މިވަގުތު ރާއްޖެއަށް އޮތް އެންމެ މުހިންމު މަގާމަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާކަން ހޯދުމަށް ވުރެ ވެސް އެ މަގާމު ހޯދުން މިވަގުތު މާ މުހިއްމު ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެ ކަން، އެ ޕާޓީގެ އެންމެ ފުރަތަމަ ޗެއާޕާސަނުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ނަޝީދު ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހެވެ.
"ބޮޑު ބަދަލު"ގެ ނަމުގައި އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއަށް މިވަގުތު ރާއްޖޭގައި އޮތް އެންމެ މުހިންމު މަގާމަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ކަމަށެވެ.
"އަޅުގަނޑު ނުދަންނަވަމެއްނޫންތޯ އައިސް އަޅުގަނޑު މި އުޅެނީކީ ރައީސުލްޖުމްހޫރިއްޔާއަކަށް ވާށޭ، ސަބަބެއް އޮވެގެނޭ އަޅުގަނޑު އެހެން ނުދަންނަވަން މި އުޅެނީ، މިކަން [ޗެއާޕާސަންގެ މަގާމު] މާ މުހިންމޭ، މި މުއައްސަސާ ބާރަށް ހިންގުން ވަރަށް މުހިއްމު،" ރައީސްކަމަށް ވުރެ އެމްޑީޕީގެ ޗެއާޕާސަންކަން މުހިއްމުވާ ކަމަށް ސިފަކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނު ނިކުމެވަޑައިގަތީ ދިވެހީން ތަނަވަސްކަމުގައި އުޅޭނެ ގޮތެއް ހޯއްދަވައިދެއްވުމަށްޓަކައި ކަމަށެވެ.
އެއްވެސް އިރެއްގައި ވާދަކުރައްވަނީ އެމްޑީޕީގެ ލީޑަރުންނާ ނޫން ކަމަށާއި، ވާދަކުރައްވަނީ "އިދިކޮޅު ޕާޓީއާ" ކަމަށް، ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ވާދަ މި ކުރަނީ އެމްޑީޕީގެ ވެރިންނަކާ ނޫން، އަޅުގަނޑަކަށް ނުވިސްނޭ މީގަ އިތުރު ޚިޔާލެއް ނިކުންނަންވީ ސަބަބެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު، އެމްޑީޕީގެ ޗެއާޕާސަންކަމަށް އެމަނިކުފާނު ހޮއްވަވައިދޭން އެދިވަޑައިގެންނެވިއެވެ. ނަޝީދު ވިދާޅުވީ، އެމްޑީޕީ ވާން ވާނީ ރައްޔިތުންގެ ޕާޓީއަކަށް ކަމަށެވެ. ހަމަ އެއާއެކު މި ސަރަހައްދުގެ ވަރުގަދަ ޕާޓީއަކަށް އެމްޑީޕީ ވާން ވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ސަރަަހައްދީ ގައުމުތަކުން ބަލައިގަންނަ ޕާޓީއަކަށް ވާންޖެހޭނެ، އަޅުގަނޑުމެންނަކީ ކުދި ގައުމުތަކުގައި އުފެދިފައި ހުރި ޕާޓީތަކުގެ ތެރެއިން އެންމެ ވަރުގަދަ ޕާޓީއަށް ވާން ޖެހޭނެ، އަޅުގަނޑުމެންނަކީ ހަމައެކަނި ރަށުގެ ގޮނޑުދޮށުން ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން ގެންދާ ބަޔަކަށް ވާންޖެހޭނެ،"
ރާއްޖެ ސަލާމަތްކުރާނެ ޕާޓީއަކީ އެމްޑީޕީގެ ގޮތުގައި ސިފަކުރައްވައި، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އެމަނިކުފާނު ގޮވާލެއްވީ، ރާއްޖެއަށް ހެޔޮ އެދޭނަމަ، ޕީއެންސީ ދޫކޮށްލުމަށެވެ.
"ރައީސް [މުޢިއްޒު] ވިދާޅުވީ ތިބޭފުޅުން މަސައްކަތް ނުކުރެއްވިއްޔާ، ނޫން، ފަލްސަފާއެއް ނެތުނީ، ވިސްނުމެއް ނެތުނީ، ތަސައްވުރެއް ނެތުނީ، މަންޒަރެއް ނުކުރެހުނީ، އުންމީދެއް ނުދެވުނީ،"
އެމްޑީޕީއަކީ އާންމުންނަށް ރަނގަޅު އުންމީދެއް ފޯރުކޮށްދީ، އަނެއްކާވެސް ރާއްޖެ "ބަދަލުކޮށްދޭނެ" ޕާޓީ ކަމަށް، ނަޝީދު ވިދާޅުވިއެވެ.