ފިލްމު 'ޖަވާން'ގެ ދެވަނަ ބައެއް އުފައްދަނީ؟

ފިލްމު "ޖަވާން"ގެ ޑައިރެކްޓަރު އެޓުލީ އަދި އެ ފިލްމުގެ ލީޑް އެކްޓަރު ޝާހްރުކް ޚާން--ފޮޓޯ/ސިނެމާއެކްސްޕްރެސް

2023 ވަނަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު ޖަވާންގެ ދެވަނަ ބައެއް ކަމަށްވާ ޖަވާން 2 ގެ މަސައްކަތް ފެށުމަށް ޑައިރެކްޓަރު އެޓުލީ އާއި ޝާހްރުކް ޚާން އަންނަނީ ތައްޔާރުވަމުންނެވެ. ޝާހްރުކް ޚާން ވަނީ ފިލްމުގެ ސްކްރިޕްޓަށް ރުހުން ދީފައެވެ. އަދި އޭނާގެ ކުރިއަށް އޮތް ފިލްމު ކިންގް ގެ މަސައްކަތް ނިމުމާއެކު މި ފިލްމުގެ މަސައްކަތް ފަށާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ޖަވާން އަކީ ޝާހްރުކް ޚާންގެ ކެރިއަރުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އަދި ނެޝަނަލް އެވޯޑު ވެސް ލިބުނު ފިލްމެކެވެ.

  • ޖަވާން 2 ގެ ސްކްރިޕްޓަށް ޝާހްރުކް ޚާން ފެހި ސިގްނަލް ދީފައިވުން
  • މި އަހަރު ނެރޭ ފިލްމު ކިންގް އަށްފަހު ޖަވާން 2 ގެ މަސައްކަތް ފެށުން
  • ފުރަތަމަ ފިލްމު ޖަވާން އަކީ 1148 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެއްކަން
  • ޖަވާން އަކީ ޝާހްރުކް ޚާންއަށް ނެޝަނަލް އެވޯޑު ކާމިޔާބުކޮށްދިން ފިލްމެއްކަން

މީގެ ތިން އަހަރު ކުރިން ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ޑައިރެކްޓަރު އެޓުލީގެ ފިލްމު "ޖަވާން"ގެ ދެވަނަ ބައެއް އުފެއްދުމާ ބެހޭގޮތުން މަޝްވަރާތަކެއް ކުރާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބޮލީވުޑްގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުން ޑައިރެކްޓަރު އެޓުލީއާއި އެ ފިލްމުގެ ލީޑް އެކްޓަރު ޝާހްރުކް އަންނަނީ "ޖަވާން 2"ގެ ސްކްރިޕްޓްގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ. ސިނެމާއެކްސްޕްރެސްގެ ރިޕޯޓެއްގައިވާ ގޮތުން މި ފިލްމުގެ ސްކްރިޕްޓް މުތާލިއާކުރުމަށް ފަހު ޝާހު ވަނީ ފިލްމުގެ ސްކްރިޕްޓް އެކްޓަރަށް ކަމުދާކަމުގެ ފެހި ސިގްނަލް ދީފައެވެ.

މި އަހަރުގެ ޑިސެންބަރު ސިމަނާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ޝާހުގެ ފިލްމު "ކިންގް"ގެ މަސައްކަތް ނިމުނުހާ އަވަހަށް އެޓުލީއާ އެކު "ޖަވާން 2"ގެ މަސައްކަތް އެކްޓަރު ފަށަން ނިންމާފައިވާ ކަމަށް ވެސް ފިލްމީ ޚަބަރުތައް ބުނެއެވެ.

ފިލްމު "ޖަވާން"ގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ފޮޓޯ ކޮލާޖްއެއް--ފޮޓޯ/ސިނެމާއެކްސްޕްރެސް

ޝާހުގެ އާއިލީ ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިމަންޓް ބެނާގެ ދަށުން ގެނެސްދިން "ޖަވާން"ގެ ޕްރޮޑިއުސަރަކީ ގޯރީ ޚާންއެވެ. ޝާހުއާ އެކު 2023ގެ ފިލްމުން ނަޔަންތާރާ، ދީޕިކާ ޕަދުކޯން، ވިޖޭ ސެތުޕަތީ، ޕްރިޔާމާނީ، ސާންޔާ މަލްހޯތުރާ އަދި ސުނިލް ގްރޯވަރު މުހިއްމު ރޯލްތަކުން ފެނުނެވެ.

ފިލްމު "ޖަވާން"ގެ ދެވަނަ ބައެއް އުފެއްދުމުގެ އަޑުތަކެއް އަރާފައިވީ ނަމަވެސް އެ ފިލްމާގުޅޭ ތަފުސީލީ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ޖުމުލަ 300 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި "ޖަވާން" ސިނަމާތަކުން ނެގިއިރު އާމްދަނީގެ ގޮތުގައި ފިލްމަށް 1،148.32 ކްރޯޑު ރުޕީސް ވަނީ ލިބިފައެވެ. މިއީ ޝާހްރުކް ޚާންގެ ދިގު ފިލްމީ ކެރިއަރުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުގެ އިތުރުން އެކްޓަރަށް ނެޝަނަލް އެވޯޑު ވެސް ކާމިޔާބުކޮށްދިން ފިލްމެވެ.

comment ކޮމެންޓް