އީރާން ހަނގުރާމައާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަށް ފަހު، 2 ޕަސެންޓްގެ އިތުރުވުމެއް

ފަތުރުވެރިންތަކެއް ރާއްޖޭގައި: އީރާން ހަނގުރާމައާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަށް ފަހު، 2 ޕަސެންޓްގެ އިތުރުވުމެއް ވަނީ ފެނިފައި -- ފޮޓޯ/ ވީއައިއޭ

މިދިޔަ ފެބްރުވަރީ މަހު މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުން އަންނަތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު، ފަތުރުވެރިންގެ އައި މިންވަރު ދެ ޕަސެންޓް އިތުރުވެއްޖެއެވެ.

މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގައި ފެށި ހަނގުރާމަ އަދިވެސް ނިމުމަކަށް ނާދެއެވެ. އެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހި، ބައެއް އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލަން ޖެހުނެވެ.

ރާއްޖެއަށް ވަރަށް ގިނަ ފަތުރުވެރިން އަންނަ މެދުއިރުމަތީގެ ރޫޓްތަކަށް ހުރަސްއެޅުމުން، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ފާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ މަދުވެފައެވެ. ނަމަވެސް، ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ އަދަދުތަކުން ދައްކާ ގޮތުގައި ފަތުރުވެރިން އައި އަދަދު ވަނީ އިތުރުވާން ފަށައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމައަށް، މި މަހުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 122،548އަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 2.6 ޕަސެންޓްގެ އިތުރުވުމެކެވެ.

އެ އަދަދުތަކުން ދައްކާ ގޮތުގައި، މި އަހަރުތެރޭ އެހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ އަދަދު އަދިވެސް ހުރީ، މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ހަތަރު ޕަސެންޓް ދަށްކޮށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 923،984 ފަތުރުވެރިން ކަމަށްވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 962،242 ފަތުރުވެރިން އައިސްފައިވެއެވެ.

ފަތުރުވެރިންތަކެއް ރާއްޖޭގައި: އީރާން ހަނގުރާމައާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަށް ފަހު، 2 ޕަސެންޓްގެ އިތުރުވުމެއް ވަނީ ފެނިފައި -- ފޮޓޯ/ ޓްރެވެލް ޓްރޭޑް މޯލްޑިވްސް

މި އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފަސް ޕަސެންޓް އިތުރުވިއިރު، ފެބްރުވަރީ މަހު ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު 15.7 ޕަސެންޓް އިތުރުވިއެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން، މާރިޗް މަހު ފަތުރުވެރިންގެ އަަދަދު 20.7 ޕަސެންޓް ދަށްވިއެވެ. އަދި މިދިޔަ އޭޕްރިލް މަހު އެ އަދަދު 24.4 ޕަސެންޓް ދަށްވިއެވެ.

ރާއްޖެއަށް އެންމެ ގިނައިން އަންނަ ފަތުރުވެރިން ނިސްބަތްވާ ގައުމުތަކުގެ ގޮތުގައި މި އަހަރު ވެސް އޮތީ، މިދިޔަ އަހަރެކޭ އެއްގޮތަށް ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. އޭގެ ތެރެއިން ޗައިނާއާއި ރަޝިއާއިން މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިނގިރޭސިވިލާތުން ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 79،473އަށް އަރައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު އެހެން މާކެޓެއް ކަމަށްވާ އިންޑިއާ އެ ލިސްޓުގައި އަދިވެސް އޮތީ ހަވަނައިގައި ކަމަށްވާއިރު، އެ ގައުމުން މިހާތަނަށް އައިސްފައިވަނީ 50,747 ފަތުރުވެރިންނެވެ.

ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 640,988 މީހުން ގޮސްފައިވަނީ ރިސޯޓުތަކަށް ކަމަށްވާއިރު، 218,773 މީހުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.

https://sun.mv/221796

އީރާން ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އަރައިފައިވާ ލޮޅުމުން 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ސިނާއަތުގެ އިސް ޖަމާއަތްތަކުން ވަނީ ބުނެފައެވެ. އެ ފަރާތްތަކުން ވަނީ ގެއްލުމުން އަރައިގަންނަން ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

ސަރުކާރުން ވަނީ، އެ ހާލަތު ރަނގަޅުކޮށް ފަތުރުވެރިން ގެންނަ މާކެޓުތައް އިތުރުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވުމަށްފަހު، މިހާރު ވަނީ 2 ޕަސެންޓްގެ ކުރިއެރުމެއް ހޯދާފައެވެ. މި އަހަރުގެ މިހާތަނަށް ފަތުރުވެރިން އައިސްފައިވާ ނިސްބަތް މިދިޔަ އަހަރާ އަޅާބަލާއިރު 4 ޕަސެންޓް ދަށްވި ނަމަވެސް، ފަހުގެ ތަފާސްހިސާބުތަކުން ދައްކަނީ އުންމީދީ ކުރިއެރުމެކެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު 500 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމުން އަރައިގަތުމަށް، ސަރުކާރުން އަންނަނީ އާ މާކެޓުތައް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންނެވެ. މީގެ އިތުރުން، ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކެވެ.

  • ފަހުގެ ތަފާސްހިސާބުތަކުން ފަތުރުވެރިންގެ އަދަދު 2 ޕަސެންޓް އިތުރުވެފައިވާކަން ވަނީ ހާމަވެފައެވެ.
  • އަހަރުގެ މިހާތަނަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ 4 ޕަސެންޓް ދަށެވެ.
  • ހަނގުރާމައިގެ ސަބަބުން ސިނާއަތަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވެއެވެ.
  • ގެއްލުމުން އަރައިގަތުމަށާއި އާ މާކެޓުތައް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
comment ކޮމެންޓް