ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ގުޕްތާ މަރުވެއްޖެ

ބޮލީވުޑްގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު ސަންޖޭ ގުޕްތާ. ސަންޖޭ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ހިންދީ ސިނަމާގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެކްޝަން ތުރިލާ ފިލްމުތަކެއް ގެނެސްދީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ގުޕްތާ، އުމުރުން 59 އަހަރުގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އަމިއްލަ ގޭގައި އުޅެނިކޮށް ވެއްޓި ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކަކަށް ފަރުވާ ނުލިބި ވަނިކޮށް، އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

ސަންޖޭ ގުޕްތާގެ ވަކިވުމުގެ ހިތާމަވެރި ޚަބަރު ކަށަވަރުކޮށްދެމުން ފިލްމު އުފެއްދުންތެރިޔާ އަޝޯކް ޕަންޑިތު ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ސަންޖޭ މަރުވީ ގޭތެރޭގައި ހިނގި ހާދިސާއެއްގައި ބޮލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކަމަށެވެ. މިއީ މުޅި ފިލްމީ ސިނާއަތަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރަމުން، ސަންޖޭއަކީ ދިރުންހުރި، ފިލްމު އުފެއްދުމުގެ ފަންނަށް އިންތިހާއަށް ލޯބިކުރި މޮޅު ވާހަކަދެއްކުންތެރިއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ސަންޖޭ އަނބިމީހާ އަނޫރާދާއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ސަންޖޭ ގުޕްތާ ފިލްމީ ދާއިރާއަށް ޑައިރެކްޓަރެއްގެ ގޮތުގައި ފުރަތަމަ ތައާރަފުވީ 1994 ވަނަ އަހަރު ނެރުނު 'އާތިޝް: ފީލް ދަ ފަޔަ'އިންނެވެ. އޭގެ ފަހުން 'ރާމް ޝާސްތުރާ'، 'ޖަންގް' އަދި 'ޚައުފް' ފަދަ ސަމާލުކަން ހޯދި ފިލްމުތަކެއް ގެނެސްދިން ނަމަވެސް، އޭނާގެ ފިލްމީ ޙަޔާތަށް އެންމެ ބޮޑު އިންގިލާބީ ބަދަލެއް ގެނުވީ 2002 ވަނަ އަހަރު ރިލީޒްކުރި ގިނަ ތަރިންތަކެއް ހިމެނޭ މަޝްހޫރު ހެއިސްޓް ޑްރާމާ 'ކާންޓޭ'އިންނެވެ. އެ ފިލްމަކީ ބޮލީވުޑްގައި އެކްޝަން ފިލްމު ހަދާ ގޮތް މުޅިން އަލުން ބައްޓަންކޮށްދިން މުހިންމު އުފެއްދުމެކެވެ.

ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި ސަންޖޭ ވަނީ އަމިއްލަ ޕްރޮޑަކްޝަން ހައުސް 'ވައިޓް ފެދާ ފިލްމްސް' ވުޖޫދަށް ގެނެސް، ވާހަކަ ލިޔުންތެރިއެއްގެ އިތުރުން ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އޭނާ ޑައިރެކްޓްކޮށް ގެނެސްދިން ފާހަގަކޮށްލެވޭ އެހެން ފިލްމުތަކުގެ ތެރޭގައި 'ހަމޭޝާ'، 'މުސާފިރު'، ސައިކޮލޮޖިކަލް ތުރިލާ 'ޒިންދާ'، އެންތޮލޮޖީ ފިލްމު 'ދަސް ކަހާނިޔާ'، 'ޝޫޓްއައުޓް އެޓް ވަޑާލާ'، 'ޖަޒްބާ'، ރިތިކް ރޯޝަން މުހިންމު ރޯލު ކުޅުނު 'ގާބިލް' އަދި 'މުމްބާއީ ސާގާ' ހިމެނެއެވެ. ސަންޖޭ އެންމެ ފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވަނީ ހަރްޝްވަރުދަން ރާނޭ އާއި މިޒާން ޖެފްރީ ލީޑް ރޯލު ކުޅުނު 'ދަ މިރަންޑާ ބްރަދާސް'އެވެ.

ސަންޖޭގެ މި ކުއްލި ވަކިވުމާއެކު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ގިނަ ތަރިންތަކެއް ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ. އޭގެތެރޭގައި، ސަންޖޭ ދަތު، ރިތިކް ރޯޝަން، ހަންސަލް މެހެތާ، ނީލް ނިތިން މުކޭޝް، ދިއާ މިރުޒާ، ކާޖޮލްގެ އިތުރުން ތުޝާރު ކަޕޫރު ހިމެނެއެވެ.

comment ކޮމެންޓް