'ވިމަލް އިލައިޗީ' ޕްރޮމޯޓްކުރި މައްސަލައިގައި މަހާރާޝްޓްރާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ފޮނުވި ޝޯ-ކޯޒް ނޯޓިސް ބާތިލުކުރުމަށް އެދި، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ބޮމްބޭ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި އަޖޭ ފާހަގަކޮށްފައިވަނީ، އެ އުފެއްދުން ބާޒާރަށް ނެރޭ މައި ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، ހަމައެކަނި އިޝްތިހާރުގައި ފެނުނު އެކްޓަރަކަށް އަމާޒުކޮށް މިފަދަ ނޯޓިހެއް ފޮނުވުމަކީ އެއްވެސް އިންސާފެއް ނެތް އަމަލެއް ކަމަށެވެ. މި މައްސަލައިގެ އަޑުއެހުން ޗީފް ޖަސްޓިސް މަހޭޝް ޗަންދްރާ ތުރިޕާތީ އާއި ޖަސްޓިސް އަދްވައިތު ސޭތުނާގެ ބެންޗުގައި މި މަހުގެ ހަތަރުވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
އަޖޭ ކޯޓުގެ ދޮރުގައި ޓަކިދިން ނަމަވެސް، އެ އިދާރާއިން ކުރިއަށްގެންދާ ގާނޫނީ ފިޔަވަޅުތައް ހުއްޓުމަކަށް ނާންނާނެކަމުގެ ޔަގީންކަން އެފްޑީއޭގެ ކޮމިޝަނަރު ތުކާރާމް މުންދޭ ވަނީ ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ވިމަލް ޕާން މަސާލާގެ އިޝްތިހާރު މައްސަލައިގައި ޖަވާބުދާރީވުމަށް އެކްޓަރުން އިތުރު މުއްދަތަކަށް އެދުނު ނަމަވެސް، އެސިސްޓެންޓް ކޮމިޝަނަރު ހިންގެވި ފުރިހަމަ ތަހުގީގުން އެ ފަރާތްތަކުން ސްޓޭޓްގެ ގަވާޢިދުތަކާ ޚިލާފުވެފައިވާކަން ވަނީ ސާބިތުވެފައެވެ. އެހެންކަމުން މުޅި ތަހުގީގު އެއްކޮށް ނިންމައި، ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައިވާ ޖޮއިންޓް ކޮމިޝަނަރުގެ ކުރިމައްޗަށް މި މައްސަލަ އަންނަ ހަފުތާގެ ތެރޭގައި ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
'ވިމަލް އިލައިޗީ' އިޝްތިހާރުގައި ހަރަކާތްތެރިވާ އަޖޭ ދޭވްގަން، ޝާހްރުކް ޚާން އަދި ޓައިގާ ޝްރޮފް--ފޮޓޯ/ބޮލީވުޑްހަންގާމާއެފްޑީއޭއިން ހާމަކުރި ގޮތުގައި، 'ވިމަލް އިލައިޗީ'ގެ ނަމުގައި ޓީވީތަކުން ދައްކަމުންދަނީ މަހާރާޝްޓްރާގައި ވިއްކުން މަނާކޮށްފައިވާ 'ވިމަލް ޕާން މަސާލާ' ނުސީދާކޮށް ޕްރޮމޯޓްކުރުމަށް ހިންގާ ނުރައްކާތެރި ވަގު އިޝްތިހާރުތަކެކެވެ. މަނާކޮށްފައިވާ ގުޓްކާ އާއި ޕާން މަސާލާ ފަދަ ތަކެތި އިޝްތިހާރުކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، އަޖޭގެ އިތުރުން މަޝްހޫރު އެކްޓަރު ޝާހްރުކް ޚާން އަދި ޓައިގާ ޝްރޮފަށް ވެސް ވަނީ މީގެ ކުރިން ނޯޓިސް ފޮނުވާފައެވެ. އަދި މިފަދަ ނުރައްކާތެރި އުފެއްދުންތަކާ ދުރަށް ދިއުމަށް އިންޒާރު ދިނުމުގެ އިތުރުން، އިޝްތިހާރުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން ޒިންމާދާރުކަމާއެކު ބަލަންޖެހޭ މަޢުލޫމާތުތައް ބަލާފައިވޭތޯ އެފަރާތްތަކުން ކަށަވަރުކޮށްދޭންޖެހޭނެ ކަމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.
މި ތިން އެކްޓަރުން ވެސް ގަވާއިދާ ޚިލާފުވެފައިވާކަން ތަހުގީގަށް ސާފުވެފައިވުމާއެކު، މުޅި މައްސަލަ މިހާރު ވަނީ ކުށް ސާބިތުކޮށް އިދާރީ އަދަބު ކަނޑައަޅާ 'އެޑްޖުޑިކޭޝަން' މަރުހަލާއާ ހަމައަށް ވާސިލުވެފައެވެ. މިއީ އާންމު ކޯޓުތަކުގައި އަހަރުތަކަކަށް ދެމިގެންދާ ޝަރީއަތްތަކަށް ބަރޯސާވުމުގެ ބަދަލުގައި، އިދާރީ އިސް ފަރާތްތަކުން ހެކިތަކަށް ރިއާޔަތްކޮށް ޖިނާއީ ނޫން ކުށްތަކަށް އަވަސް އަދަބާއި ބޮޑެތި ޖޫރިމަނާތައް ކަނޑައެޅުމަށް ގާނޫނީ ގޮތުން ލިބިދޭ ވަރުގަދަ ބާރެކެވެ. އެހެންކަމުން މަހާރާޝްޓްރާގެ އެފްޑީއޭއިން މިހާރު ތައްޔާރުވަމުން އަންނަނީ މި އިދާރީ ނިޒާމުގެ ތެރެއިން އެކްޓަރުންނާ މެދު އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ.