މިދިޔަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން: މިދިޔަ އަހަރު ބީއެމްއެލްގެ ސާފު ފައިދާއަކީ 2.5 ބިލިއަން ރުފިޔާކަން ވަނީ އެ ޖަލްސާގައި އާއްމުކޮށްފައި -- ފޮޓޯ/ ބީއެމްއެލް

މިދިޔަ 2025ވަނަ އަހަރު ގައުމީ ބޭންކު ބީއެމްއެލުން 2.5 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައި، ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވިއްޖެ ކަމަށް، އެ ބޭންކުން މިއަދު ބުނެފިއެވެ.

ބީއެމްއެލުން ބުނީ، މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

ބޭންކުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރު ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.

އެއާއެކު، ބޭންކުގެ މިލްކިއްޔާތުގެ އަގު ވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އެ ތަފާސްހިސާބުތަކުގައިވާ ގޮތުން ބީއެމްއެލުން މިދިޔަ އަހަރު އާންމުންނަށާއި ވިޔަފާރިތަކަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި އަލަށް ދިހަ ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މީގެ އިތުރުން އަލަށް 30،000އަށް ވުރެ ގިނަ ކަސްޓަމަރުން ބޭންކާ ގުޅި، ކަސްޓަމަރުން ބޭންކުގައި ފައިސާ ޖަމާކުރި ވަރު 2024ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު 16 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް ބީއެމްއެލްގެ ތަފާސްހިސާބުތަކުގައިވެއެވެ.

މި ނަތީޖާއަކީ ބީއެމްއެލުން މާލީގޮތުން ހޯދި ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރި މަސައްކަތްތަކާއި، ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ޚާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއްގެ ގޮތުގައި ބީއެމްއެލުން ސިފަކުރެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ބީއެމްއެލުން މާލީގޮތުން ރަނގަޅު ނަތީޖާއެއް ހޯދައި، އިޖުތިމާއީގޮތުން ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވޭނެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ހޯދި ރެކޯޑު ފައިދާއާއި، ބެންކުގެ ތާރީޚުގައި ވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިގްތިސާދު ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މުހިންމު މަސައްކަތް، ބޭންކުގެ ވިއުގަ އިތުރަށް ފުޅާކުރުމާއެކު ޑިޖިޓަލް ވަސީލަތްތައް ތައާރަފްކޮށް އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުން ރަމްޒުކޮށްދެނީ، ކޮންމެ ދިވެއްސަކަށްވެސް، އެމީހަކު ހުރި ތަނަކުން ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރާ ބުރަ މަސައްކަތް. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް،" ޝަރީފް ވިދާޅުވިއެވެ.

ނިމިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރުން ކަމަށާއި، އެ މަޝްރޫއާ ގުޅިގެން، މާލީ ޚިދުމަތްތަކުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 'ކޯރަސް' އިން ދޭ 'އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން' އެވޯޑު ލިބިފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ.

comment ކޮމެންޓް