ލަންކާއިން ދަރަނި ދައްކަން ބޭނުންކުރި 2.5 މިލިއަން ޑޮލަރު ގެއްލިއްޖެ؛ ހެކަރުން ވަގަށް ނެގި ކަމުގެ ތުހުމަތު

ލަންކާގެ ރައީސް އަދި ފިނޭންސް މިނިސްޓަރު އަނޫރާ ކުރާމަ ޑިސަނަޔަކަ: އެ ގައުމުން ދަރަންޏެއް ދައްކަން ޚާއްސަކުރި 2.4 މިލިއަން ޑޮލަރު ވަނީ ގެއްލިފައި -- ފޮޓޯ/ އިންވެސްޓްސްރީލަންކާ

ސްރީލަންކާއިން އޮސްޓްރޭލިއާއަށް ދައްކަން އޮތް ދަރަނީގެ ތެރެއިން 2.5 މިލިއަން ޑޮލަރު ގެއްލިފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. މި ފައިސާ ގެއްލިފައިވަނީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެކްސްޓާނަލް ރިސޯސަސް ޑިޕާޓްމެންޓުގެ ކޮމްޕިއުޓަރުތަކެއް ހެކްކޮށްގެން ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން ކަމާބެހޭ ތަހުގީގީ އިދާރާތަކަށް މައްސަލަ ހުށަހަޅައި، ބައެއް އޮފިޝަލުންގެ ޝަރީއަތްތައް ވަނީ ފަށާފައެވެ.

  • ސްރީލަންކާއިން ދަރަނި ދައްކަން އޮތް 2.5 މިލިއަން ޑޮލަރު ވަނީ ގެއްލިފައި
  • މިކަން ހިނގާފައިވަނީ ފިނޭންސް މިނިސްޓްރީގެ ސިސްޓަމްތަކެއް ހެކްކޮށްގެން ކަމަށް ތުހުމަތުކުރެވޭ
  • މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައި، ބައެއް ފަރާތްތަކުގެ ޝަރީއަތް ވަނީ ފަށާފައި
  • މިކަން ދިމާވެފައިވަނީ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ލަންކާއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި

ސްރީލަންކާއިން ދަރަންޏެއް ދައްކަން ބޭނުންކުރި 2.5 މިލިއަން ޑޮލަރު ގެއްލިފައިވާ ކަމުގެ ތުހުމަތާއެކު، އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އެކްސްޓާނަލް ރިސޯސަސް ޑިޕާޓްމެންޓުގެ ކޮމްޕިއުޓަރުތަކެއް ހެކްކުރި ކަމަށް ސަރުކާރުން ބުނެފިއެވެ.

ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން ވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ގައުމުން އޮސްޓްރޭލިއާއަށް ދައްކަން އޮތް 22.9 މިލިއަން ޑޮލަރުގެ ދަރަންޏަކަށް ދައްކަން އޮތް 2.5 މިލިއަން ޑޮލަރު ޑައިވާޓްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އެ ތުހުމަތުތައް ފެންމަތިވި ފަހުން އިއްޔެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ ޖަނަވަރީ މަހު ކުރި ބޭރު ފައިސާގެ މުއާމަލާތެއްގެ ތެރެއިން، އެކްސްޓާނަލް ޑިޕާޓްމެންޓުގެ ކޮމްޕިއުޓަރުތަކަށް ބަޔަކު ވަދެފައިވާކަން އެނގިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ އެ މައްސަލައާ ގުޅޭ ޝަކުވާތައް، ތަންފީޒީ އިދާރާތަކަށާއި ކަމާބެހޭ މުއައްސަސާތަކަށް މީގެ ކުރިން ހުށަހަޅާފައިވާކަމަށެވެ. އެގޮތުން އެ ގައުމުގެ ކޮމްޕިއުޓާ އިމަޖެންސީ ރެޑިނެސް ޓީމާއި ސްރީލަންކާ ޕޮލިސްގެ ކޮމްޕިއުޓާ ކްރައިމް އިންވެސްޓިގޭޝަން ޑިވިޝަނަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ލަންކާގެ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި އެ މައްސަލައިގައި ބައެއް އޮފިޝަލުންގެ ޝަރީއަތްތައް ފަށާފައިވާ ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގުތަކަށް ބުރޫނާރާ ގޮތަށް ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްރީލަންކާއަކީ އިގުތިސާދީ ވަރަށް ބޮޑު ހީނަރުކަމަކާ ކުރިމަތިލުމަށް ފަހު، އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންދާ ގައުމެކެވެ. އެގޮތުން ގައުމުގައި އެކި އަހަރުތަކުގައި އޮތް ސަރުކާރުތަކުގައި ކޮރަޕްޝަނުގެ މައްސަލަތައް ގިނަވެފައި ވަނިކޮށް 2019 ވަނަ އަހަރު އެ ގައުމުގައި ދިން ހަމަލާތަކާ ގުޅިގެން ބޮޑެތި ގެއްލުންތައް ލިބުނެވެ.

އެ ހަމަލާތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ލިބުނު ގެއްލުމުން އަރައި ނުގަނެވެނީސް، ދުނިޔެއަށް ކުރިމަތިވި ކޮވިޑް ބަލިމަޑުކަމާއެކު ލަންކާގެ އިގުތިސާދު ވެސް ހުއްޓުމަކަށް އައެވެ.

ކޮވިޑް ބަލިމަޑުކަމުގައި ލަންކާގެ ހާލަތު ވަރަށް ގޯސްވި، ޖެހިގެން އައި އަހަރުތަކުގައި ތެލާއި ބޭހާއި ޒަރޫރީ ތަކެތި ލިބުން ދަތިވިއެވެ. އެންމެ ފަހުން ރައްޔިތުން އުތުރިއަރައި، ސަރުކާރު ބަދަލުކުރިއެވެ. އެއަށްފަހު އެ ގައުމުން ވެރިކަމަށް އިންތިޚާބުކޮށްފައިވަނީ މީގެ ކުރިން ވެރިކަން ކުރަމުން އައި އާއިލާތަކާ ގުޅުމެއް ނެތް ޑިސަނަޔަކައެވެ.

ލަންކާއިން 2.5 މިލިއަން ޑޮލަރު ގެއްލުމުގެ މައްސަލަ ދިމާވެފައިވަނީ އިގުތިސާދީ ކުރިއެރުން ދަށްވެފައި އޮންނަތާ ދެ އަހަރަށް ފަހު، މި އަހަރު އިގުތިސާދީ ކުރިއެރުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފައި ވަނިކޮށެވެ.

comment ކޮމެންޓް