ފަސޭހަކަމާއެކު ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރެވޭ ގޮތް ހަދައިފި

ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި: "މޯލްޑިވްސް 2.0"އިނީޝިއޭޓިވްގެ ދަށުން ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމަށް ފަސޭހަ ގޮތްތަކެއް ހަދައިފި -- ފޮޓޯ/ އެމްއޭސީއެލް

މޯލްޑިވްސް އިމިގްރޭޝަނުން ފަތުރުވެރިންނަށް ވިސާ މުއްދަތު އިތުރުކުރުމަށްޓަކައި 'މޯލްޑިވްސް 2.0' އިނީޝިއޭޓިވްގެ ދަށުން އައު އުސޫލެއް ތައާރަފުކޮށްފިއެވެ. މި ބަދަލާއެކު އިމުގާ ޕޯޓަލް މެދުވެރިކޮށް ވިސާއަށް އެދޭއިރު، ސިސްޓަމުގައި ކުރިން ހުރި މައުލޫމާތުތައް އަމިއްލައަށް ފުރިގެންދާނެތީ ވަގުތު ވަރަށް ބޮޑަށް ސަލާމަތްކުރެވެއެވެ. އަދި ވިސާގެ ޚިދުމަތް 48 ގަޑިއިރުގެ ތެރޭގައި ލިބިގެންދާނެއެވެ.

  • ވިސާ މުއްދަތު އިތުރުކުރުމުގެ ކަންކަން އިމުގާ ޕޯޓަލް މެދުވެރިކޮށް މިހާރު ކުރިއަށް ގެންދެވޭނެ
  • ޕާސްޕޯޓާއި ހުންނަ ތަނުގެ މައުލޫމާތު ސިސްޓަމުން އަމިއްލައަށް ފުރިގެންދާނެ
  • ވިސާ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް 48 ގަޑިއިރުގެ ތެރޭގައި ލިބޭނެ
  • ވިސާއަށް އެދޭއިރު ފާއިތުވި 12 މަސްތެރޭގައި ނަގާފައިވާ ފޮޓޯއެއް ހުށަހަޅަންޖެހޭނެ

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަ ތަޖުރިބާއެއް ހޯދައިދިނުމަށްޓަކައި، "މޯލްޑިވްސް 2.0" އިނީޝިއޭޓިވްގެ ދަށުން ފަތުރުވެރިންގެ ވިސާ މުއްދަތު އިތުރުކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާކޮށްފިއެވެ.

އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި މި އައު އުސޫލުގެ ދަށުން ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އައު އުސޫލުގެ ދަށުން، އިމިގްރޭޝަންގެ ސިސްޓަމްގައި ކުރިން ހިމެނިފައިވާ މައުލޫމާތުތައް ވިސާއަށް އެދޭއިރު އަލުން ފުރާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ޕާސްޕޯޓުގެ މައުލޫމާތާއި، ފަތުރުވެރިޔާ ހުންނަ ތަނުގެ ރެކޯޑުތައް ފަދަ މުހިންމު ތަފްސީލުތައް ސިސްޓަމުން އަމިއްލައަށް ފުރޭނެތީ، ވިސާއަށް އެދުމުގެ މަރުހަލާ މިހާރު ކުރިއަށްވުރެ އަވަސްވެފައި ފަސޭހަވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަތުރުވެރިންނަށް "އިމުގާ" ޕޯޓަލް މެދުވެރިކޮށް މިހާރު އެ ޚިދުމަތަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އިމުގާ ޕޯޓަލްގައި ޕާސްޕޯޓު ނަންބަރު ޖެހުމުން ނުވަތަ ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ އަޕްލޯޑު ކުރުމުން، އެ ފަރާތެއްގެ މައުލޫމާތުތައް ސިސްޓަމުން އަމިއްލައަށް ހޯދައިދޭނެއެވެ. މީގެ އިތުރުން، ވިސާ އަށް އެދޭ ފަރާތުން ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި ނަގާފައިވާ ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް ޕާސްޕޯޓުގެ ބަޔޯޑޭޓާ ސަފުހާ ހުށަހަޅަން ޖެހޭނީ ހަމައެކަނި ޚާއްޞަ ހާލަތްތަކުގައެވެ. އެއީ ޕާސްޕޯޓު އައުކޮށްފައިވާނަމަ ނުވަތަ ސިސްޓަމުގައި ހުރި މައުލޫމާތާ މިހާރުގެ މައުލޫމާތު ދިމާނުވާ ހާލަތްތަކުގައެވެ.

ހަމައެއާއެކު ރާއްޖޭގައި ފަތުރުވެރިޔާ އައިސް ހުންނަ ހޮޓާ ނުވަތަ ގެސްޓްހައުސް ބަދަލުކޮށްފައިވާނަމަ، އެ މައުލޫމާތު އެޕްލިކޭޝަން މެދުވެރިކޮށް އަމިއްލައަށް އަދާހަމަ ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މި ބަދަލުތަކާއެކު ވިސާ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް 48 ގަޑިއިރުގެ ތެރޭގައި ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

ވިސާގެ ކަންކަން ނިންމުމަށް ހޭދަވާ ވަގުތު ކުޑަކުރެވިފައިވީ ނަމަވެސް، ވިސާ ލިބޭ ފަރާތްތަކުން އެ ވިސާއާއެކު ކަނޑައެޅިފައިވާ ޝަރުތުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދައުލަތުގެ ޚިދުމަތްތައް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

comment ކޮމެންޓް