ދެ ހަފުތާ ފަހުން، އަނެއްކާވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރުތަކަކުން ކަރަންޓު ކެނޑިއްޖެ

އެފްޑީސީގެ ފުލެޓުތައް: ޓަވަރުތަކުން އަނެއްކާވެސް ވަނީ ކަރަންޓު ކެނޑިފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން މިއަދު ވަނީ ކަރަންޓު ކެނޑިފައެވެ. މިއީ މި މަހުގެ 12 ވަނަ ދުވަހު އެ ސަރަހައްދުން ކަރަންޓު ކެނޑި، ދުވަހުގެ ބޮޑު ބައި ޚިދުމަތް ނުލިބި ދިޔަތާ ދެ ހަފުތާ ފަހުން ދިމާވި މައްސަލައެކެވެ. ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި ކަރަންޓު ކެނޑިފައިވަނީ ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ބައެއް ޓަވަރުތަކުންނެވެ. އަދި އެފްޑީސީގެ ބައެއް ޓަވަރުތަކުންވެސް ކަރަންޓު ކެނޑިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

  • ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން މިއަދު އަނެއްކާވެސް ކަރަންޓު ކެނޑުން.
  • މިއީ މި މަހުގެ 12 ވަނަ ދުވަހު ކަރަންޓު ކެނޑުނުތާ ދެ ހަފުތާ ފަހުން ދިމާވި ކަމެއްކަން.
  • ސްޓެލްކޯއިން ބުނާ ގޮތުގައި ހިޔާ އަދި ވިނަރެސްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވުން.
  • އެފްޑީސީގެ ބައެއް ޓަވަރުތަކުންވެސް ކަރަންޓު ކެނޑިފައިވާކަން ފާހަގަކުރެވުން.

މި މަހުގެ 12 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑި، ދުވަހުގެ ބޮޑު ބައި ޚިދުމަތް ނެތި ހޭދަކުރަން ޖެހުނުތާ ދެ ހަފުތާ ފަހުން، އެ ސަރަހައްދުގެ ޓަވަރުތަކަކުން މިއަދު އަނެއްކާވެސް ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، ހިޔާއާއި ވިނަރެސްގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ބުނެފައެވެ.

އެ ކުންފުނިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން ކަރަންޓު ކެނޑިފައިވަނީ:

  • ހިޔާ ޓަވަރު 5، 6، 7
  • ވިނަރެސް 10
  • އަމާން ދޯދި 12، 13، 14، 15، 16
  • އަމާން އުދަރެސް 5، 6
  • އެމްޕީއެލް ޓަވަރުތައް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމެންޓުތަކުން މި މަހުގެ 12 ވަނަ ދުވަހު ކަރަންޓު ކެނޑިފައިވާ ކަމަށް ރިޕޯޓުކުރަން ފެށީ އެ ދުވަހު 15:30ހާއިރެވެ.

"ސަން"އަށް މައުލޫމާތު ލިބުނު ގޮތުގައި ފުރަތަމަ ކަރަންޓު ކެނޑުނީ ހިޔާގެ އަށް ޓަވަރަކާއި ވިނަރެސްގެ ބައެއް ޓަވަރުތަކުންނެވެ. ނަމަވެސް މައްސަލަ ހައްލުނުވެ، އިތުރު ޓަވަރުތަކުން ވެސް ފަހުން ކަަރަންޓު ކެނޑިފައިވާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މައުލޫމާތު ދީފައިވެއެވެ.

https://www.sun.mv/220522

ސްޓެލްކޯއިން ހުރިހާ ޓަވަރަކަށް ކަރަންޓު ދެވިފައިވާ ކަމަށް ބުނީ އެ ރޭ 23:30ހާއިރެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ، ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ، ދެވަނަ ފިޔަވަހީގައި ބަޔަކު އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓު ދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.

އެހެންވެ، މަގު ކޮނުމާއި، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ބިމު އަޑިން އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އޭރު ވަނީ އިލްތިމާސްކޮށްފައެވެ.

https://www.sun.mv/220574

ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ ގުޅޭ ގޮތުން ސްޓެލްކޯއިން މި މަހުގެ 13 ވަނަ ދުވަހު، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވެސް މަޝްވަރާކޮށްފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް އޮންނަ، މިހާރު ވެސް ގިނަ ބަޔަކު ބަދަލުވަމުން އަންނަ ސަރަހައްދެކެވެ. އެހެންކަމުން އެ ސަރަހައްދުގައި މިހާރު ވެސް އިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އެފަދަ މަސައްކަތްތަކުގެ ތެރެއިން، ކޭބަލްތަކަށް ގެއްލުންވެ މީގެ ކުރިން ވެސް ކަރަންޓު ކެނޑިފައި އެބަހުއްޓެވެ.

ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އެތައް ހާސް އާއިލާއަށް އަސާސީ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭ ކަމުގެ ގިނަ ކަންބޮޑުވުންތަކެއް އޮވެއެވެ.

comment ކޮމެންޓް