މާޗު މަހުގެ ކަރަންޓު ބިލު ބޮޑުވުން: މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިލުތައް ފެނަކައިން ޗެކްކޮށްދެނީ

ފެނަކަގެ މުވައްޒަފުންތަކެއް: ކަރަންޓު ބިލުތަކުގެ ތެރެއިން މައްސަލަ އުޅޭކަމަށް ޝައްކުކުރެވޭ ބިލުތައް ޗެކްކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ/ ފެނަކަ

ފެނަކައިން އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވި މާޗު މަހުގެ ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ނަމަވެސް ފެނަކައިން ބުނެފައިވަނީ ބިލުތައް ހަދާފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށާއި، އެއްވެސް މައްސަލައެއް އުޅޭކަމަށް ޝައްކުކުރެވޭނަމަ އެ ބިލުތައް އަލުން ބަލައިދީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން، މާޗު، އޭޕްރިލް އަދި މެއި މަހަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާކަން ކުންފުނިތަކުން ފާހަގަކުރެއެވެ.

  • މާޗު މަހުގެ ކަރަންޓު ބިލުތައް ބޮޑުވުމުން އާންމުންގެ ގިނަ ޝަކުވާތަކެއް ލިބިފައިވޭ
  • ފެނަކައިން ބުނާގޮތުގައި ބިލުތައް ހަދާފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް
  • ޝައްކުކުރެވޭ ބިލުތައް އަލުން ބަލައިދީ ރީޑިން ޗެކްކޮށްދިނުމަށް ފެނަކައިން ނިންމާފައިވޭ
  • ހޫނުގަދަ މަސްތަކުގައި އޭސީ އަދި ފަންކާ ބޭނުންކުރާ މިންވަރު އިތުރުވުމަކީ ބިލު ބޮޑުވާ ސަބަބެއް

މިދިޔަ މާޗް މަހުގެ ކަރަންޓު ބިލުތައް ފެނަކައިން އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވިއިރު، އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުން ދަނިކޮށް، މައްސަލައެއް އުޅޭ ކަމަށް ޝައްކުކުރެވޭ ބިލުތައް އަލުން ބަލައިދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.

ނިމިދިޔަ ރަމަޟާން މަހު ކަރަންޓު ބިލުން ޑިސްކައުންޓް ދީ، ކޮންމެ ގޭބިސީއަކަށް ވެސް ފޮނުވައިފައިވަނީ 400 ރުފިޔާގެ ބިލެކެވެ. ނަމަވެސް އޭގެ ފަހުން ލިބުނު ކަރަންޓު ބިލުތައް އެހެން މަސްތަކާ އަޅައިބަލާއިރު މާ ބޮޑު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

https://sun.mv/220976

އެ މައްސަލައާ ގުޅޭ ގޮތުން ފެނަކައިން ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ މަހު ރީޑިން ނެގުމުގައިއާއި ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވާނީ އެހެން މަސްތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލަށް ކަަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކުގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް، އެ ކުންފުނިން ޚިދުމަތްދޭ އެއްވެސް ކަސްޓަމަރެއްގެ ބިލު ތައްޔާރުކޮށްފައި ނުވާނެ ކަމުގެ ބަޔާނުގައިވެއެވެ.

ފެނަކައިން ވަނީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ކަރަންޓު ބިލެއްގައި މައްސަލައެއްް އުޅޭކަމަށް ޝައްކުކުރެވޭނަމަ، އަދި ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ، އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން އެ ކުންފުނިން ވަނީ، ކޮންމެ އަހަރެއްގެ ވެސް މާޗް މަހާއި އޭޕްރިލް މަހުގެ އިތުރުން މެއި މަހަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރެވޭ ދުވަސްވަރަށް ވުމުން، ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް ހަނދާންކޮށްދީފައެވެ.

https://sun.mv/221129

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް މީގެ ކުރިން ވަނީ މާޗު މަހާއި އޭޕްރިލް މަހަކީ ރެކޯޑްތަކުން ދައްކާގޮތުން އެންމެ ހޫނުގަދަ ދެ މަސް ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރު ވެސް މި ދެ މަހު ވަރަށް ހޫނުގަދަ ވާނެ ކަމަށާއި، އެންމެ ހޫނުގަދަ ވާނީ މި ހިނގާ އޭޕްރިލް މަހު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯއިން ކަމަށްވާއިރު، އެ ކުންފުންޏާއި ފެނަކައިން ވެސް، ހޫނުގަދަ ދުވަސްތަކުގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވާކަން ފާހަގަކުރެއެވެ. އެގޮތުން އޭސީއާއި ފަންކާ ފަދަ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވުމުން، ބިލު ބޮޑުވާކަން ދެ ކުންފުނިން ވެސް ފާހަގަކުރެއެވެ.

comment ކޮމެންޓް