ކުއްލި ޙާލަތްތަކާ ގުޅިގެން އޮފީހަށް ހާޒިރުނުވެ، ގޭގައި ވެސް ސިވިލް ސާވަންޓުންނަށް މަސައްކަތް ކުރެވޭހެން ހަދައިފިއެވެ.
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެނައި 19 ވަނަ އިސްލާހުގެ ދަށުން މި އުސޫލުތައް ގެޒެޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.
މި ގަވާއިދުގައިވާ ގޮތުން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނީ އެކަމަށް ޓަކައި އިދާރާއިން ކަނޑައަޅާ ޚާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުގައެވެ.
މި އެއްބަސްވުމުގައި މަސައްކަތުގެ ތަފްސީލާއި، އިދާރާގެ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަށް މުވައްޒަފު އިގުރާރުވާންޖެހެއެވެ. ނަމަވެސް، މަސައްކަތުގެ ބާވަތުން ކޮންމެހެން އޮފީހަށް ހާޒިރުވާންޖެހޭ ފަންނުތަކުގެ މުވައްޒަފުން މި އުސޫލުން އިސްތިސްނާވާނެއެވެ. އޭގެ ތެރޭގައި ޓީޗަރުން، ނަރުހުން އަދި ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން ހިމެނެއެވެ.
އިސްލާޙޫގައިވާ ގޮތުން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދެވޭނީ ސިއްޙީ ވުޒާރާގައި ނުވަތަ ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއެއްގެ ލިޔުމަކަށް ރިޢާޔަތްކޮށް، އެ އިދާރާއެއްގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާއަށް ފެންނަ ގޮތެއްގެ މަތިންނެވެ. މިގޮތަށް ހުއްދަ ދެވޭނީ މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތަކީ އޮފީހުން ބޭރުގައި ހުރެގެން އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަސައްކަތެއް ކަމުގައިވާނަމަ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެކަށޭނަ ރައްކާތެރި މާހައުލެއް އޮތްކަން އިދާރާއިން ކަށަވަރުކުރަންޖެހެއެވެ. އަދި މިފަދަ އިންތިޒާމެއްގެ ދަށުން މަސައްކަތް ކުރާއިރު، އިދާރާއިން ދޭ އެއްވެސް ޚިދުމަތަކަށް ހުރަސްނޭޅޭނެކަން ކަށަވަރުކުރުމާއެކު، މުވައްޒަފު ކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ސުޕަވައިޒަރު މޮނިޓަ ކުރަންވާނެއެވެ.
""އޮފީހަށް ހާޒިރުނުވެ މަސައްކަރްކުރުމުގެ ހުއްދަ ދިނުމުގައި އިދާރާއިން ދޭ އެއްވެސް ޚިދުމަތަކަށް ހުރަސްނޭޅޭނެކަން ކަށަވަރުކަރުމެއެކު މުވައްޒަފު އޮފީހަށް ހާޒިރުނުވެ ކުރެ މަސައްކަތްތައް ނުވަތަ އިތުރަށް މުވައްޒަފަށް ހަވާލުކުރެވޭ އެ މަސައްކަތްތައް ނިންމާ މިންވަރު ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް، މޮނީޓަކޮށް ބަލަހައްޓަމުން ގެންދާނެ،" އިސްލާހުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާ މުވައްޒަފަކު، އޮފީހަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން އިދާރާއިން އަންގައިފި ނަމަ، އޮފީހަށް ހާޒިރުވާންޖެހޭނެއެވެ.
މީގެ އިތުރުން މުވައްޒަފަށް ހަވާލުކުރެވޭ މަސައްކަތްތައް އެދެވޭ މިންވަރަށް ނުކުރެވޭކަން ފާހަގަކުރެވިއްޖެ ނަމަ، ދީފައިވާ ހުއްދަ ނިމުމަކަށް ގެނައުމުގެ އިހުތިޔާރު އިދާރާއަށް ލިބިގެންވާކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.