަކީ މީހުންގެ މެދުގައި އޮންނަ ގާތްގުޅުމެވެ.
ދުނިޔޭގެ އުފާވެރިކަމުގެ ރިޕޯޓާއި، އުފާވެރިކަމާ ގުޅޭގޮތުން ހަދާފައިވާ މަޝްހޫރު އިލްމީ ދިރާސާތަކުން ދައްކާގޮތުގައި، އުފާވެރި މުޖުތަމައެއް ބިނާވަނީ ހަމައެކަނި މާއްދީ ތަނަވަސްކަމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި މުޖުތަމައުގެ ބަދަހިކަމަކީ އުފާވެރިކަމުގެ އެންމެ މުހިންމު ތަނބުތަކެވެ.
މި ދިރާސާތަކުގެ މައިގަނޑު ހޯދުންތަކުން ބުނެދޭ ވާހަކަތަކަށް ބަލާލަމާތޯއެވެ.
- އިޖުތިމާއީ އެހީތެރިކަމާއި ގުޅުން: އުފާވެރިކަން މިންކުރާ އެންމެ މުހިންމު އެއް މިންގަނޑަކީ، ދަތި އުނދަގޫ ވަގުތެއްގައި އެހީތެރިވާނެ މީހަކު ހުރިކަމުގެ އިހުސާސް ކުރެވުމެވެ. ބުލީކުރުމާއި ބާކީކުރުން އާންމުވެފައިވާ މުޖުތަމައުތަކުގައި މިއިހުސާސް ކުޑަވެ، ނަފްސާނީ ބަލިމަޑުކަން އިތުރުވެގެންދެއެވެ.
- އޯގާތެރިކަމާއި ދީލަތިކަން: ދިރާސާތަކުން ސާބިތުވާގޮތުގައި، އެހެން މީހުންނަށް އޯގާތެރިވުމާއި އެހީތެރިވުމަކީ އެހީ ލިބޭ މީހާއަށްވުރެ ބޮޑަށް، އެހީތެރިކަން ފޯރުކޮށްދޭ މީހާގެ އުފާވެރިކަން އިތުރުކޮށްދޭ ކަމެކެވެ. މުޖުތަމައެއްގައި އޯގާތެރިކަން އިސްކުރުމަކީ މުޅި ގައުމުގެ އުފާވެރިކަން މަތިކޮށްދޭ ސަބަބެކެވެ.
- އިތުބާރާއި އަމާންކަކަމުގެ އިހުސާސް: މުޖުތަމައެއްގެ ތެރޭގައި އެކަކު އަނެކަކަށް އޮންނަ އިތުބާރު ބޮޑުވިވަރަކަށް، އެ މުޖުތަމައެއްގެ އުފާވެރިކަން އިތުރުވެއެވެ. މީހަކު މަގުމަތިން ހިނގާފައި ދާއިރު ނުވަތަ ސޯޝަލް މީޑިއާ ބޭނުންކުރާއިރު، އަނެކާގެ ފަރާތުން ލިބިދާނެ މަލާމާތަކަށް ނުވަތަ އަނިޔާއަކަށް ބިރުގަންނަން ޖެހޭނަމަ، އެ މުޖުތަމައެއްގައި އުފާވެރިކަމެއް ނޯންނާނެއެވެ.
- ހާވަޑް ޔުނިވަރސިޓީގެ ދިގު ދިރާސާ: މިއީ އިންސާނާގެ އުފާވެރިކަމާ ގުޅޭގޮތުން ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ދިގު ދިރާސާއެވެ. 80 އަށްވުރެ ގިނަ އަހަރު ވަންދެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާއިން ދެއްކީ، އިންސާނާގެ ދުޅަހެޔޮކަމާއި އުފާވެރިކަން ބިނާވަނީ މީހުންނާ އޮންނަ ގާތްގުޅުމުގެ މައްޗަށްކަމެވެ. ގާތް މީހުންގެ ފަރާތުން ލިބޭ ލޯތްބާއި، އިހުތިރާމާއި، އަދި މީހުންގެ މެދުގައި އޮންނަ ހަމަޖެހުމަކީ ދިގު އުމުރަކާއި އުފާވެރި ދިރިއުޅުމެއްގެ އަސާސެވެ.
- ނަފްސާނީ ދުޅަހެޔޮކަން: އުފާވެރިކަމާ ބެހޭ ދިރާސާތަކުން ދައްކާގޮތުގައި، ބުލީކުރުމާއި ނަފްސާނީ ގޮތުން ދަށްކޮށްލުމަކީ އިންސާނާގެ އުފާވެރިކަން މުޅިން ނައްތާލާ ކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން މާޔޫސްވުމާއި ނަފްސާނީ ބަލިތަކަށް މީހާ ހުށަހެޅިގެންދެއެވެ.
ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ސިއްރަކީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، އޯގާތެރިވުމާއި، އަދި ކޮންމެ މީހަކީވެސް މުޖުތަމައުގެ މުހިންމު ބައެއްކަމުގެ އިހުސާސް ކުރެވޭނޭ މާހައުލެއް ގާއިިމުވެފައި އޮތުމެވެ. އަޅުގަނޑުމެންގެ މުޖުތަމައު އުފާވެރި ތަނަކަށް ހެދޭނީ ބަސްމަގު ރީތިކޮށް، އަނިޔާވެރިކަމާ ދުރުވެ، އިންސާނިއްޔަތުކަން އިސްކޮށްގެންނެވެ.
އަޅުގަނޑުމެންނަށް އެފަދަ ގައުމަކަށް ނުވެވެންވީ އެއްވެސް ސަބަބެއްނެތެވެ.