110 ކިލޯގެ ޑުރަގާ އެކު ލަންކާ އެއާޕޯޓުން 22 ހާމުދުރުން ހައްޔަރުކޮށްފި

ސްރީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން، ތައިލެންޑަށް ކުރި ދަތުރަކަށްފަހު އެނބުރި އައި 22 ހާމުދުރުން ހައްޔަރުކޮށްފިއެވެ. މި މީހުން އަތުލައިގަނެފައިވަނީ 1.1 ބިލިއަން ރުޕީސްގެ އަގުހުރި 110 ކިލޯގެ މަސްތުވާތަކެއްޗާއެކުގައެވެ. ކަސްޓަމްސްއިން މަޢުލޫމާތު ދޭ ގޮތުގައި މިއީ އެ އެއާޕޯޓުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކުޝް އަތުލައިގަތް ފަހަރެވެ. މި ތަކެތި ފޮރުވާފައިވަނީ އޮޅުވާލުމުގެ ގޮތުން ދަބަސްތަކުގެ ފުލުގައެވެ.

  • ތައިލެންޑުން އައި 22 ހާމުދުރުން ހައްޔަރުކުރުން
  • 110 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުން
  • މަސްތުވާތަކެތި ފޮރުވާފައިވަނީ ދަބަސްތަކުގެ ފުލުގައިކަން ފާހަގަކުރުން
  • މިއީ އެންމެ ގިނައިން އެއްފަހަރާ ކުޝް އަތުލައިގަތް ފަހަރުކަން ކަސްޓަމްސްއިން ބުނުން

މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި ތައިލެންޑުން އެނބުރި އައި ސްރީ ލަންކާގެ 22 ބުޑިސްޓް ހާމުދުރުން ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ)އިން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ 110 ކިލޯގެ މަސްތުވާތަކެއްޗާ އެކުގައެވެ. އެއީ، 1.1 ބިލިއަން ރުޕީސްގެ އަގުހުރި ތަކެއްޗެވެ.

ލަންކާ ކަސްޓަމްސްގެ ތަރުޖަމާނު ވިދާޅުވީ، ހަތަރު ދުވަހުގެ މުއްދަތަށް ތައިލެންޑަށް ދިޔަ އެ ގްރޫޕްގެ އަތުން "ކުޝް" އާއި "ހަޝިޝް" ފެނިފައިވާ ކަމަށެވެ. މި ތަކެތި ފޮރުވާފައި ހުރީ ކޮންމެ ފާދިރީއެއްގެ ދަބަހުގެ ފުލުގައި އިތުރު ބައެއް ހަދައި އެއިން ކޮންމެ ދަބަހެއްގައި ފަސް ކިލޯ ޑުރަގުގެ މަގުންނެވެ. އަދި، ދަބަސްތަކުގެ ތެރެއަށް، ސްކޫލު ކުދިން ބޭނުންކުރާ ސާމާނާއި، އެކި ވައްތަރުގެ މެޓަ އާއި ފޮނިކާތަކެތި އަޅާފައި ހުއްޓެވެ.

އެ 22 ހާމުދުރުންގެ ތެރޭގައި ގިނައީ ލަންކާގެ ފައްޅިތަކުގައި އުޅޭ ޒުވާނުން ކަމަށާއި އެ މީހުން ޗުއްޓީއަށް ގޮސް އުޅުނީ ވިޔަފާރިވެރިންގެ ސްޕޮންސާގައި ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ.

ހައްޔަރުކުރި މީހުންގެ މޯބައިލް ފޯނުތައް ޗެކްކުރިއިރު، އެ މީހުން ގައުމުން ބޭރުގައި އުޅުނުއިރު އާންމު ހެދުމުގައި ތިބި ފޮޓޯއާއި ވީޑިއޯ ވެސް ފެނިފައިވެއެވެ. ކަސްޓަމްސްގެ އޮފިޝަލުން ބުނީ، މިއީ ލަންކާގެ މައި ބައިނަލްއަގުވާމީ އެއާޕޯޓުން އެންގެ ގިނައިން "ކުޝް" އެއްފަހަރާ ފެނުނު ފަހަރު ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު ވެސް ލަންކާ އެއާޕޯޓުން 46 ކިލޯ (101 ޕައުންޑް) ގެ މަސްތުވާތަކެއްޗާ އެކު އިނގިރޭސި އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެނާ ދަތުރުކޮށްފައި ވަނީ ބެންކޮކުން ކޮލަމްބޯއަށެވެ.

comment ކޮމެންޓް