ނަފުރަތު ކުރާ މީހުންނަށް، ދިލްޖީތުގެ ވަރުގަދަ ރައްދެއް

އިންޑިއާގެ މަޤުބޫލު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖް--ފޮޓޯ/ސްކްރީން

އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު ދޮސާންޖް، އޭނާގެ "އޯރާ ޓުއާ"ގެ އިންޑިއާ ލެގް ފެށުމަށް ނިއުދިއްލީގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ބޭއްވި ފޯރިގަދަ ކޮންސަޓުގައި، އޭނާއަށް އަމާޒުވަމުންދިޔަ ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާ މި ޝޯ ކުރިއަށްގެންދިޔައީ ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށް، އެ ސަރަޙައްދުގައި ސެކިއުރިޓީ އޮފިޝަލުން ހަރަކާތްތެރިވަމުން ދަނިކޮށެވެ. މީގެއިތުރުން ދަންވަރު ބާރަ ޖަހަންދެން ޓްރެފިކް ބެލެހެއްޓުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

ޝޯ ބޭއްވުމާ މެދު އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވުމުން ދިލްޖީތު ވަނީ އެކަމަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. އެގޮތުން އޭނާ ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ލައިވް ޝޯތައް ބާއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދިނެވެ. މި ޝޯ ކުރިން ފަސްވާގޮތް ދިމާވީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް އަމަންއަމާންކަން ދެމެހެއްޓުމުގެ މަސައްކަތްތައް ހުރުމުން ފުލުހުން ހުއްދަ ދިނުން ލަސްކުރުމުންނެވެ. ނަމަވެސް، އިންތިޒާމުކުރި "ބުކްމައިޝޯ ލައިވް"އިން ޓްރެފިކާއި މީހުން ބެލެހެއްޓުމުގެ ފުރިހަމަ ޕްލޭނެއް ހުށަހަޅައި ފުލުހުންގެ ހުރިހާ ޝަރުތުތަކަށް އެއްބަސްވުމާއެކު ހުއްދަ ވަނީ ލިބިފައެވެ.

ޝޯ ފެށުމުގެ މާކުރިން ވެސް ސްޓޭޑިއަމް ސަރަހައްދުން ބޮޑު ތަރުހީބެއް ފެނުނުއިރު، ގިނަ ބަޔަކު ދަތުރުކުރީ ޓްރެފިކް އިރުޝާދުތަކާ އެއްގޮތަށް މެޓްރޯ މެދުވެރިކޮށެވެ. ސަޕޯޓަރުން ތިބީ ޕަންޖާބީ ސަގާފަތް ދައްކުވައިދޭ ޓީޝާޓުތަކާއި ހެދުންތަކުގައި ކަމަށްވާއިރު، ހިލޭ ފަގުޑި އަޅައިދޭ ޚާއްސަ ކިއޮސްކަކުން އެ މާޙައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.

ދިލްޖީތު މިދިޔަ އަހަރު ބޭއްވި މެޓް ގާލާ އިވެންޓުގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ޝޯގެ މެދުތެރެއިން ވާހަކަދައްކަމުން ދިލްޖީތު ވަނީ، ދާދިފަހުން ދަރިވަރުންގެ އިހުތިޖާޖުތަކާ ގުޅިގެން އޭނާއަށް އަމާޒުވި ފާޑުކިޔުންތަކަށާއި އޭނާގެ ފިލްމު "ސަތުލުޖް"އާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކަށް ސީދާ ރައްދެއް ދީފައެވެ. އިންސާނީ ޙައްގުތަކަށް މަސައްކަތްކުރި ޖަސްވަންތު ސިންގް ޚަލްރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހެދި އެ ފިލްމަށްޓަކައި އެތައް ގުރުބާނީތަކެއް ވެފައިވާކަން ހަނދާންކޮށްދެމުން އޭނާ ބުނީ، ޕަންޖާބީންނަށް ހަނގުރާމަކުރަން ދަސްކޮށްދޭން ނޫޅުމަށެވެ. އަދި އޭނާއަކީ ފަންނާނެއް ކަމަށާއި، ބަޔަކު ނަފުރަތު ކުރި ނަމަވެސް އޭނާގެ ފަރާތުން އޮތީ ހަމައެކަނި ލޯބި ކަމަށް ވަރަށް ސާފުކޮށް ހާމަކުރިއެވެ.

ޝޯ ނިންމާލުމުގެ ގޮތުން ދިލްޖީތު ވަނީ "ޖީއޯއޭޓީ" އާއި "ބޯން ޓު ޝައިން" އަދި "އަމަރު ސިންގް ޗަމްކީލާ" ފިލްމުގެ "މޭން ހޫން ޕަންޖާބް" ފަދަ މަޝްހޫރު ލަވަތައް ހުށަހަޅައިދީފައެވެ. އަދި ޝޯއަށްފަހު އިންސްޓަގްރާމް މެދުވެރިކޮށް ދިއްލީގެ ސަޕޯޓަރުންނަށް އޭނާ ޚާއްޞަ ޝުކުރެއް އަދާކުރިއެވެ. "އޯރާ އިންޑިއާ ޓުއާ" ކުރިއަށް އޮތް ދެ މަސްދުވަހު އިންޑިއާގެ ބޮޑެތި އެތައް ސިޓީއަކަށް ދަތުރުކުރާއިރު، މި ހިނގާ ނޮވެމްބަރު މަހު އިންދޯރު، އަހުމަދުއާބާދު، މުމްބާއީ އަދި ބެންގަލޫރުގައި ޝޯތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް